ޗެމްޕިއަން އޮފް ޗެމްޕިއަންސްގެ ރަންވަަނަ އާން އަދި ހަމްނާއަށް

ޗެމްޕިއަން އޮފް ޗެމްޕިއަންސްއިން ފެންމުތުގެ ޝަރަފު ހޯދި ހަމްނާ އާއި އާންއަށް --- ސްވިމިންގް އެސޯސިއޭޝަން/ އަލީ ނަސީރު

ރާއްޖޭގެ ފެތުންތެރިންނަށް ހާއްސަ ކޮށްގެން މޯލްޑިވްސް ސްވިިމިން އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ޗެމްޕިއަން އޮފް ޗެމްޕިއަންސް މުބާރާތުގެ ފުރަތަމަ ރަން ވަނަތައް ހަމްނާ އަހުމަދާއި މުހައްމަދު އާން ހުސެއިން ހާސިލުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ހުޅުމާލޭ ސްވިމިން ޕޫލްގައި ބޭއްވި ފެތުމުގެ މުބާރާތް ރޭގެ ނިޔަލަށް ނިންމާލާފައިވާ އިރު، މި މުބާރާތުގެ އެކި އިވެންޓްތަކުން ވަނަވަނަ އަށް ދިޔަ ފެތުންތެރިންނަށް ވަނީ އިނާމު ދީފައެވެ. އަދި އެއަށްފަހު މުބާރާތުގެ އެންމެ ގިނަ ރަން މެޑަލް ހޯދި ދެ ފެތުންތެރިންނަށް ވަނީ "ފެންމުތުގެ" ޝަރަފް ދީފައެވެ.

ދިވެހި ކުޅިވަރުގެ ހިދުމްތްތެރިޔާ ސައްޔިދު އަލީގެ އަތުން ދެއްވި މި ޝަރަފުވެރި އެވޯޑް ހާސިލް ކުރި ހަމްނާ ވަނީ 13 އިވެންޓްގައި ވާދަކޮށް 12 އިވެންޓުން ރަން މެޑަލް ހޯދައިފައެވެ. ހަމްނާ އަށް ރަން މެޑަލް ނުލިބުނީ އޭނާ ވާދަކުރި 100 މީޓަރު ބަޓަފްލައި އިވެންޓްގައެވެ.

މި މުބާރާތުގައި ހަމްނާ ރަން މެޑަލް ހޯދި އިވެންޓުތަކަކީ 100 މީޓަރާއި 200 މީޓަރު ބެކްސްޓްރޯކް، 100 މީޓަރާއި 50 މީޓަރު ބްރެސްޓްސްޓްރޯކް، 50 މީޓަރު ބެކްސްޓްރޯކް، 200 މީޓަރު ފްރީސްޓައިލް، 400 މީޓަރު ފްރީސްޓައިލް، 100 މީޓަރާއި 200 މީޓަރު އިންޑިވިޖުއަލް މެޑްލީ، 50 މީޓަރު ބަޓަފްލައި އަދި 50 މީޓަރާއި 100 މީޓަރު ފްރީ ސްޓައިލްއެވެ.

މި އެވޯޑް ދެން ހޯދި އާން ވަނީ 14 ކެޓެގެރީން އެއް ވަނަ ހޯދައިފައެވެ. އާން ވަނީ 15 އިވެންޓްގައި ވާދަކޮށް 14 އިވެންޓުން ރަން މެޑަލް އަދި އެއް އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. އާން އަށް ރިހި މެޑަލް ލިބުނީ 200 މީޓަރު ބަޓަފްލައި އިވެންޓުންނެވެ.

މުބާރާތުން އާން ރަން މެޑަލް ހޯދި އިވެންޓުތަކަކީ 400 މީޓަރު އިންޑިވިޖުއަލް މެޑްލީ، 100 މީޓަރާއި 200 މީޓަރު ބެކްސްޓްރޯކް، 100 މީޓަރު ބްރެސްޓްސްޓްރޯކް، 100 މީޓަރު ބަޓަފްލައި، 50 މީޓަރު ބެކްސްޓްރޯކް، 200 މީޓަރު ފްރީ ސްޓައިލް، 50 މީޓަރު ބްރެސްޓްސްޓްރޯކް، 400 މީޓަރު ފްރީ ސްޓައިލް، 100 މީޓަރާއި 200 މީޓަރު އިންޑިވިޖުއަލް މެޑްލީ، 50 މީޓަރު ބަޓަފްލައި އަދި 50 މީޓަރާއި 100 މީޓަރު ފްރީ ސްޓައިލްއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދީފައިވަނީ ކޮންމެ ކެޓަގަރީ އަކުން ވެސް އެންމެ މޮޅު ފެތުންތެރިންނަށް ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެފައިވެއެވެ.

comment ކޮމެންޓް