މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހައިފި

ޑރ. މުހައްމަދު އަލީ ކޮވިޑް ބޫސްޓާ ޑޯޒް ޖަހަނީ -- ފޮޓޯ/ ޑރ. މުހައްމަދު އަލީ

މިހާތަނަށް 1577 މީހުން ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހައިފި ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ މި މަހުގެ ތިންވަނަ ދުވަހުން ފެށިގެންނެވެ.

ރާއްޖޭގައި މިވަގުތު ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހަމުން ދަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ.

މި ދެ ކެޓަގަރީގެ ތެރޭގައި ފްރަންޓުލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނާއި، ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި، ދިފާއީ ނިޒާމުގެ ބާރު ދަށްކުރާ ފަަދަ ބޭސް ބޭނުންކުރާ މީހުންނާއި، އަދި ދިގު މުއްދަތަކަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުން ހިމެނެއެވެ.

ހަމައެއާއެކު ގަވައިދުން ޑައިލިސިސް ހަދާ މީހުންނާއި، ކެންސަރު ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަ ނުވަތަ ފަރުވާ ނިމި އަހަރެއްނުވާ މީހުންގެ އިތުރުން އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން ނުވަތަ ބީއެމްއައި 40 އަށްވުރެ މަތި މީހުން ވެސް ހިމެނެއެެވެ. އަދި ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުންނާއި، އުމުރުން ދުވަސްވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުން އެނދުމަތިވެފައިވާ މީހުން ވެސް ބޫސްޓާ ޑޯޒް ޖަހަން ޖެހެއެެވެ.

ވެކްސިންގެ ބޫސްޓާ ޑޯޒެއްގެ ގޮތުގައި މި ވަގުތަށް ޖަހަނީ ފައިޒާ ވެކްސިން އެކަންޏެވެ. ބޫސްޓާ ޑޯޒް ޖަހައިދޭނީ ވެކްސިންގެ ދެވަނަ ޑޯޒް ޖެހިފަހުން ހަ މަސް ފުރިހަމަވުމުންނެވެ.

ބޫސްޓާ ޑޯޒް ޖެހުމަށް އެޗްޕީއޭގެ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓު ހެއްދޭނެއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހައިދޭނީ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށެވެ.

އެގޮތުން އޭޑީކޭގައި ބޫސްޓާ ޑޯޒް ޖަހައިދޭނީ ހެނދުނު 9:00 އަކުން މެންދުރު 2:00 އަކަށެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ބޫސްޓާ ޑޯޒް ޖަހައިދޭނީ މެންދުރު 1:00 ކުން ހަވީރު 3:00 ކަށެވެ.

comment ކޮމެންޓް