ޙަމްދޫންގެ ހަނދާންތައް: ހ.މީނާޒަށް ބާޣީން ހަމަލާދެމުން ދިޔަ ބިރުވެރި ވަގުތުކޮޅު!

ހަމްދޫން އަބްދުﷲ ހަމީދު ނޮވެމްބަރު ތިނެއްގެ ހަނދާންތައް "ސަން"އާ ހިއްސާކުރައްވަނީ -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ކުއްލިއަކަށް އިވެން ފެށީ ބާރުގަދަ ބަޑީގެ އަޑުފައްގަނޑެވެ. އަޑުގަދަވެގެން މީހުންތައް މަގުމައްޗަށް ނުކުމެ އުޅުނެވެ. އެއްބަޔަކު ކީ ނޮވެމްބަރު 11އަށް ފަރިތަކުރަނީއޭއެވެ. އަނެއްބަޔަކު ކީ ބަޑި ގުދަނުގައި ރޯވެގެންނޭއެވެ. ފަތިސް ނަމާދުގެ ބަންގި ވެސް ވަކި ހިސާބަކަށް ގޮވިތަނާ ހުއްޓުނެވެ. ވެގެން އުޅެނީ ކިހާ ނުރައްކާތެރިކަމެއްކަން އޭރު ނަގައެއް ނުގަނެވެއެވެ. ވެގެން އުޅެނީ ކީއްކަން ވެސް ނޭނގެއެވެ.

މިއީ ކުރީގެ ޕްލޭނިން މިނިސްޓަރު ޙަމްދޫން ހަމީދު، 1988ވަނަ އަހަރުގެ ނޮވެމްބަރު ތިނެއް ސިފަކޮށްދެއްވި ގޮތެވެ. ބަޑި ބުރާސްފަތީގެ ބިރުވެރި ހަނދާންތައް ޙަމްދޫން "ސަން"އާ ހިއްސާކުރެއްވިއެވެ.

ޙަމްދޫނާއި އޭނާގެ އާއިލާ ތިއްބެވީ ހ.މީނާޒް ގައެވެ. އެއީ ޙަމްދޫންގެ ބައްޕާފުޅު އަދި އޭރުގެ އެޓޮލްސް މިނިސްޓަރަކަށް ހުންނެވި އަލްއުސްތާޒު ޢަބްދުﷲ ޙަމީދާއި އާއިލާ ދިރިއުޅުއްވަމުން އައި ގެއެވެ. ހެންވޭރު ދަނޑުގެ އިރުމައްޗަށް ހުންނަ އެ ގޭގެ މަތީބުރީގެ ކުޑަދޮރުތަކުން އޭރު ހުކުރު މިސްކިތު ގުއްބު ރީއްޗަށް ފެނެއެވެ. އެ ވަގުތު ގުއްބަށް އަލިވަމުން ދިޔަ މަންޒަރު ވެސް ފެނުނެވެ. ނަމަވެސް އެގެއަށް ބާޣީން އައިސްފާނެ ކަމަކަށް ޙަމްދޫންގެ ޚިޔާލަށްކަށް ވެސް އޭރަކު ނާދެއެވެ.

ބަޑީގެ އަޑަކީ ޙަމްދޫނަށް އޭރު ވެސް އާ އަޑެއް ނޫނެވެ. ސަބަބަކީ އޭނާ މަތީ ތައުލީމް ހާސިލު ކުރެއްވީ ލެބަނާންގެ ބެއިރޫތުން ކަމަށް ވާތީއެވެ. ބެއިރޫތަކީ އަބަދުވެސް ހަނގުރާމަ ކުރާ ތަނެކެވެ.

އިވެނީ ހަގީގީ ބަޑީގެ އަޑުކަން އެނގުމުން، ޙަމްދޫންގެ ބައްޕަ ވިދާޅުވެގެން ރައީސް މައުމޫނުގެ ޚަބަރު ބެއްލެވުމަށް އެގެއަށް ޙަމްދޫނު ފޯނުން ގުޅުއްވިއެވެ. ނެންގެވީ އަނބިކަނބަލުން ނަސްރީނާއެވެ. އަދި އެބޭފުޅުން ސަލާމަތުން ތިއްބެވިކަމަށާއި މާލެއަށް ތަމަޅައިންގެ ބަޔަކު އަރައިގެން އުޅޭކަމުގައި އޭނާ ވިދާޅުވިއެވެ.

