ހިޔާ ފްލެޓުގެ ސަބަބުން ގެއްލުންވާ ކަމަށް ބުނެ މައްސަލަ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ހިޔާ ފްލެޓު މަޝްރޫއުގެ ސަބަބުން ދިވެހި ރައްޔިތުންނާއި ސަރުކާރަށް ގެއްލުން ވާނެ ކަމަށް އަންދާޒާ ކުރެވިފައިވާތީ، މި މަޝްރޫއު ހިންގައިފައިވާ ގޮތް ތަހުގީގުކުރުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ހުށަހަޅުއްވައިފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހެވެ.

ފަލާހު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މި މަޝްރޫއު ހިންގުމުގައި މަކަރާއި ހީލަތާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާތް މީހުންނަށް ނާޖާއިޒް ފައިދާ ހޯދައި ދީފައިވާ ކަމަށެވެ. އަދި މިފަދަ ޖަރީމާތަކުން ރައްޔިތުންނަށާއި ސަރުކާރަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް އޮޑިޓާ ޖެނެރަލުން މިކަން ދިރާސާކުރުމަށް ފަހު ނެރުނު ރިޕޯޓުން ވެސް ދައްކާ ކަމަށެވެ.

"އަދި އެ ރިޕޯޓުގައި އިސްވެ ދެންނެވުނު މަޝްރޫއާ ގުޅޭ ކަންކަން ތަފްސީލްކޮށް ބަޔާން ކޮށްފައިވާތީ، އިސްވެ ދެންނެވުނު މަޝްރޫއުގެ ތެރެއިން ދައުލަތާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަމާމެދު ސުވާލު އުފައްދާނެ ތަނެއް ކަމަށް ކަނޑައެޅިފައިވާ ހިނދު، ދިވެހި ދައުލަތާއި މުޅި ރާއްޖޭގެ ރައްޔިތުންނަށް ސީދާ ގެއްލުންވާ ގޮތަށް އަމަލުކޮށް، ހިންގާފައިވާ ކަންކަން ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގާ،" ފަލާހު ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ.

މައްސަލައިގައި ވަނީ މަޝްރޫއު ހިންގުމުގައި އިސްކޮށް ތިބި މީހުންނަށް ފިޔަވަޅު އެޅުމަށް ވެސް ގޮވައިލައިފައެވެ.

މީގެ އިތުރުން ހިޔާ ފްލެޓު ކުލި ކަނޑައަޅައިފައިވަނީ، ގެއްލުން ވާނެ ގޮތަކަށް ކަމަށްވެސް މައްސަލައިގައިވެއެވެ. އަދި މި ސަރުކާރުން އެ ކަމުގެ ހަގީގަތް ހާމަކުރުމުން، ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެއްދުމަށް ބަޔަކު މަސައްކަތް ކޮށްފައިވާ މައްސަލަ ބެލުމަށް ވެސް ފަލާހު ހުށަހެޅުއްވިއެވެ.

މި މައްސަލަ މަޖިލީހަށް މަޖިލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ ތެރެއިން 32 މެންބަރުންގެ ވޯޓާއެކުގައެވެ.

comment ކޮމެންޓް