މާޒިޔާގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި

މާޒިޔާގެ ކޯޗުކަމުގެ މަގާމަށް މޯހަން ހަމަޖެއްސުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ//އަހުމަދު އައިމަން

އެންމެ ފަހުގެ ލީގު ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗަކަށް ޕްރޯ ލައިސަންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ހަމަޖައްސައިފިއެވެ.

މިއަދު ހުޅުމާލޭ އަކާސިއާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި މޯހަން މާޒިޔާގެ ކޯޗުކަމާ ރަސްމީކޮށް ވަނީ ހަވާލުވެ، ސޮއިކޮށްފައެވެ. މާޒިޔާއާ އެކު މޯހަން ސޮއިކޮށްފައި ވަނީ އެއް ސީޒަނުގެ ކޮންޓްރެކްޓެއްގައެވެ.

މާޒިޔާއަށް މިދިޔަ ސީޒަނުގައި ކޯޗުކަން ކޮށްދިނީ ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗްއެވެ. އޭނާގެ ކޯޗުކަމުގައި މާޒިޔާއަށް ލީގު ތަށި ހޯދައިދިން އިރު، ސީޒަން ނިމުމާއެކު ވިޑަކޮވިޗްގެ އެއްބަސްވުން ވަނީ ހަމަވެފައެވެ. އެއަށްފަހު ވިޑަކޮވިޗް ވަނީ އިންޑޮނީޝިއާގެ ކްލަބް ބޯނިއޯއާ ގުޅިފައެވެ.

މިދިޔަ ސީޒަން ކުލަބް އީގަލްސްގެ ކޯޗުކަމުން ފެށި މޯހަން ވަނީ ލީގުގެ މެދަކާ ހިސާބުން އެކުލަބު ދޫކޮށް ދިގު މުއްދަތެއްގެ އެއްބަސްވުމަކާ އެކު ސަސްޕަޓިސްއަށް ބަދަލުވެފައެވެ. އެހެން ނަމަވެސް އެކުލަބާ އެކު ލިބުނު މަދު މެޗުތަކަށްފަހު ދާދި ފަހުން އޭނާ ކުލަބުގެ ކޯޗުކަމުން ވަކިކޮށްފައިވާ ކަމަށް ސަސްއިން ވަނީ އިއުލާންކޮށްފައެވެ.

މާޒިޔާއާ ހަވާލުވުމަށް ފަހު މޯހަން ފުރަތަމަ ކުރިމަތިލާނެ މުބާރާތަކީ އަންނަ ޑިސެމްބަރު ބާއްވާ ޕްރެޒިޑެންޓްސް ކަޕެވެ. މާޒިޔާ އަކީ ފުރަތަމަ ޑިވިޝަނުގައި މޯހަން ކޯޗުކޮށްދޭ ހަތް ވަނަ ޓީމެވެ. އޭނާ ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގައި ނިއު ރޭޑިއަންޓާއި ވެލެންސިއާ، އީގަލްސް، ސަސް، ދ. ކުޑަހުވަދޫ އަދި އދ. މަހިބަދޫ ފުޓްބޯޅަ ޓީމަށް ކޯޗުކޮށްދީފައެވެ.

ފުޓުބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މޯހަން އަކީ މާޒިޔާގެ ހަތަރުވަނަ ދިވެހި ކޯޗެވެ. އޭނަގެ ކުރިން އެ ޓީމަށް ކޯޗުކަން ކޮށްދިން ދިވެހި ކޯޗުންނަކީ އިސްމާއިލް މަހްފޫޒް (އިންމަ)، އަލީ ސުޒޭން، މުހައްމަދު ނިޒާމް (ނިޒާމްބެ)އެވެ.

comment ކޮމެންޓް