އައު ސީޒަނާ ދިމާކޮށް މާޒިޔާއިން ޕްރެކްޓިސް ފަށައިފި

މާޒިޔާއިން މިއަދު ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ//މާޒިޔާ

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނާ ދިމާކޮށް އެންމެ ފަހުގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް ކުލަބުން އެ ޓީމާ އަލަށް ހަވާލުވި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދާއެކު ފަރިތަކުރުންތައް ފަށައިފިއެވެ.

މާޒިޔާއިން މިއަދު ހަވީރު ވަނީ މާލޭގައި ފުރަތަމަ ޑިވިޝަން ޓީމުތަކުން ފަރިތަކުރުންތައް ބާއްވާ، މާފަންނު ޓާފުގައި ޕްރެކްޓިސް ފަށައިފައެވެ. މޯހަންގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް އެ ޓީމުން ޕްރެކްޓިސް ސެޝަނެއް ބޭއްވި އިރު، މިއަދުގެ ސެޝަނުގައި ގައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިން ބައިވެރިއެއް ނުވެއެވެ.

މާޒިޔާއިން ބުނީ ގައުމީ ޓީމުގެ ސްކޮޑުގައި މިވަގުތު ތިބި މާޒިޔާ ކުޅުންތެރިން ޓީމާ ގުޅޭނީ މި މަހު ސްރީލަންކާގައި އޮންނަ މުބާރާތަށްފަހު ކަމަށެވެ. ސްރީ ލަންކާގައި މި މަހު 8 އިން 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ބައިވެރިވަނީ އެ ގައުމުގެ އިތުރުން ރާއްޖެ އާއި ސީޝެލްސް އަދި ބަންގްލަދޭޝް އެވެ. މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ކޮލަމްބޯގެ ރޭސްކޯސް ގްރައުންޑްގައެވެ.

މާޒިޔާގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ގައުމީ ޓީމުގައި ހިމެނެނީ މޫސާ ޔާމީން (ޔާމްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހު އަލީ، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އަހުމަދު އަބްދުﷲ (ލިލީ)އެވެ.

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަން ޕްރެޒިޑެންޓްސް ކަޕުން ފަށާ ގޮތަށް އެފްއޭއެމުން ވަނީ ނިންމައި، ޝެޑިއުލް ނެރެފައެވެ.

ހަތަރު ވަރަކަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޑިސެމްބަރު މަހު 15 ވަނަ ދުވަހުއެވެ. މުބާރާތް ކުރިއަށްދާނީ ލީގު ފޯމެޓަށް އެއް ބުރަށެވެ. ޕްރެޒިޑެންޓްސް ކަޕްގެ ފަހު މެޗުތައް އޮންނާނީ ޖެނުއަރީ މަހު 19 ވަނަ ދުވަހުއެވެ.

މާޒިޔާއިން ބުނީ ގައުމީ ޓީމުގެ ކުޅުންތެރިން ޓީމާ ގުޅުމާއެކު ޓްރެއިނިންގް ކޭމްޕަކަށް ނ.ކެނދިކުޅުދޫއަށް ދާން ރާވާފައިވާ ކަމަށެވެ.

comment ކޮމެންޓް