ފަހުން އެނގުނުގޮތުން، ރާއްޖޭގައި އޭރު އޮތް ސަރުކާރު ބަދަލުކޮށްލުމަށް ޓަކައި ސްރީލަންކާގެ ޕްލޯޓް ޖަމާއަތުގެ 42 މީހުން އެރޭ ރާއްޖެ އައެވެ. ދެ ބޯޓުގައި އައިސް މާލެއަށް އެ މީހުން އެރީ ހާޖަރާގޭ ލުތުފީއާއި ސަގަރު ނާސިރު ހުންގާނުގައި ތިބެގެންނެވެ.

1988 ނޮވެމްބަރު ތިންވަނަ ދުވަހުގެ އުދުވާނީ ހަމަލާގައި ބައިވެރިވި ބައެއް ބާގީން މާލެ ގެންނަނީ--

މިހާރުގެ ޖުމްހޫރީ މައިދާނު ސަރަހައްދުން ތަމަޅައިން މާލެ އަރައި އެއް ބަޔަކު ސިފައިންގެއާ ހަމަލާދީ ހަނގުރާމަކުރަމުން ދިޔައެވެ. ލުތުފީއާއި ނާސިރު ހަތިޔާރުއެޅި ތަމަޅައިންނާއެކު މިސްރާބުޖެހީ އޭރުގެ ބައެއް މިނިސްޓަރުން ދިރިއުޅުއްވާ ގޭގެއަށެވެ.

އެންމެ ފުރަތަމަ އެއް މިސްރާބަކަށް ވީ އޭރުގެ ޑިފެންސް މިނިސްޓަރު އިލްޔާސް ދިރިއުޅުއްވާ ކިނބިގަސްދޮށުގެއެވެ. އަނެއް މިސްރާބަކީ އޭރުގެ އެޓޯލްސް މިނިސްޓަރު ޢަބްދުﷲ ޙަމީދު ދިރިއުޅުއްވާ ހ. މީނާޒް އެވެ. އަދި އޭރުގެ ޓްރޭޑް މިނިސްޓަރު މުޖުތަބާ އުޅުއްވި ގ.ބޮޑުފެންވަޅުގެއަށާއި އެޑިއުކޭޝަން މިނިސްޓަރު ޒާހިރު ޙުސައިންގެ ހ.ނީލްވިލާއަށް ވެސް ފަހުން ގޮސްފައިވެއެވެ.

އެރޭ ފަތިހު އިސްލާމީ މަރުކަޒާ ދިމާލުން އިވެމުންދިޔަ ބަޑީގެ އަޑުފައްގަޑާއެކު އެ ސަރަހައްދު މަތިން ފެންނަ އަލިގަނޑު، އޭރު ހ.މީނާޒްގެ މަތީ ކުޑަދޮރުތަކުން ބަލަންތިބި އެ އާއިލާގެ މެންބަރުންނަށް ފެނެއެވެ. އަދި ހިސާބުގަނޑު މީހުން ހެންވޭރު ދަނޑު ފާރުކައިރީ އުޅުނެވެ. އެވަގުތު ވަކި ބަޑިއެއްގެ އަޑު އިހުނަށްވުރެ ގަދަވަމުން އަންނަހެން ޙަމްދޫނަށް ފާހަގަކުރެއްވުނެވެ. އަދި އެ ބަޑީގެ އަޑު އަންނަނީ މަޖީދީ މަގާ ދިމާލުން ކަމަށާއި އެ ބަޑިއެއް ޖަހަނީ މައްޗަށް ކަމަށް ވެސް ލަފާކުރެއްވުނެވެ.

"އެއީ ވެސް ބެއިރޫތުގެ ތަޖުރިބާއިން އެނގުނު ކަމެއް. ބަޑީގެ ވަޒަންތައް ދާއިރު ވިސްލް އަޑެއް ހުންނާނެ. އެ އަޑުން ވަޒަން ދާ ދިމާލެއް އެނގޭނެ،" ޙަމްދޫން ކިޔައިދެއްވިއެވެ.

ބަޑީގެ އަޑު އަންނަނީ ގެއާ ދިމާލަށްކަން އެނގުމުން، މަތީ ބުރީގައި ތިބި އާއިލާގެ އެންމެން އަވަހަށް ތިރިއަށް ފައިބަން ޙަމްދޫން ވިދާޅުވިއެވެ. ޙަމްދޫންގެ އަނބިކަނބަލުންނާއި އަދި އެއްބަނޑުއެއްބަފާ ބައެއް ބޭފުޅުންގެ އިތުރުން އެގޭގައި ކިޔަވަން ތިބި ދެބެންގެދެދަރި ކުދިންވެސް އޭރު ތިބިކަމަށް ޙަމްދޫން ކިޔައިދެއްވިއެވެ.

