"ރައީސް އުޅުއްވީ 16 ވަޅު ހިލަން، އެކަން ނުވީ ބޮލި ނެތުުމުން"

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އަނބިކަނބަލުން ފަޒުނާ އަހުމަދާއެކު -- ފޮޓޯ/ މެޑަމް ފަޒުނާ ފޭސްބުކް

ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އަރިހުގައި އަނބިކަނބަލުން ފަޒުނާ އަހުމަދު ބައިވެރިވެ ވަޑައިގެން ކުރައްވާ ދަތުރުފުޅު ތަކުގައި ވަރަށް 'ލޯބި' ފޮޓޯތައް ނަންގަވައެވެ.

މީގެ ދުވަސްކޮޅެއް ކުރިން، މި އަހަރުގެ ޖުލައި 17 ވަނަ ދުވަހު ހދ. ކުމުންދޫއަށް ޒިޔާރަތް ކުރައްވައި، އެރަށުގައި ނެންގެވި ފޮޓޯތައް ހާއްސަ ގޮތެއްގައި ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ދައުރުވިއެވެ.

ރައީސްގެ ދެކަނބަކުން ހދ. ކުމުންދޫއަށް ކުރެއްވި ދަތުރުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ބޭރުގެ ބައެއް ގައުމުތަކުގެ ކުރީގެ ރައީސުންގެ ދެކަނބަލުންގެ ފޮޓޯތައް މީސްމީޑިއާގައި ހިއްސާކުރާއިރު ބައެއް ފަރާތްތަކުން ބޭރުގެ ދެރައީސަކު އަނބިކަނބަލުންނާއެކު ތިއްބަވާ ފޮޓޯ ހިއްސާކޮށް، ދެ ފޮޓޯގެ ފަރަގު އަޅައިބަލައެވެ. ސަބަބަކީ 'ފޮޓޯ ވާހަކަ ދައްކާތީ'އެވެ.

ގައުމެއްގެ ރައީސުންނަށް ވީތީ، ފޮޓޯއިން ފެންނަ މަންޒަރު ތަކާއި ހަރަކާތްތައް ވަރަށް ބޮޑު މެސެޖެއް ދޭނެތީއެވެ.

ރައީސް ސޯލިހުގެ ރަސްމީ އަދި ނުރަސްމީ ދަތުރުފުޅު ތަކުގައި ދެކަނބަލުން ނަންގަވާ ފޮޓޯތައް އެހާމެ ނަލަވެފައި ޗާލެވެ.

އިތުރު ވާހަކަތަކެއް ނެތި ހަމައެކަނި ފޮޓޯއަށް ބަލާލުމުން ވެސް ހިތްގައިމުކަން އޭގެ އިންތިހާއަށް އެކުލެވޭވަރު ފާހަގަ ވާނެއެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ ވޯލްޑް އެކްސްޕޯ 2020ގައި ރައީސްއާއި މެޑަމް ފަޒްނާ ބައިވެރިވެވަޑައިގެން، ނެންގެވި ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ 'އޮއްވަޅުގަނޑު' ކުޅުއްވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެކެވެ.

މެޑަމް ފަޒުނާ ވަނީ ކުޑަ ވީޑިއޯ ކޮޅެއްވެއް ފޭސްބުކް ސްޓޯރީގައި ހިއްސާ ކުރައްވާފައެވެ.

އެކްސްޕޯ 2020ގައި ރައީސްއާއި މެޑަމް ފަޒްނާ ބައިވެރިވެވަޑައިގަންނަވަީ -- ފޮޓޯ/ މެޑަމް ފަޒްނާ

މެޑަމް ފަޒުނާ ސޯޝަލް މީޑިއާގައި ފޮޓޯ ހިއްސާ ކުރެއްވުމުން، 'މޮޅުވީ ކޮން ބޭފުޅެއްތޯ' މީހަކު ސުވާލު ކުރިއެވެ.

ފަޒުނާ ވިދާޅުވީ ރައީސް އުޅުއްވީ 16 ވަޅު ހިލަން ކަމަށެވެ. ނަމަވެސް އެކަން ނުވީ ބޮލި ނެތުުމުން ކަމަށެވެ.

