އިސްރާއީލުގެ މަންދޫބު އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ގަރާރު ވީދައި ކުޑިކުނޑިކޮށް ލުމަށްފަހު ކުނިވަށިގަނޑަށް ލައިފި

އިސްރާއީލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެތް

ޖެނީވާ (އޮކްޓޯބަރު 30): އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާއި ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލުން ފާސްކުރި ގަރާރު އެކައުންސިލަށް ކަނޑައަޅާފައިވާ އިސްރާއީލުގެ މަންދޫބު ވީދާލުމަށްފަހު އެއަށް އަމަލުނުކުރާނެކަމުގެ އިންޒާރު ދެއްވައިފިއެވެ.

އިސްރާއީލުގެ އަނިޔާވެރިކަން ކުށްވެރިކޮށް އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ގަރާރު ފާސްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިސްރާއީލުގެ މަންދޫބު ޖަލްއާން އާދާން ވިދާޅުވީ އެއީ ބޭކާރު ކައުންސިލެއްކަމަށާ އެއީ އިސްރާއީލާ އަޅައިގަނެގެންއުޅޭ ބުރަދަނެއްނެތް ކައުންސިލެއް ކަމުގައެވެ.

"ތިޔައީ އިސްރާއީލާ އަޅައިގެނެގެން އުޅޭ ފާޑެއްގެ ނަމެއްކިޔާ ކައުންސިލެއް، ދުނިޔޭގައި އިންސާނީ ހައްގުތަކާ ދެކޮޅަށް ބޮޑެތި ޖަރީމާތަކެއް ހިންގާއިރު އިންސާނީ ހައްގުތަކޭ ކިޔާފައި އދ. ން އުފައްދައިގެން މިއުޅޭ ފާޑެއްގެ ކައުންސިލަށް އެނގޭހާވެސް ކަމަކީ އިސްރާއީލާ އަޅައިގަނެގެން އުޅުން، ތިޔައީ އިސްރާއީލުން ބަލައިގަންނާނެ އަދި އިހްތިރާމްވެސް ކުރާނެ ކައުންސިލެއްނޫން. ތިޔަކައުންސިލްގެ ނިންމުންތަކަށް އިސްރާއީލުން އިޖާބައެއް ނުދޭނެ. ތިޔަ ބޭކާރު ކައުންސިލްގެ ނިންމުންތައް އަޅަން އެންމެ ރަނގަނޅު ތަނަކީ ކުނިވަށިގަނޑު"

އިންސާނީ ހައްގުތަކާބެހޭ އދ. ގެ ކައުންސިލް

47 މެންބަރު ގައުމު ހިމެނޭ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ އަގު ވައްޓާލައި އެކައުންސިލްގެ ޖަލްސާގައި ވާހަކަ ދައްކެވުމަށްފަހު އިސްރާއީލާ ދެކޮޅަށް ފާސްކުރި ގަރާރުގެ ކޮޕީއެއް ވީދައި ކުދިކުދި ކޮށްލައްވައި ކުނިވަށިގަނޑަށް އެއްލާ ލައްވަމުން އިސްރާއީލުގެ މަންދޫބު ވިދާޅުވިއެވެ.

މިއީ ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ނިންމުންތަކަށް އިސްރާއީލުން އިހްތިރާމް ނުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އިސްރާއީލަކީ ދުވަހަކުވެސް އދ. ން ފާސްކުރި ގަރާރަކަށް އިހްތިރާމްކުރި ގައުމެއް ނޫނެވެ. އަދި އިޖާބަވެސް ދީފައިވާ ގައުމެއް ނޫނެވެ.

ފަލަސްތީނުގެ ބިންތަކުން ފޭބުމަށާއި ފަލަސްތީނު އަޅުވެތިކޮށް އިސްތިއުމާރު ކުރުން ނިމުމަކަށް ގެނައުމަށް އިސްރާއީލަށް ގޮވާލާ ގަރާރުތައް މީގެ ބައިގަރުކުރިން ފެށިގެން އދ. ގެ ސަލާމަތީ މަޖިލިހުންނާއި އދ. ގެ އާންމު މަޖިލިސް ފަދަ ގުނަވަންތަކުން އިސްރާއީލާ ދެކޮޅަށް ފާސްކޮށްފައިވާއިރު އިސްރާއީލުންވަނީ އެއިން އެއްވެސް ގަރާރެއް ތަންފީޒުކުރުމާ ދެކޮޅު ހަދާފައެވެ.