މީނާޒްގޭގެ މައިދޮރުން ވަންނަތާ ހުންނަ އެނބުރޭ ސިޑިން ކުއްޖަކު ފަހަތު ކުއްޖަކު ތިރިއަށް ފައިބަމުން ގޮސް އެންމެ ފަހަތުގައި ހުރި ކުއްޖާ ސިޑިއަށް ފޭބި ވަގުތަކީ ފުރަތަމަ ވަޒަން ގެއަށް ވަން ވަގުތެވެ.

އިރުމަތީ ބެލްކަނީގެ ބިއްލޫރި ދޮރުތަކުން ވަދެގެން އައި ކަމަށް ލަފާކުރެވޭ އެ ވަޒަން ގޮސް ޖެހުނީ ފާރެއްގައެވެ. އަދި ފާރުން އުވަކޮޅެއް ނައްޓައިގެން އައިސް އެ ކުއްޖާގެ ލޯ ކައިރީގައި ޖެހި ކުޑަކުޑަ ޒަހަމެއް ވެސް ވިއެވެ. ކުދިންތައް ތިރިއަށް ބޭލުމަށްފަހު ބޭތިއްބެވީ އާއިލާ އެންމެން އެކުގައި އެ އިމާރާތުގެ އެންމެ ބިއްދޮށުގައި ހުންނަ ކޮޓަރީގައެވެ. އެއީ މައިދޮރު ކުރިމަތިން ސިޑިގޮޅި ހުރަސްކޮށް ވަދެވެން ހުންނަ ކޮޓަރިއެކެވެ.

މީނާޒުއަށް ދިޔައީ ލުތުފީއާއި ތަމަޅައިންގެ އިތުރު މީހެކެވެ. އެ މީހުން އެންމެ ފުރަތަމަ ވަނީ މީނާޒުގެ ފިލިގަސްމަގަށް ހުންނަ ވަލު ދޮރާށިންނެވެ. ހެންވޭރު ދަނޑު ކުރިމައްޗަށް ހުންނަ މި ވަލުދޮރާށިން ވަދެގެން ގޭގެ ބާ އިމާރާތުގެ ކޮރިޑޯއިން ވަނެވެ. އަދި "ޙަމީދު ކޮބާހޭ، ޙަމީދު ނުކުންނާށޭ" ކިޔައި ގޮވުމުން އެ މީހުންނާ ދިމާވީ ޙަމްދޫންގެ މަންމަގެ ބޮޑުދައިތައަކާއެވެ.

"ޙަމީދެއް މިގެއަކު ނޫޅެޔޭ އަޑުގަދަނުކޮށް ނުކުންނާށޭ ކިޔައި ދޮންދައްތަ ބުނީމައި އެމީހުން އަނބުރާލާފައި ދިޔައީ. ދޮންދައްތަ ފަހުން ބުނީ ބުރަކަށިގައި އަޅުވާފައި އޮތް ބަޑި ފެނުނީ ދާން އަނބުރާލި ފަހުންނޭ. އެމީހުން އެ ގޯޅިތެރޭން ވަދެގެން ދިޔަ ނަމަ އަޅުގަނޑުމެން އާއިލާ ތިބި ތަނަށް ވަރަށް ފަސޭހައިން ދެވެން އޮންނާނެ. ﷲގެ ރަޙުމަތްފުޅުން އެކަން އެހެންނުވީ." ޙަމްދޫން ކިޔައިދެއްވިއެވެ.

އެ ދެ މީހުން ނުކުމެގެން، ދެން ދިޔައީ އަބަދަށްއުފާ ގޯޅި ހުރަސްކޮށް މީނާޒު ކުރިމަތީ ހުންނަ ލައިޓްސްޓާރ ކަންމައްޗަށެވެ. އެތަނުގައި ތިބެގެން މީނާޒުއަށް ބަޑިޖަހަމުން ގެންދިޔައެވެ. އަދި ބަޑި ޖަހަމުން "ހަމީދު ނުކުމޭ" އެހެން ކިޔައި ގޮވަމުންދިޔަ ކަމަށް ޙަމްދޫން ކިޔައިދެއްވިއެވެ.

އޭރު މީނާޒުގައި ހުންނަނީ ގާތްގަނޑަކަށް ހަ ފޫޓުގެ ވަށާފާރެކެވެ. އެހެންކަމުން ގޭގެ ތިރީބުރީގެ ބައެއް ވެސް ބޭރަށް ފެންނަވަރު ވެއެވެ.

ހ. މީނާޒް މިހާރު ހުރި ގޮތް: ކުރިން އެ ގޭގައި ހުރީ ހަ ފޫޓުގެ ވަށާފާރެއް -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

"ގޭގެ ތެރެއިން ގާތްގަނޑަކަށް 36 ވަޒަން ފެނުނު. މަތީ ބުރީގެ އެކި ތަންތަނަށް ޖަހާފައި ހުރީ. ބިއްލޫރި ދޮރު ވަރަށް ގިނަވާނެ އެފަރާތުގައި،" ޙަމްދޫން ކިޔައިދެއްވިއެވެ.

ބަޑި ޖަހަން ފެށުމުން ޙަމްދޫނާއި އޭނާގެ ކޮއްކޮ މައުމޫން ހަމީދު ގޭގެ ތިރީބުރީގެ ބިއްލޫރި ދޮރުތައް ކައިރީގައި ބަންކު ބެޑުގެ ތިރީބައިތަކާއި ގޮދަޑި ޖައްސައި ނިވާކުރެއްވިއެވެ.

މީނާޒަށް ބަޑިޖަހަން ފެށުމުން ސިފައިންގެއަށް ވެސް ޙަމްދޫން ގުޅުއްވިއެވެ. ފޯނު ނެންގެވި ބޭފުޅާ ވިދާޅުވީ އެތަނަށްވެސް ބަޑިޖަހަމުން ގެންދާކަމަށާއި އަމިއްލަ ސަލާމަތް ހޯދުމަށެވެ.

ކުރީން ތިރިޔަށް ނުފޭބި ހުރި އިތުރު ކުއްޖަކު ފޭބީ ބަޑިޖަހަމުން ދިޔަ ބިރުވެރި ވަގުތުކޮޅުގެ ތެރޭގައެވެ. އަދި އާއިލާގެ އެންމެ ހަގު، އޭރު ފަސް އަހަރުގެ ޝައްފާ ޙަމީދު އެ ވަގުތު އޮންނެވީ އެންމެ ބޭރަށް ހުރި ކޮޓަރީގައި ނިދީގައެވެ. ކޮއްކޮ ނަންގަވައި ބުރަކަށިމަތީ ބާއްވަވައިގެން ޙަމްދޫން ތިރިވެ ކަކޫ ޖައްސަވައިގެން އެތެރޭ ކޮޓަރިއަށް ގެންދެވި ވަގުތަކީ އެ ދުވަހުގެ އެންމެ ބިރުވެރި ވަގުތުކޮޅު ކަމުގައި ޙަމްދޫން ސިފަކުރެއްވިއެވެ.

"ބޭރު ދޮރާ އެތެރޭ ކޮޓަރީ ދޮރާ ދޭތެރޭ ހުންނާނީ 10 ވަރަކަށް ފޫޓުގެ ތަންކޮޅެއް. އެ ދަނޑިވަޅު ހިތަށްއެރި ވަރަށް ނުރައްކާވާނޭ،" ޙަމްދޫން ކިޔައިދެއްވިއެވެ.

އެ ވަގުތު ޖެހި ވަޒަންތަކުގެ ތެރެއިން ބައެއް ވަޒަން ޙަމްދޫނާއި އޭނާގެ އަނބިކަނބަލުން ޢާއިޝަތު ޢަލީ އުޅުއްވި ކޮޓަރިއަށް ވެސް ވަދެފައި ހުއްޓެވެ. އެތަނުން އެއް ވަޒަން ވަނީ ޑްރެސިން ޓޭބަލް މަތީ އިން ބޯތައްޓެއް ތެރެއަށެވެ.

ވަޒަން އެރި ބޯތަށި -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ގެއަށް ބަޑިޖަހައި ގޮވާން ފެށުމުން، އޒ. ޙަމީދު ބޭނުންފުޅުވީ ނުކުންނަވަން ކަމުގައި ޙަމްދޫން ކިޔައިދެއްވިއެވެ. ނުކުމެވަޑައިނުގެންފިނަމަ ވަދެ އާއިލާއަށް ހަމަލާދީފާނެތީއެވެ.

"އާއިލާއަށް އެއްވެސް ގެއްލުމެއް ލިބޭކަށް ބޭނުމެއް ނޫނޭ. އެހެންވީމަ ތިމަންނަ ނުކުންނާނީއޭ ބައްޕަ ވިދާޅުވި. އަޅުގަނޑު ދެންނެވީ ނޫނެކޭ، ބައްޕަ ނުކުމެވަޑައިގެންފިނަމަ މުޅި ގައުމޭ ރަހީނު ވާނީ،" ޙަމްދޫން އެ ދުވަހުގެ ހަނދާންތައް އާކުރެއްވިއެވެ.

އިރުގަނޑަކު ބޭރުން ބަޑިޖެހުމަށްފަހު މީނާޒުގެ މައިދޮރާށި ތަޅަށް ބަޑި ޖަހައި ލުތުފީމެން ގޯތިތެރެއަށް ވެސް ވަނެވެ. އަދި ގޭގެ މައި ދޮރަށް ވެސް ބަޑި ޖެހިއެވެ. އެކަމަކު "އެއްވެސް ކަހަލަ ހިލަމެއް އެތެރެއަކުން ނުވާނެ" ކަމުގައި ޙަމްދޫން ވިދާޅުވިއެވެ. ކުރާން ދިޔަ ކަންތައް ކާމިޔާބު ނުވުމުން އެ ދެ މީހުން އެތަނުން ނައްޓާލީއެވެ.

ލުތުފީއާއި ތަމަޅައިންގެ މީހާ އެ ސަރަހައްދުން ދިއުމުން، ރައްކާތެރިކަމަށް ޓަކައި އޒ. ޙަމީދު އެހެން ތަނަކަށް ގެންދަވަން ޙަމްދޫން މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. އަދި އާއިލާގެ އެންމެން ވެސް އެކި ތަންތަނަށް ގެންދިއުމުގެ މަސައްކަތް ފެއްޓެވިއެވެ. މިހައިތަނުން ފެށިގެން ޙަމްދޫނާއެކު މުޅި ދުވަހު އުޅުއްވި ބޭފުޅަކީ އޭނާގެ ދެބެންގެ ދެދަރި ކޮއްކޮ އަމީލް ޖަލީލް އެވެ. އަމީލް ޖަލީލް މިހާރު ނިޔާވެފައިވާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވި ފުރަތަމަ މިސްކިތަކީ އޭނާގެ ހަނދާނުގައި ހުޅުވުނު މިސްކިތެކެވެ.

މީނާޒަކީ ދުރަށް ހާމައަށް ފެންނަ ގެއެއް ކަމަށްވުމާއެކު، އަދި އޭރު އަލިވެފައި އޮތުމާއެކު، ބައްޕަ ގެންދެވުމުގައި ވެސް ޙަމްދޫން ބޭނުންކުރެއްވީ ވަރަށް މޮޅު އުކުޅެކެވެ.

ޙަމްދޫން އޭރު ގެންގުޅުއްވާ ޕްރައިވެޓް ކާރަކާއި ޙަމީދުގެ ރަސްމީ ދިދަޖެހި ކާރުކޮޅު ގޭ ކައިރިއަށް ގެންނެވިއެވެ. މަގުމަތީގައި ނުރައްކަލެއް ދިމާވެދާނެތީ ޙަމީދު ގެންދަވަން ނިންމެވީ ޕްރައިވެޓް ކާރުގައެވެ. އަދި ރަސްމީ ދިދަޖެހި ކާރަށް، ޙަމީދާ އެއް އުމުރެއްގެ މީހަކު އަރުވަން ނިންމެވިއެވެ.

"އޭރު ބޭރުގައި ތިބި މީހުން ގާތު އަޅުގަނޑު އެހީ އެއްވެސް މީހަކަށް ކެރޭނެހޭ ދިދަޖެހި ކާރުގައި ދާން. އެ ވަގުތު އެތާ ހޯރަފުށީ އާދަމް ސަލީމް ހުންނެވި. އެއީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް. އަޅުގަނޑަށް ހީވަނީ މީނާޒަށް ބަޑި ޖަހާކަން އެނގިގެން ވަޑައިގެންހެން ހުންނެވީ. އޭނާ ވިދާޅުވީ ތިމަންނާއޭ އެ ކާރުގައި ދާނީ. މިކަން އަޅުގަނޑު ވަރަށް ޝުކުރާއެކު ފާހަގަކުރަން،" ޙަމްދޫން ކިޔައިދެއްވިއެވެ.

