އީލޯން މަސްކްގެ 'އޮޕްޓިމަސް' ރޮބޮޓް ދައްކާލައިފި

ކަރަންޓް ކާރު އުފެއްދުމުގައި އެފަދަ ދެވަނައެއް ނެތް ކުންފުނި ޓެސްލާގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ 'އޮޕްޓިމަސް' ރޮބޮޓް ދައްކާލައިފިއެވެ.

އިންސާނެއްގެ ސިފައާ އެއްގޮތަށް ފަރުމާކޮށްފައިވާ ރޮބޮޓް އޮޕްޓިމަސް ދައްކާލާފައިވަނީ މިދިޔަ ހުކުރު ދުވަހު ޓެސްލާއިން ބޭއްވި އާޓިފިޝަލް އިންޓެލިޖެންސް ދުވަސް އިވެންޓުގައި އެ ކުންފުނީގެ ސީއީއޯ އީލޯން މަސްކްއެވެ.

އިންސާނަކާ ނުލައި އަމިއްލައަށް ދުއްވާ އުޅަނދުތައް ވެސް އުފެއްދުމުގެ އުންމީދުގައި ހުރި ބިލިއަނަރު މަސްކް، ރޮބޮޓެއް އުފައްދައި އޭތި ފުރަތަމަ ފަހަރަށް ދައްކާލިއިރު، ރޮބޮޓް ވިޔަފާރީގެ ތެރެއަށް އޭނާ ވަދެފައި ވަނީ އެ ސިނާއަތަކީ ވެސް ދުނިޔޭގައި ވަރަށް ޑިމާންޑް ބޮޑުވާނެ ސިނާއަތެއް ކަމަށް ބުނަމުންނެވެ.

ޓެސްލާގެ އެ ހާއްސަ އަހަރީ އިވެންޓުން ފެނުނީ އިންސާނަކާ ވަރަށް އެއްގޮތަށް ހަރަކާތެރިވާ ރޮބޮޓެއް ސްޓޭޖު މައްޗަށް އަރައި ހިނގާފައި ގޮސް، އިށީނދެގެން ތިބި ބެލުންތެރިންނަށް ހަނާއަޅާ މަންޒަރެވެ.

އޭގެ އިތުރުން އެ ރޮބޮޓް އަމިއްލައަށް ގަސްގަތަކަށް ފެންދޭ މަންޒަރާއި، ފެކްޓްރީއެއްގައި މަސައްކަތް ކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އެ އިވެންޓުގައި ދައްކާލައިފައިވެއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް އަވަހަކަށް ބޭނުންތެރި ހިއުމަނޮއިޑް (އިންސާނެއްފަދަ) ރޮބޮޓެއް އުފެއްދުން. އެކަމަކު އެ އުފެއްދުން އިތުރަށް ފުރިހަމަކޮށް އެކަން ސާބިތުކޮށްދިނުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ،" ކެލިފޯނިއާގެ ޕަލޯ އަލްޓޯގައި ހުންނަ ޓެސްލާގެ އޮފީހެއްގައި ބޭއްވި މި އިވެންޓުގައި މަސްކް ވިދާޅުވިއެވެ.

މަސްކް ވިދާޅުވީ މި ވަގުތު ދުނިޔޭގައި އުފައްދާފައިވާ ގިނަ ހިއުމަނޮއިޑް ރޮބޮޓްތަކަކީ "ސިކުނޑިއެއް ނެތި" މަސައްކަތް ކުރާ ރޮބޮޓްތަކެއް ކަމަށާއި، އެ ރޮބޮޓްތަކަށް އިންސާނެއް ފަދައިން އަމިއްލައަށް އުޅެވޭނެ ތޫނުފިލިކަން ލިބިފައި ނެތް ކަމަށެވެ. އަދި މިހާރު ހުރި ރޮބޮޓްތައް ވަރަށް އަގުބޮޑުވެފައި އުފައްދަނީ ވަރަށް މަދުން ކަމަށް މަސްކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭނާގެ ރޮބޮޑް "އޮޕްޓިމަސް" ވާނީ އިންތިހާއަށް ގާބިލް ރޮބޮޓަކަށް ކަމަށާއި އެފަދަ ރޮބޮޓް ވަރަށް ގިނައިން އުފައްދާނެ ކަމަށެވެ. އަދި އެ ރޮބޮޓް ކާރަކަށް ވުރެ މާ އަގުހެޔޮ ވާނެ ކަމަށާއި މުސްތަގުބަލުގައި ގާތްގަޑަކަށް 20،000 ޑޮލަރަށް ވިއްކާލެވޭނެ ކަމަށެވެ.

ޓެސްލާއިން ހިއުމަނޮއިޑް ރޮބޮޓްތައް އުފެއްދުމަށް ރާވާފައިވާކަން މަސްކް އިއުލާންކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެ ކުންފުނިން ބޭއްވި އޭއައި ޑޭގައެވެ. އަދި މިއަހަރުގެ އޭއައި އިވެންޓް އޮގަސްޓު މަހު ނުބާއްވާ މިދިޔަ މަހަށް ލަސްކުރީ، އޮޕްޓިމަސްގެ ޕްރޮޓޯޓައިޕް ތައްޔާރުކުރުމަށެވެ. އެ ރޮބޮޓް އާންމުކޮށް އުފެއްދުމުގެ މަސައްކަތް އަންނަ އަހަރު ފަށަން އެ ކުންފުނިން ވަނީ ރާވާފައެވެ.

އަބަދުވަސް އާއީޖާދުތަކަށް ލޯބިކުރާ މަހުޖަނު މަސްކް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ގޭގޭގައި ކާން ހަދައިދީ، ދަތުރުފަތުރުކޮށްދީ އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި އިންސާނުންގެ ގާތް އެކުވެރިއެއްގެ ގޮތުގައި ރޮބޮޓްތައް ހަރަކާތްތެރިވާނެ ކަަމަށެވެ.

ހުކުރު ދުވަހުގެ އިވެންޓުގައި މަސްކް އިތުރަށް ވިދާޅުވީ އިންސާނަކާ ނުލައި އަމިއްލައަށް ދުއްވާ ކަރަންޓް ކާރުގެ ވައުދު ޓެސްލާއިން މި އަހަރު ފުއްދައި، ސްޓިއަރިން އާއި ޕެޑަލް ނެތް ރޮބޮޓެކްސީއެއް 2024 ވަނަ އަހަރުގެ ނިޔަލަށް ތައާރަފް ކުރާނެކަމަށެވެ.

ދެހާސްވިހި ވަނަ އަހަރުގެ ނިޔަލަށް ޓެސްލާއިން އެއް މިލިއަން ރޮބޮޓެކްސީ އުފައްދާނެ ކަމަށް 2019 ވަނަ އަހަރު މަސްކް ބުނި ނަމަވެސް، އަދި އެފަދަ އެންމެ ކާރެއް ވެސް އާންމުންނަށް ދައްކާފައިނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު