ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ބޮޑުބޭބެ 20 އަހަރަށް ޖަލަށް

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ބޮޑުބޭބެ 20 އަހަރަށް ޖަލަށް ލުމަށް މިއަދު ހައިކޯޓުން ވަނީ ހުކުމްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަތަރު އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ބޮޑު ބޭބެ 20 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

އެ މައްސަލައިގައި ކުށްވެރިވެގެން މިއަދު ޖަލަށް ލުމަށް ހައިކޯޓުން ހުކުމްކޮށްފައިވަނީ ދަފްތަރު ނަންބަރު ދރ. 1816, ހަސަން ރަޝީދުއަށެވެ.

އާއިލާގެ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އުފުލާފައިވާ އެ މައްސަލައިގައި މީގެ ފަސް އަހަރު ކުރިން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ހަސަން ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. އެ މައްސަލަ ހައިކޯޓުގައި ރަޖިސްޓާރ ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުއެވެ.

އެ މައްސަލައިގައި މިއަދު ހައިކޯޓުން ހުކުމްކޮށްފައިވަނީ, ހަސަން ރަޝީދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެގޮތަށް ހުކުމް ކޮށްފައިވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއެވެ. އޭނޭ ނެރުއްވެވި ރައުޔަށް ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އާއި ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ ތާއިދުކުރައްވާފައެވެ.

ކުށުގެ އުގޫބާތެއްގެ ގޮތުން 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް, އެ މައްސަލައާ ގުޅިގެން ހަސަން ރަޝީދު ހަތަރު އަހަރާއު ދެ މަހާއި ހަތަރު ދުވަހު ބަންދުގައި ހުރުމުން, ދެން ތަންފީޒުކުރަން ޖެހޭނީ 15 އަހަރާއި އަހަރާއި ނުވަ މަހާއި 26 ދުވަހެވެ.

ކްރިމިނަލް ކޯޓުން ހަސަން ރަޝީދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅާފައިވަނީ, އެކަށީގެންވާވަރަށް ހެކި ހުށަހަޅާފައި ނެތުމުން ކަމަށް ހައިކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.

އެގޮތުން ދައުލަތުން ހުށަހެޅި ދެ ހެކިވެރިން ބުނެފައިވަނީ, ހަތަރު އަހަރުގެ ކުއްޖާ ދިރިއުޅޭ ގެ އަކީ, މީހަކު ކުއްޖަކަށް ޖިންސީ ގޯނާއެއް ކުރެވިދާނެފަދަ މާހައުލެއް އޮތް ތަނެއް ނޫން ކަމަށާއި އަދި ހަސަން ރަޝީދު އެގެއަށް ވަދެ ނުކުމެ ނުހަދާ ކަމަށެވެ.

ނަމަވެސް މެޑިކޯ ލީގަލް ރެކޯޑަށް ބަލާއިރު, ކުއްޖާއަށް ޖިންސީ ގޮތުން ބެހިފައިވާކަމަށް ބެލެވޭކަމަށް ވަނީ ބުނެފައެވެ. އަދި ކުއްޖާ ބެލި ޑޮކްޓަރު ބުނެފައިވަނީ އެ ކުއްޖާގެ ފަރާތުން ފެނިފައިވާ ޑިސްޗާރޖަކީ އާދައިގެ ޑިސްޗާރޖެއް ކަމަށާއި ބެލެވޭ ގޮތުން އެކުއްޖާއަށް މީހަކު ޖިންސީ ގޯނާކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާގެ ވާހަކަތަކުން އެނގޭ ގޮތުން ހަސަން ރަޝީދުގެ ފަރާތުން ޖިންސީ އަނިޔާލިބިފައިވާ ކަމަށް, ކުއްޖާއާ ގުޅޭ ރިޕޯޓް ތައްޔާރުކުރި ފަރާތުން ޝަރީއަތުގެ މަޖިލީހުގައި ވަނީ ބުނެފައެވެ.

ހަސަން ރަޝީދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަހުން, ކުއްޖާ ދިރިއުޅޭ ގެއަށް އޭނާ ވަދެ ޖިންސީ ގޯނާކޮށްފައިވާކަން ނަފީވާވަރުގެ ހެކިބަހެއް ލިބިފައިނުވާކަމަށް ހުކުމުގައިވަނީ ބުނެފައެވެ.

comment ކޮމެންޓް