ޝިޔާމްގެ ރައްދެއް އެމްޑީޕީއަށް: ރައްޔިތުންގެ ލޯބި ބޭނުންނަމަ ފްލެޓު އަޅުއްވާ

ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް: --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ ލޯބި ބޭނުންނަމަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ގޮވައިލައްވައިފިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ ހިޔާ ފްލެޓު މަޝްރޫއުގައި ބޮޑެތި ޖަރީމާތަކެއް ހިންގައިފައިވާ ކަމަށާއި އެ ޖަރީމާތައް ތަހުގީގުކުރުމަށް ގޮވައިލައްވައި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ޝިޔާމް ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީގެން "ރުޅިގަދަ ވެގެން އުޅޭ ސަރުކާރެއް" މީގެ ކުރިން ފެނިފައިނުވާ ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ދިވެހި ރައްޔިތުން މިއަދު ގޮވާލަމުން އަންނަނީ، އެހެން ސަރުކާރަކުން ނުކޮށްދޭ ކަންކަން ރައީސް ޔާމީން ކޮށްދެއްވައިފައިވާތީ ކަމަށެވެ.

ހަމައެހެންމެ ބޮޑު ތަފާތަކުން މާލޭގެ މޭޔަރު ކަމަށް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުވެވަޑައިގަތީ ވެސް މާލޭ ރައްޔިތުންނަށް އެ މަނިކުފާނު ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައި ހުރުމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ބޯހިޔާވަހިކަމުގެ ވައުދު ވިއްކައިގެން ކަމަށާއި ބޯހިޔާވަހިކަމަށް ރައްޔިތުން އުންމީދު ކުރާ ކަމަށެވެ.

"އެ ކަންތައްތައް ނުކޮށް އަދިވެސް ކުރީ ސަރުކާރުން ނައްޓާނުލެވިގެން، އަދިވެސް ރައީސް ޔާމީންގެ ގައިން ނައްޓާނުލެވިގެން، މި މީހުންނަށް މިއުޅެނީ ކީއްވެގެންތޯ؟" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ މި ސަރުކާރުން ވެސް ރައްޔިތުންގެ ލޯތްބާއި ތާއީދު އެދޭނަމަ ފްލެޓު އެޅުމަށް ގޮވައިލައިފައެވެ.

"ފްލެޓު އަޅުއްވާ، ރައްޔިތުންގެ ލޯބި ބޭނުން ވެއްޖެ ކަމަށް ވަންޏާމު، ބޯހިޔާވަހިކަން ދެއްވާ ރައްޔިތުންގެ ލޯބި ބޭނުން ވެއްޖެ ކަމަށް ވަންޏާމު. މިތަނަށް ވަޑައިގެން އަދި ރައްޔިތުންނަށް ރައީސަކު ކޮށްދެއްވައިފައި ހުރި ކަންތައްތަކާ ދޭތެރޭގަ ހަޅޭ ލެއްވުމަކުންނެއް މިކަންތައްތަކެއް ނުފުދޭނެ،" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވަނީ މި ސަރުކާރުން ސިޔާސީ މަގާމު ގިނަ ކުރާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީ މެންބަރުން ވަނީ ހިޔާ މަޝްރޫއާއި ރައީސް ޔާމީންގެ އިތުރުން މާލޭ މޭޔަރު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަދައްކަވައިފައެވެ.

comment ކޮމެންޓް