އޮނަރަބަލް ޙަމީދު ގެންދެވީ އޮލިމްޕަސް ކުރިމަތީގައި ހުންނަ ގަލޮޅުއާގޭގައި އޭރު ހުންނަ ރެސްޓޯރެންޓުގެ އެތެރޭ ކޮޓަރިއަކަށެވެ. އެތަނަކީ ބޭރަށް ފެންނަ ތަނެއް ނޫނެވެ. ޙަމީދު ވަޑައިގަތީ މިނިސްޓަރު ޒާހިރު ޙުސެއިން ގެ ގޭދޮށަށް މަޑުކުރައްވައި އޭނާވެސް ގޮވައިގެންނެވެ. އެ ބޭފުޅުންގެ މަސައްކަތްތައް ކުރިއަށް ގެންދެވީ އެތަނުގައި ތިއްބަވައިގެންނެވެ. އަދި ދެއްވާ އިރުޝާދުގެ ދަށުން ޙަމްދޫން ބައެއް ތަންތަނަށް ވަޑައިގެން، މައުލޫމާތު ހޯއްދަވައި ފޯނުކުރައްވައި ހެއްދެވިއެވެ. ފަހުން ފޮރިން މިނިސްޓަރު ފަތުޙުﷲ ވެސް އެތަނަށް ވަޑައިގެންނެވިއެވެ. މާލެއަށް އިންޑިޔާ ސިފައިން އައިސް މާލެ އަމާންވަންދެން އެ ބޭފުޅުން ތިއްބެވީ ގަލޮޅުއާގޭގައެވެ.

ގަލޮޅުއާގެއާ ޖެހިގެން ހުންނަ ފަހިވާގެއަކީ ޙަމްދޫންގެ ބޮޑުދައިތަ އަދި އަމީލްގެ މަންމަ މުއުމިނާ ޢަބްދުލްޤައްޔޫމް އުޅުއްވި ގެއެވެ. އެދުވަހު އެކި ޚަބަރު ހޯއްދަވައި ދައުލަތުގެ ބައެއް މިނިސްޓަރުންނަށް ގުޅުއްވައި އަމިއްލަ ގޭގައި ނުތިއްބެވުމަށް އިލްތިމާސްކުރައްވައި ހެއްދެވީ މުއުމިނާއެވެ.

މީނާޒް އާއިލާގެ އެހެން ބޭފުޅުން ގެންދެވީ އެކި ގޭގެއަށެވެ. މިގޮތުން ޙަމްދޫންގެ މަންމައާއި މާމައާއި ބައެއް ބޭފުޅުން ގެންދެވީ ހ.ޝޭޑީކޯނަރަށެވެ. ހެންވޭރުގެ ކަމުވޮށި ބޭކަނބަލެއް ކަމުގައިވާ ޢަޒީޒާ ޢުމަރުގެ ބެއްލެވެމުގެ ދަށަށެވެ. ބައެއް ބޭފުޅުން ގެންދެވީ ޙަމްދޫންގެ އަބިކަނބަލުންނާއެކު އޭނާގެ ގެ މ.ވާރޭވިލާއަށެވެ. އެހެން ބޭފުޅުން ގެންދެވީ ތިމާގެ ބޭފުޅެއް ކަމުގައިވާ ޙާމިދާ ވާފިރު އިންނަވާ ހ.ހިކަރީއަށެވެ. އެދުވަހު ކުރެއްވި މުހިންމު ފޯނުކޯލުތައް ކުރެއްވީ އެ ގެއިންނެވެ.

ޙަމްދޫނާއި އަމީލާ ދެބޭފުޅުން މާލޭތެރޭގެ ހާލަތު ބައްލަވައި އުޅުއްވީ އަމީލުގެ ސައިކަލުގައެވެ. ހަތިޔާރުއެޅި ތަމަޅައިން ފެންނަ ހިސާބުތަކަށް ވަޑައިގަތަސް ގާތެއް ވެވަޑައިނުގަންނަވައެވެ.

ހެނދުނުހެނދުނާމެ ދިވެހިރާއްޖޭގެ އަޑު ކައިރިއަށް ލޮނުޒިޔާރަތްކޮޅަށް ދެބޭފުޅުން ވަޑައިގެންނެވިއެވެ. އޭރު އެތަނުގައި މީހުން އެއްވެފައި އޮތެވެ. އަޑުގެ ތަޅުދަނޑި ނުލިބޭތީ ތަން ހުރީ ނުހުޅުވިއެވެ.

"އޭރު އެތާނގަ އަޅުގަނޑުގެ ރައްޓެއްސެއް، ސަމީރު ހުންނެވި. ސަމީރު ވިދާޅުވީ ތަން ހުރީ ތަޅުލާފައޭ ކަރަންޓެއް ވެސް ނެތޭ އެކަމަކު ވިދާޅުވެއްޖިއްޔާ ފާރުމަތިން އަރައި ބެކަޕް ޖަނަރޭޓަރު ޖައްސައި ބްރޯޑްކާސްޓު ފައްޓައިފާނަމޭ، ކޯޗެއްހޭ ފޮނުވާނީ،" ޙަމްދޫން ކިޔައިދެއްވިއެވެ.