މިހާ ހަރުކަށިކޮށް އދ. އާ މެދު އިސްރާއީލުން އަމަލު ކުރިނަމަވެސް އަދި އިސްރާއީލަކީ އދ. އަށް ނުކިޔަމަންތެރިކަން އިންތިހާއަށް ދައްކަމުން ގެންދާ އަނިޔާވެރި ލާއިންސާނީ އިސްތިއުމާރީ ބާރެއް ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ގެންދަނީ އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބަލުގައި އިސްރާއީލެވެކިޔާ އެ އަނިޔާވެރި ލާއިންސާނީ ގައުމަށް ވާގިވެރިވަމުންނެވެ، ހިމާޔަތާއި ރައްކާތެރިކަން ދެމުންނެވެ.

އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ކުޑކުދިންނާ ދެކޮޅަށް ހިންގާ ޖަރީމާތައް

ނަމަވެސް ދުނިޔޭގެ އެހެން ގައުމަކުން އެގައުމުގެ ދާޚިލީ ކަމެއްގައިވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ހިތްހަމަ ނުޖެހޭ ކަމެއްކޮށްފިނަމަ އިްނސާނީ ހައްގުތަކުގެ ނަމުގައި އެގައުމަކާ ދެކޮޅަށް އދ. ގެ ގުނަވަންތައް މެދުވެރިކޮށްގެންނާ އދ. މެދުވެރިކޮށް އެކަން ނުކުރެވިއްޖެނަމަ އެމެރިކާއާއި ޔޫރަޕް ގުޅިގެންވެސް ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އަދި އދ. ގެ ސަލާމަތީ މަޖިލިހުން އިސްރާއީލާ ދެކޮޅަށް ފާސްކުރުމަށް މަސައްކަތްކުރި އެތަށް ގަރާރަކަށް އެމެރިކާއާއި ޔޫރަޕްގެ ބޮޑެ ދެބާރުން ވަނީ ވީޓޯގެ ބާރު ބޭނުންކޮށްގެން ހުރަސްވެސް އަޅާފައެވެ.

އިސްރާއީލާމެދު ބެލެވެނީ އެއީ ބައިނަލްއަގްވާމީ ގާނޫނުން ބޭރުން ހުޅަނގުގެ ހިމާޔަތް ލިބިފައިވާ އިސްތިއުމާރީ ބާރެއްގެ ގޮތުގައެވެ. އދ. އާއި އދ. ގެ ނިޒާމުގެ ބާރު ނުހިނގާ ގައުމެއްގެ ގޮތުގައެވެ. އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުމެއްނެތި ކުރިޔަށް ގެންދާއިރު އިސްރާއީލުގެ ޖަރީމާތަކާއި ގަތްލު އާންމުތަކާއި އުދުވާނީ ހަނގުރާމަތަކުގައި ފަލަސްތީނުގެ އެތަށް ލައްކަ ބަޔަކު ޝަހީދުކޮށްލައި މިލިޔަނަކަށްވުރެ މީހުން ޒަޚަމްކޮށްލާފައިވާކަމަށް ފަލަސްތީނުގެ ރަސްމީ ތަފާސްހިސާބުތައް ދައްކައެވެ.

އިސްރާއީލަކީ މުޅި ފަލަސްތީނަށް އެއްކޮށް ވެރިވެގަނެ އިސްތިއުމާރުކޮށް އެގައުމުގެ ރައްޔިތުން އަޅުވެތިކޮށްގެން އުޅޭ ގައުމެކެވެ، މިހާ އަނިޔާވެރިކަންބޮޑު ގައުމެއް އަދި ދުނިޔެ ދެކެފައިނުވާވަރުގެ އަނިޔާވެރި އަދި ނުރައްކާތެރި ގައުމެކެވެ. ނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ގެންދަނީ އިސްރާއީލު ހިމާޔަތްކޮށް އިސްރާއީލަށް ރައްކާތެރިކަމާއި ވާގިވެރިކަން ދެމުންނެވެ.

އިސްރާއީލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާއި ހަނގުރާމައިގެ ޖަރީމާތައް ތަހްގީގްކުރަން އިންޓަނޭޝަނަލް ކުރިމިނަލް ކޯޓުން ދާދިފަހުން މަސައްކަތް ކުރުމުން އެމެރިކާ ވަނީ އެކޯޓުގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރުންނަށް އިންޒާރުދީ އެބޭފުޅުން އެމެރިކާއަށް ދަތުރުކުރުން މަނާކޮށްފައެވެ. އަދި އިސްރާއީލުވަނީ އެގައުމުގެ އަނިޔާވެރިކަމާބެހޭ އެއްވެސް ކަމެއް ތަހްގީގް ކުރުމަށްޓަކައި ފަލަސްތީނަށް ދިޔުމުގެ ފުރުސަތު ނުދޭނެކަމާއި އިންޓަނޭޝަނަލް ކުރިމިނަލް ކޯޓަށް އެއްބާރުލުން ނުދޭނެކަމުގެ އިންޒާރު އެކޯޓަށް ދީފައެވެ.

comment ކޮމެންޓް