ނިޒާމުން ބޭރުން ވަލުދޮރޯށިން އައްމަޓީ ފިލާފާނެ: ދައުލަތް

އަހްމަދު މޫސަ (އައްމަޓީ) ދޫކޮށްލި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގެ ތެރެއިން ----

އަންހެން ކޮއްކޮ އާއި ދައްތަ ޖާމިނިކޮށް ކަފާލާތުގެ ދަށުން ދޫކޮށްލާފައި ހުރި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ވަލުދޮރޯށިން ފިލާފާނެ ކަމަށް ދައުލަތުން ބުނެފިއެވެ.

އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ހިޔާނާތްތެރިވި މައްސަލައިގައި އައްމަޓީގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލައިފައެވެ.

އެ މައްސަލަތައް ކުރިއަށް ދަނިކޮށް ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލުމުން, ދައުލަތުން ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފަށް ހުށަހަޅާފައެވެ.

އެ މައްސަލައިގައި ހައިކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި, ދައުލަތުގެ ފަރާތުން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލު ވިދާޅުވީ, އައްމަޓީ އަކީ މީގެ ކުރިން ވެސް ފިލުމުގެ ރިކޯޑް އޮތް މީހެއް ކަމަށާއި ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމިއިރު އެކަމަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.

"އަހްމަދު މޫސާގެ ހިސްޓްރީއަށް ބަލާއިރު އަދިވެސް ފާޅުކަން ބޮޑު ގޮތެއްގައި އިހްތިމާލް އެބައޮތް އަހްމަދު މޫސާ ފިލައިގެން ހިނގައިދާނެ ކަމަށް. ފިލައިގެން ގޮސްފި ކަމުގައި ވަނީ ނަމަ 42 މީހުންގެ ފައިސާއަށް ހިޔާނަތްތެރިވެގެން އަޅުގަނޑުމެން މި ބަލާ ޝަރީއަތަށް ހުރަސް އެޅިގެން ހިނގައިދާނެ. އެ ހާލަތުގައި މުޅި މުޖުތަމައުގެ މަސްލަހަތު ގެއްލިގެން ދާނެ," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އަހްމަދު މޫސަ (އައްމަޓީ) ދޫކޮށްލި މައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގެ ތެރެއިން ----

ޕާސްޕޯޓް މުއްދަތު ހަމަވެފައި ހުރި މީހެއް ފިލައިގެން ހިނގައިދާނެ ކަމަށް ދައުލަތުން ބުނުމުން ފަނޑިޔާރު ވަނީ އެކަމުގެ ތަފްސީލް ދެއްވުމަށް އެދިފައެވެ. އަދި އެކަމުގެ މިސާލެއް ދެއްކުމަށް ވެސް އެދުނެވެ.

"ޕާސްޕޯޓް ހިފަހައްޓާފައި އަދި ފުރުން މަނާކުރުމުގެ އަމުރެއް ނެރެފައި އޮތްކަމުގައިވީ ނަމަވެސް ވަލުދޮރޯށިން ނޫނީ އެހެން ގޮތަކުން އަޅުގަނޑުމެންގެ މިއޮތް ނިޒާމަށް ނޭނގި ފިލައިގެން ދިއުމުގެ އިހްތިމާލް އެބައޮތް," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އަހްމަދު މޫސާ އަކީ މީގެ ކުރިން އިންޓަނޭޝަނަލް އެރީނާގެ ތެރޭގައި ފިލައިގެން އުޅެފައިވާ ފަރާތެއްކަން ފާހަގަކޮށް ދައުލަތުގެ ވަކީލް ވިދާޅުވީ, އެތައް ފަހަރު ހާޒިރު ކުރަން މަސައްކަތްކޮށް ވެސް ހާޒިރުވެފައި ނުވާ ފަރާތެއް ކަމަށެވެ.

"ވިސާގެ މައްސަަލައެއް ދިމާވެގެން ޑީޕޯޓްކޮށްލި. އެހެންވީމަ އިންޓަނޭޝަނަލް އެރީނާގެ ތެރޭގައި މިގޮތަށް މި އަމަލުތައް ހިންގާފައި ހުރިކަމުގެ ސާފު ހެކި އޮތް މައްސަަލައެއް މި މައްސަލައަކީ," ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

ދައުލަތުގެ އެ ވާހަކަތަކަށް މައްސަލަ ރައްދުވާ ފަރާތުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ރައްދުވެސް ވަނީ ދެއްވާފައެވެ.