"އޭރު އެތާނގައި ނެތް ލަފައެއް ދެއްވާނެ ބޭފުޅެއް. އެހެންވެ އަޅުގަނޑުމެން ބުނީ ފާރުމަތީން އަރައި ހުޅުވާށޭ، ބްރޯޑްކާސްޓް ފައްޓައި ގުރުއާން ޖަހާށޭ،" ޙަމްދޫން ވިދާޅުވިއެވެ.

ހަމްދޫން ހަމީދު ނޮވެމްބަރު ތިނެއްގެ ހަނދާންތައް "ސަން"އާ ހިއްސާ ކުރައްވަނީ -- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

އެއަށްފަހު، އެތަނުގައި ގިނަ މީހުންތަކެއް އެއްވެފައި އޮތުމުން، އަމީލުގެ ސައިކަލު މަޑި މައްޗަށް ޙަމްދޫން އަރުއްވައި އެ މީހުންނާ ވާހަކަ ދެއްކެވިއެވެ. އޭރު އެނގިފައި އޮތްވަރަކުން ވާނުވާ އަންގައިދެއްވައި، ވެރީން ތިއްބެވީ ސަލާމަތުން ކަމުގައި ވިދާޅުވިއެވެ. އަދި މަގުމަތީގައި ހާމައަށް ތިބުމަކީ ރައްކާތެރި ގޮތަކަށް ނުވާނެކަމާއި، ކުރާން ޖެހިދާނެ ކަމަކަށް ތައްޔާރުގައި ތިބުން ރަނގަޅީ މުހިންމު ސަރަހައްދުތަކުގެ ކަންކަންމަތީ ގޭގޭގެ ފާރުން އެތެރޭގައި ކަމުގައި އިރުޝާދު ދެއްވިއެވެ.

އެދުވަހު މެންދުރުކުރީގެ ވަގުތެއްގައި، މިނިސްޓަރުންގެ އިރުޝާދުގެ ދަށުން، ލަންކާގައި ހުރި ރާއްޖޭގެ ހައިކޮމިޝަނަށް ޙަމްދޫން ގުޅުއްވުމުން، އިންޑިއާ ސިފައިން އެހީއަށް އަންނާނެކަމާއި އޭގެ ކުރިން ރިކޮނަސަންސް ފްލައިޓެއް އަންނާނެ ކަމަށް ހައިކޮމިޝަނަރ އަޙްމަދު ޢަބްދުﷲގެ ފަރާތުން މައުލޫމާތު ލިބިވަޑައިގަތެވެ.

"ދޭއްޖަހާކަންހާއިރު ފްލައިޓެއް ދާން ވެސް ދިޔަ، އިންޑިއާގެ ސިފައިން އައީ ހަތެއް ޖަހަން އުޅެނިކޮށް،" ޙަމްދޫން ވިދާޅުވިއެވެ.

އިންޑިއާ ސިފައިން އަންނާތީ އެއާޕޯޓުގެ ކަންކަން އިންތިޒާމު ކުރެއްވުމަށް ހުޅުލެއަށް ވަޑައިގަތީ ކެޕްޓަން ޝާމްއެވެ. އަދި މާލޭ ކޮޅުން އޭޓީސީ ޚިދުމަތް ދޭން ޖެހުމުން އޭރު އޭޓީސީގައި ހުންނަވާ އިސްވެރިއެއް އެހީ ޙަމްދޫންމެން ހޯއްދެވިއެވެ.

"އަޅުގަނޑުގެ ކްލާސްމޭޓެއް ކަމުގައިވާ މުޙައްމަދު ޞޯލިޙު އެއީ އޭރު އޭޓީސީގެ އިސް ބޭފުޅެއް. އެދުވަހު އޭނާ ހުންނެވީ ގޭގައި. އަޅުގަނޑުމެން ސޯލިހު ގެންދިޔައީ ގަލޮޅު ދަނޑު ކައިރި ހުންނަ ގެއަކަށް. އެއީ ދެތިން ބުރިއަށް އިމާރާތް ކޮށްފައިވާ ގެއެއް. އެތާނގެ ދެވަނަ ފަންގިފިލާގައި ސޯލިހު ރޭޑިއޯސެޓު ބަހައްޓަވައި ރޭޑިއޯ ސެޓުން ހުޅުލެއާއި އަދި ރާއްޖެއަށް ދަތުރުކުރަމުން އައި އިންޑިޔާ ފްލައިޓާ ވާހަކަ ދެއްކެވީ،" ޙަމްދޫން ކިޔައިދެއްވިއެވެ.