"އަޅުގަނޑު ކުޅެން ނުދީ 16 ވަޅު ހިލަން އުޅުނީ. އެކަމު ބޮލި ހަމަ ނުވެގެން (އެކަން) ނުވީ" މަޖާޒީ ގޮތަކަށް ޖަވާބު ދެއްވަމުން ފަޒުވާ ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ހާއްސަ ސިފައެއް ކަމުގައި، ރައީސްކަމަށް ހޮވުމުގެ ކުރީއްސުރެ މިއަދާ ހަމައަށް ވެސް މަޝްހޫރުވެފައި ވަނީ މަޑުމައިތިރިކަމެވެ. 'ހިތްތިރި ރައީސް' ގެ ގޮތުގައި ވެސް މީހުން ރައީސް ސޯލިހު ސިފަ ކުރައްވައެވެ.

ސިޔާސީ މައިދާނުގައި ކުރީސަފުގައި ހަރަކާތްތެރި ނުވި ނަމަވެސް މެޑަމް ފަޒުނާ ފާހަގަ ކުރެވިގެން ދަނީ ދިރިއުޅުމުގައި ވަރަށް ހަރަކާތްތެރި ކަނބަލެއް ގޮތަށެވެ.

ރައީސްގެ ދެކަނބަލުން -- ފޮޓޯ: ރައީސް އޮފީސް

މެޑަމް ފަޒުނާއާއެކު ނަންގަވާ ފޮޓޯތަކުން ހަމަ ޔަގީނުންވެސް ރައީސްގެ 'ހިތްތިރިކަން' ކަށަވަރު ވާނެއެވެ.

ނަމަކަށް ފޮޓޯއެއް ނަގާލުމާ ހިލާފަށް، ރައީސްގެ ދެކަނބަލުންގެ ފޮޓޯތަކުގައި އިހުތިރާމާއި ލޯބި އެކުލެވެއެވެ.

ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވީނަމަވެސް އަނބިކަނބަލުން ފަޒުނާއަށް ދެއްވަވާ ގަދަރާއި، އެކަމަނާއާމެދު ކުލުހު ބަހައްޓަވާ މިންވަރު ވަރަށް ބޮޑަށް ހާމަވެއެވެ.

މަތީ ފަންތީގެ މަގާމެއް ލިމުބުން ފޮޓޯއަކަށް ހުއްޓޭއިރު އަތުގައި ހިފާލުމަކީ ގިނަ މީހުން ނުކުރާނެ ކަމެކެވެ.

ނަމަވެސް ރައީސް، މެޑަމް ފަޒުނާގެ އަތްޕުޅުގައި ހިއްޕަވައިގެން ވެސް ފޮޓޯ ނަންގަވާފައި އެބަހުއްޓެވެ. އެކުގައި ނަންގަވައިފައިވާ ގިނަ ފޮޓޯތަކުގައި ދެކަނބަކުންގެ ހިނިތުންވެވަޑައިގަތުން ފެންނަން ހުންނައިރު، 'މިއީ އަހަރެންގެ އަނބިމީހާއޭ' ބުނެލާ ފަދަ ގޮތަކަށް އަނބިކަނބަލުންނާ ކައިރީގައި ހުންނަވައި ފޮޓޯތައް ނަންގަވައެވެ.

އެއީ މިޒަމާނުގެ އަންހެންކުދިން ވަރަށް ގަޔާވާ، ފިރިންގެ ކިބައިން ފެނުމަށް އެދޭ ސިފައެކެވެ. ތިމާގެ ފިރިމީހާ، އެހެން މީހުންގެ ކުރިމަތީގައި ތިމާއަކީ އަނބިމީހާކަމުގައި ދޭހަވާ ގޮތަށް އަމަލުތައް ބެހެއްޓުމެވެ.

ކޮންމެއަކަށް ރައީސް ސޯލިހުއާއެކު އަނބިކަނބަލުން ނަންގަވާ ފޮތޯތައް 'ކަޕުލް ގޯލްސް' ގެ ގޮތުގައި ވެސް ފާހަގަ ކުރެވެއެވެ. އަދި 'ފޭވަރިޓް ކަޕަލް' ގެ ގޮތުގައި ވެސް ރައީސްގެ ދެކަނބަލުން ނަންގަވާ ލޯބި ފޮޓޯތައް އެންމެ ފުރިހަމައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ދުބާއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އަނބިކަނބަލުން ފަޒުނާ މާލެ ވަޑައިގަންނަވާނީ މާދަމާއެވެ.

ދުބާއީ މަގުން ރައީސް ސޯލިހު ސްކޮޓްލޭންޑަށް ވަޑައިގަންނަވާނީ ހުކުރު ދުވަހުއެވެ. އެއީ ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ.

comment ކޮމެންޓް