ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއެއް ހޯދަނީ

ފުލުހުން ހޯދަމުން އަންނަ އިބްރާހިމް މުހައްމަދު--

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ހޯދަމުން އަންނަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 36 އަހަރުގެ އިބްރާހިމް މުހައްމަދެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން އަންނަނީ ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ކަމަށެވެ.

އޭނާ ހޯދަން އިއުލާނުކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތީން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ވަނީ އޭނާ އަންނަ މަހުގެ 15 ވަނަ ދުވަހުގެ 10:00 އަށް ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އަންގައިފައެވެ. އަދި އޭނާ އާ ގުޅޭ މައުލޫމާތެއް ލިބިފައިވާނަމަ އެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791508 އަށް ގުޅައި ހިއްސާކުރުމަށް ވެސް އެދިފައިވެއެވެ.

މިފަދަ މައްސަލަތަކުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

comment ކޮމެންޓް