ޑޮލަރުގެ ކަޅު ބާޒާރު ނުހުއްޓުވިގެން އުޅެނީ ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ — ފޮޓޯ/މަޖިލިސް

ޑޮލަރުގެ ކަޅު ބާޒާރު ނުހުއްޓުވިގެން އުޅެނީ މި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު "ސަން"އަށް ވިދާޅުވީ ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަމަށާއި މިސަރުކާރަށް މި މައްސަލައަށް ހައްލު ހޯދިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އިގްތިސާދީ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތާއި، ހިންގާ މަޝްރޫއުތަކާއި، ބެންކިން ނިޒާމަށް އަހުލުވެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް އަދި މަނިޓަރީ ސިޔާސަތައް ސަރުކާރުން ވިސްނުން ގެންގުޅޭގޮތަކީ ޑޮލަރުގެ އަގު ހެޔޮ ކުރުމަށް ސަރުކާރަކުން ގެންގުޅެން ޖެހޭ ސިޔާސަތައް ވާއިރު މިސަރުކާރުން ޑޮލަރުގެ ކަޅު ބާޒާރު ނުހުއްޓުވިގެން އުޅެނީ ދޯހަޅި ސިޔާސަތުގެ ސަބަބުން،" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ އެމްޑީޕީގެވެރިކަމެއް އަންނަ ކޮންމެ ފަހަރަކު ޑޮލަރުގެ މައްސަލަ ދިމާވާ ކަމަށާއި އެކަމުގެ އެންމެ ބޮޑު އެއް މައްސަލައަކީ ވެރިކަމުގެ ތަޖުރިބާ ނެތުން ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑޮލަރުގެ ރޭޓް އެއްވަރެއްގައި ހިފެހެއްޓި ކަމަށާއި ޕީޕީއެމްގެ ވެރިކަމާއި އެމްޑީޕީގެ ވެރިކަން އަޅާ ނުކިޔެނޭނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

"ކުރީގެ 30 އަހަރު ދުވަހުގެ ވެރިކަމުގައި ކަންކަން ކުރި ގޮތާއި ރައީސް ނަޝީދުގެ ސަރުކާރުގެ ކަންކަން ދިޔަގޮތާއި ރައީސް ޔާމީނުގެ ސަރުކާރާ އިގްތިސާދީ ގޮތުން ވިޔަސް އެނޫންވެސް ގޮތަކުން އަޅާ ނުކިޔޭނެ. ޑޮލަރުގެ މައްސަލައަށް ހައްލު ނުވެ އޮއްވާ ރައީސް ޔާމީނު އެކަން ހައްލު ކޮށްދެއްވި،" ސައީދު ވިދާޅުވިއެވެ.

ޑޮލަރުގެ އަގު 15.42 ގައި ދެންވެސް ހިފެހެއްޓޭނީ ރައީސް ޔާމީން ވެރިކަމަށް ގެނެސްގެން ކަމަށް ވެސް ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރު އައިއިރު ޑޮލަރުގެ ރޭޑް އެއްވަރެއްގައި ހިފެހެއްޓިފައި ހުއްޓަސް، ކަޅު ބާޒާރުގައި ޑޮލަރު ވިއްކަން ފެށީ ކޮވިޑާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް ހީނަރުވުމުންނެވެ. ކޮވިޑް ވެކްސިނާއެކު ޓޫރިޒަމް ރަނގަޅުވަމުން އަންނައިރު، ޑޮލަރުގެ ކަޅުބާޒާރަށް ނިމުމެއް އައިސްފައި ނުވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރާ މަސައްކަތްތަކުގެ ދަށުން، ބޭރު ފައިސާ ބަދަލު ކުރުމާ ބެހޭ ސިޔާސަތުތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ބުނެފައެވެ.

comment ކޮމެންޓް