އިންޑިއާ މިލިޓަރީ އައުޓް ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތެއް ހިންމަފުށީގައި ބާއްވަނީ

ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ކައުންސެލަރު އިބްރާހީމް ސުޖާއު -- ސަން ފޮޓޯ/ އައިމަން އަލީ

އިދިކޮޅު ކޯލިޝަނުން ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކެމްޕެއިންގެ ތެރެއިން ކުރިއަށް ގެންދާ އިންޑިއާ މިލިޓަރީ އައުޓް ޕެޓިޝަންގައި ސޮއި ކުރުމުގެ ހާއްސަ ހަރަކާތެއް މިއަދު ހަވީރު ކ. ހިންމަފުށީގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލާ، "އިންޑިއާ މިލިޓްރީ އައުޓް" އަދި މިނިވަންކަމުގެ ދިފާއުގައި ދިވެހިންގެ ނަމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ ކެމްޕެއިނެއް ކުރަމުންނެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ކައުންސެލަރު އިބްރާހީމް ސުޖާއު ވިދާޅުވީ ހިންމަފުށީގައި މިއަދު ކުރިއަށް ގެންދާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ފަށާފައިވާ މިނިވަންކަމުގެ ދިފާއުގައި ދިވެހިން، ކެމްޕެއިންގެ ދަށުން ކުރިއަށްދާ ހާއްސަ ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ކަމަށެވެ.

ސުޖާއު ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕާއި ކައުންސިލް މެމްބަރުން ހިންމަފުއްޓަށް ވަޑައިގަންނަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އޮތޮޅުތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ބާލާ ގައުމު ސަލާމަތް ކުރެވުމާ ހަމައަށް، ކޯލިޝަނުން އެ މަސައްކަތުގައި ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

ސުޖާއު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގެއްލުން ލިބޭގޮތަށް، މި ސަރުކާރުން ހަދާފައިވާ ހުރިހާ އެގްރިމެންޓްތައް ޕީޕީއެމް ސަރުކާރެއްގައި އުވާލާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމަށް މިނިވަންކަމުގެ އިހްސާސް ކުރެވެންދެން މި މަސައްކަތުގައި ރައީސް ޔާމީންގެ ފިކުރު ދެމި އޮންނާނެ. އިހަކަށްދުވަހު ފެނިއްޖެ ދިވެހިން މި ކަމަށް ބޭނުންވެފަ ތިބި މިންވަރު. އެހެންވީމަ ދައުލަތުން ޖެހޭނީ އަޅުގަނޑުމެންގެ ބަސް އަހަން. އެއީ ގާނޫނު އަސާސީއާ މުޅިން ހިލާފަށް ކަންކަން ކޮށްގެން މި އުޅެނީ. ރާއްޖޭގައި އިންޑިއާ ސިފައިން ގެންގުޅެނީ ގާނޫނު އަސާސީއާ ހިލާފަށް،" ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ އިންޑިއާ މިލިޓަރީ އައުޓް ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް އަތޮޅުތެރޭގައި ބާރަށް ކުރިއަށް އެބަދާ ކަމަށެވެ. އަދި ވިދާޅުވީ މިހާރުވެސް ގިނަ އަދަދެއްގެ ފޯމު ލިބެމުން އަންނަ ކަމަށެވެ.

comment ކޮމެންޓް