އިންޑިއާގެ ފްލައިޓް "ފްރެޑްލީ ވަން" އިން އެދުނީ އެ މީހުން ވަކި ހިސާބަކަށް އައިސް ބުނުމުން ހަމައެކަނި ދެ ސިކުންތަށް ރަންވޭގެ ލައިޓު ޖައްސައި ނިއްވާލުމަށެވެ. އޭރުގެ އިމާރާތްތައް ހުރި ގޮތުން، ރަންވޭއަށް އިންޑިއާ ސިފައިންގެ ބޯޓު ޖައްސާން އައި މަންޒަރު ޙަމްދޫނާއި އަމީލާއި ސޯލިޙު ތިއްބެވި ތަނަށް ފެނެއެވެ.

އިންޑިޔާ ސިފައިން މާލެއައިސް މާލެތެރެ އަމާންކޮށް، ގަލޮޅުއާގޭގައި ތިއްބެވި ތިން މިނިސްޓަރުން އެން.އެސް.އެސް އަށް ވަޑައިގަތުމަށް ދެންނެވީ ނޮވެންބަރު 4 ގެ ފަތިހުގެ ތަންކޮޅެއް ކުރިންނެވެ. އެބޭފުޅުން އެތަނަށް ވަޑައިގަތީ ޕްރައިވެޓް ކާރުގައި އިންޑިޔާ ސިފައިންގެ ފައިމަގު އެސްކޯޓުގައެވެ.

ނޮވެންބަރު 4 ގެ ހެނދުނު، އިންޑިއާ ސިފައިން މާލޭގައި ތިބޭނެ ވަގުތީ ތަނެއް ހަމަޖެއްސެވުމުގައި ވެސް ޙަމްދޫން އުޅުއްވިއެވެ. އެގޮތުން އެ ވަގުތު ހަމަޖެއްސީ ހެންވޭރު ބޯޅަ ދަނޑެވެ. އަދި އެ މީހުންނަށް ހެނދުނުގެ ނާސްތާ ހަމަޖައްސައިދެއްވީ ހެންވޭރު އަވަށު އިސްބޭފުޅުން ކަން ޙަމްދޫން ޝުކުރާއެކު ފާހަގަކުރެއްވިއެވެ.

"އޭގެ ފަހުން އިންޑިއާ ސިފައިންނަށް ވަގުތީ މަރުކަޒެއްގެ ގޮތުގައި އަޅުގަނޑުމެން ހަމަޖެއްސީ ހެންވޭރު ސުކޫލް. އެ ކަންތަކުގައި ހުރިހާ އެހީތެރިކަމެއް ދެއްވީ ހެންވޭރު އަވަށުގެ އިސްވެރިންނާއި ސްކޫލްގެ އޮފީސް މުވައްޒަފުން،" ޙަމްދޫން ވިދާޅުވިއެވެ.

ތިނެއް ނޮވެމްބަރުގައި ޙަމްދޫން ކުރެއްވި ގައުމީ ހިދުމަތް އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން 1991 ވަނަ އަހަރު އޭނާއަށް ވަނީ ހަނދާނީފިލާ އަރުވާފައެވެ.

އެ ދުވަހުގެ ހަނދާންތައް އަދިވެސް ޙަމްދޫންގެ ހިތްޕުޅުގައި ތާޒާކަން މަތީ އެބަހުއްޓެވެ. އެ ދުވަހުގެ ބިރުވެރިކަން ދުވަހަކު ވެސް ހަނދާން ނެތިގެން ނުދާނެއެވެ.

"މީ ދަރީންތަކެކޭ ދިވެހި، ދިވެހީންގެ ތާޒާ ލޭ ހިނގާ، ދިވެހީންގެ ޙައްޤުގައި ގުރުބާންވެދާނަމޭ" މި ކަލިމަތައް ހިމެނޭ ލަވަ "މާތްވި އިސްލާމް ދީނާ ގައުމަށް ޓަކައި" އަކީ އެދުވަހު މާލޭ އާންމުން ދެއްކި ކެރުމާއި ހިތްވަރާއި ގައުމީ ރޫހުގެ ޒިކުރާގައި ހައްދަވައިފައިވާ ލަވައެކެވެ.

comment ކޮމެންޓް