އަންހެނަކު ރޭޕްކުރި ގދ. ތިނަދޫ މީހަކު 15 އަހަރަށް ޖަލަށް

ގދ. ތިނަދޫ, ނިޔުލައިފް, ޝެހެޒާދު އަބްދުލްއަޒީޒް: އަންހެނަކު ރޭޕްކުރިކަން އޭނާގެ މައްޗަށް ވަނީ ސާބިތުވެފައި

ރޭޕް ކުރިކަމުގެ ކުށް ސާބިތުވެ ގދ. ތިނަދޫ މީހަކު 15 އަހަރަށް ޖަލަށްލުމަށް ކްރިމިނިލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު އެ ހުކުމް ކޮށްފައިވަނީ, ގދ. ތިނަދޫ, ނިޔުލައިފް, ޝެހެޒާދު އަބްދުލްއަޒީޒްގެ މައްޗަށެވެ.

އެ ހާދިސާ ހިނގާފައިވަނީ 2016 ވަނަ އަހަރުއެވެ. މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ, ޖެހިގެން އައި އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އެކަމުގެ ތުހުމަތުގައި ޝެހެޒާދު 50 ދުވަހު ބަންދުގައި ހުރުމުން އެ މުއްދަތު ކެނޑުމަށްފަހު ދެން ތަންފީޒުކުރަން ޖެހޭނީ 14 އަހަރާއި 10 މަހާއި 10 ދުވަސް ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވެއެވެ.

އަދި ގާނޫނުގެ އަސާސީގެ 42 ވަނަ މާއްދާ އާއި ޖިންސީކުށުގެ ގާނޫނުގެ 58 މާއްދާ އަށް ރިއާޔަތްކޮށް އެ ހުކުމް އާންމުކޮށްފައެއް ވެސް ނުވެއެވެ.

އެ ގާނޫނުގައި ބުނާ ގޮތުން, އެފަދަ ޝަރީއަތުގެ މަޖިލިސްތައް ކުރިއަށްގެންދަން ޖެހޭނީ, ކުށުގެ ޝިކާރައަށްވީ ފަރާތަކީ ކާކުކަން ހާމަނުވާނެ ފަދައިން ސިިއްރު މަޖިލީހެއްގެ ގޮތުގައެވެ.

ރޭޕްގެ އިތުރުން އެހެން ދައުވާއެއް ވެސްޝެހެޒާދުގެ މައްޗަށް އުފުލިއެވެ. އެއީ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާއެވެ. ނަމަވެސް އެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމުގެ ތަފްސީލް އާންމުކޮށްފައި ނުވަނީ, މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

comment ކޮމެންޓް