ސްޓެލްކޯއިން ގުރައިދޫ މަރުކަޒުގެ ފަސް ވަނަ ބްލޮކް މަރާމާތު ކޮށްފި

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ -- ފޮޓޯ: ޖެންޑާ މިނިސްޓްރީ

ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސް ވަނަ ބްލޮކް މަރާމާތުކޮށް، ޖެންޑާ މިނިސްޓްރީއާ ހަވާލުކޮށްފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ނިންމާ މިނިސްޓްރީއާ ހަވާލުކުރި ލިއުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ އެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސް ވަނަ ބްލޮކް މަރާމާތު ކުރުމަށް ކުރި މަސައްކަތްތަކުގެ ތެރޭގައި، އެ ބްލޮކްގައި ހުރި ދެ ފާހާނާ ކޮޓަރީގެއާއި، ފާހާނާ ބަރީގައި ހިމެނޭ ހަ ފާހާނާގެ ތަށިމުށި ބަދަލުކުރުމާއި، އެތަނުގައި މިހާރު ސިންކް ބޭނުން ކުރަމުން އަންނަތަން ބަދަލުކޮށް އެތަން ކޮންކްރީޓްކޮށް ބެއްދުން ހިމެނެއެވެ.

މީގެ އިތުރުން ބަދިގެ ބައިގައި ކޮންކްރީޓް އައްޓެއް ހެދުމާއި، އަލަށް ހެދި ކޮންކްރީޓް އަށީގެ ބައިގައި މިހާރު ހުރި ވަރަށް ވުރެ ބޮޑު އަދި ފުން ސިންކެއް ބެހެއްޓުމާއި، އެ މުޅި އަށީގައި ޓައިލްސް ޖަހައި، ބަދިގޭގައި ކަބަޑު ސެޓެއް ހަދައި ހަރުކުރުން ހިމެނެއެވެ.

ހަމައެއާއެކު އެތަނުގެ އެތެރޭގައި ހުރި ރެނދުތައް ރަނގަޅަށް ކޮށައި ފެންވަރު ރަނގަޅު ކެމިކަލެއް ބޭނުންކޮށްގެން ބެއްދުމާއި، ޕެސްޓް ކޮންޓްރޯލްކޮށް، އެތަނުގައި ބަދަލު ކުރަން ޖެހިފައިވާ ފަންކާތައް ބަދަލު ކުރުމާއި، އެތަނުގައި ހުރި 21 ކުޑަދޮރުގައި ދޮރުފޮތި ހަރުކުރުމާއި، އެމުޅި ތަނުގައި ކުލަލުމުގެ މަސައްކަތް ވަނީ ކޮށްދީފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު އައިޝަތު ވިދާޅުވީ ހާއްސަ އެހީއަށްބޭނުންވާ މަރުކަޒުގެ ފަސް ވަނަ ބްލޮކް މަރާމާތު ނުކޮށް، ބޭނުން ނުކޮށް ހުންނަތާ ގިނަ ދުވަސްތަކެއްވީ ފަހުން އެ ބްލޮކް މަރާމާތު ކުރުމަކީ މަރުކަޒުގައި ތިބޭ މީހުންނަށް ބޮޑު ބަދަލަކަށް ވާނެ ކަމަށެވެ.

އެހެންކަމުން ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކޮށްފައިވާ މަސައްކަތަށް މިނިސްޓަރު ޝުކުރު ދެންނެވިއެވެ.

"މިވަގުތުވެސް މަރުކަޒުގައި އެބަތިބި 199 މީހުން. މިއީ ހަމަ ކޮންމެ ދުވަހަކުވެސް ބަދަލުވަމުންދާ އަދަދެއް. ވެއިޓިން ލިސްޓެއްގައި މިހާރުން މިހާރަށްވެސް އެތަނަށް ގެންދަންޖެހޭ މީހުން އަބަދުވެސް ތިބޭ. އެހެންވީމަ މިއަދު މި ވޯޑް ހަވާލުކުރުމާ ގުޅިގެން 28 ޖާގަ އިތުރުވެގެން މިދިޔައީ. މި 28 ޖާގައިގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ބައެއްގެ ދިރިއުޅުން އަދި އެމީހުންގެ ތަކުލީފުތަކަށް ބަދަލެއް މިގެނެސްދެވުނީ. އެއީ ކަންނޭގެ ތިބޭފުޅުން ތިކުރައްވާ އިޖުތިމާއީ ހިދުމަތުގައި އަގު ހުންނަ ސަބަބަކަށް ވެގެން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ހާއްސަ އެހީއަށްބޭނުންވާ މަރުކަޒުގައި އެ ކުންފުނިން ކުރި މަސައްކަތުގެ ސަބަބުން މުޅި ކުންފުންޏަށްވެސް ހާއްސަ އުފަލެއް ލިބިގެންދާކަމަށެވެ.

"އަޅުގަނޑުމެންގެ މިކުންފުންޏަކީ ޔުޓިލިޓީ ހިދުމަތް ދޭ ކުންފުންޏަކަށްވާއިރު، މިއަދު އަޅުގަނޑުމެންގެ ކުންފުނި ބަދަލުވެފައިމިވަނީ އަޅުގަނޑުމެންނާ އެއްކޮށް، އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށްދޭން މަސައްކަތް ކުރާ ކުންފުންޏެއްގެ ގޮތުގައި. އެހެންވީމަ މުޖުތަމައުގެ އެހީތެރިކަމަށް އެކި ގޮތްގޮތުން ބޭނުންވެފައިވާ ފަރާތްތަކާއި، ހާއްސަ އެހީތެރިކަމަކަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދީގެން، އަޅުގަނޑުމެންގެ އެހީތެރިކަން އެފަރާތްތަކަށް އެބަ ފޯރުކޮށްދެން،" މުޣުނީ ވިދާޅުވި އެވެ.

މީގެ އިތުރުން ސްޓެލްކޯއަކީ ގައުމީ ފެންވަރުގައި ބާއްވާ އެކި އެކި ކަންކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާ ކުންފުންޏެއްކަން ފާހަގަ ކުރައްވާ މުޣުނީ ވިދާޅުވީ، ގުރައިދޫ މަރުކަޒުގައި އެ ކުންފުނިން ކުރި މަސައްކަތްތައް ފަދަ އިތުރު މަސައްކަތްތައްވެސް ކުރިއަށްއޮތް ތަނުގައި ސްޓެލްކޯއިން ހުއްޓުމެއްނެތި ކުރަމުންގެންދާނެ ކަމަށެވެ.

comment ކޮމެންޓް