އެގޮތުން އައްމަޓީ ބުނެފައިވަނީ އޭނާ ރާއްޖެ ނައިސް ހުރީ ފުރާނައަށް ނުރައްކާވާނެ ފަދަ އިންޒާރުތަކެއް ލިބިފައި އޮތުމުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އަދި އޭނާ ޑީޕޯޓްކޮށްލި ކަމަށް ދައުލަތުން ބުނެފައިވާތީ އެކަން ސާބިތު ކޮށްދިނުމަށް ވެސް ވަނީ ޗެލެންޖު ކޮށްފައެވެ.

އެގޮތުން އޭނާ ރާއްޖެ އައުމަށް ނިންމާފައިވަނީ ސީލައިފަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް, ދައުލަތުން އަނބުރާ ފައިސާ ދެއްކުމުން ކަމަށެވެ. އެ ހިސާބުން އޭނާއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވަނީ ބުނެފައެވެ.

ވަލު ދޮރޯށިން އައްމަޓީ ފިލާފާނެ ކަމަށް ދައުލަތުން ބުނުމުން އޭނާގެ ވަކީލް އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް މުހްތާޒް މުހިސިން ވަނީ ރައްދު ދެއްވާފައެވެ.

"ދައުލަތުން އެ ވިދާޅުވާ ވަލު ދޮރޯށި އަޅުގަނޑަކަށް ނުވެސް ފެނޭ. މިހާތަނަށް ވަލު ދޮރޯށިން ފިލި ފަރާތް ހުރީ ގޭ ބަންދުގައި. އެހެން ނަމަވެސް ދައުލަތުން އެއަށް ޗެލެންޖް ކުރިތަނެއް އަޅުގަނޑުމެން ނުދެކެން. ވަކި ފަރުދަކަށް ވީތީ ވަކި ގޮތެއް ބޭއްވިގެން ނުވާނެ. ވަކި ފަނޑިޔާރަކު މައްސަަލައެއް ނިންމީތީ ވަކި ފަނޑިޔާރަކާ ޒާތީވެ ސޯޝަލް މީޑިއާގައި އެކަން ޕީޖީ އޮފީހުގެ އެންމެ އިސްވެރިންގެ ލެވަލްގައި ކުރަމުންދާ ތަން އަޅުގަނޑުމެންނަށް ފެންނަމުން އެބަދޭ. އެއީ އިސްތިއުނާފް ރައްދުވާ ފަރާތުގެ ހައްގަށް އުނިކަން އަންނަވަރުގެ ކަމެއް ކަން އަޅުގަނޑުމެނަށް ބެލެވޭތީ އެކަން އަޅުގަނޑުމެން ޝަރީއަތުގެ ސަމާލުކަމަށް ގެންނަން." މުހުތާޒު ވިދާޅުވިއެވެ.

އައްމަޓީ ބަންދުން ދޫކޮށްލުމަށް މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުން ނިންމިއެވެ. ނަމަވެސް އެ ނިންމުން ހައި ކޯޓުން ބާތިލް ކުރުމާއެކު އަނެއްކާ ވެސް އައްމަޓީ ހައްޔަރުކުރިއެވެ. މިއީ އައްމަޓީ ކްރިމިނަލް ކޯޓުން ދޫކޮށްލުމަށް ހުކުމްކުރި ދެވަނަ ފަހަރެވެ.

ސީލައިފް އެޕާޓުމެންޓު ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނު މައްސަލައިގައި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް ނެރުނެވެ.

އޭނާ ހޯދައިގެން ހައްޔަރުކޮށް ރާއްޖެ ގެނައީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. ލަންކާއިން ގެނައުމަށް ފަހު އައްމަޓީ ހުރީ ބަންދުގައެވެ.

ނަމަވެސް އެ މައްސަލައަކީ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ނޫން ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ބަންދުން ދޫކޮށްލީ މިދިޔަ ޖޫން މަހުގެ 17 ވަނަ ދުަވަހުއެވެ.

އެ މައްސަލަ ހައިކޯޓުން އިސްތިއުނާފު ކުރީ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށާއި، ޝަރީއަތަށް ހާޒިރުނުވެ ފިލުމުގެ ފުރުސަތު އޮތް ކަމަށް ބުނެއެވެ.

އައްމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެ ކަމަށް ޕީޖީއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް