ދިވެހި ޕްރިމިއާ ލީގު ފަށާނީ ފެބްރުއަރީ މަހު

މާޗް 29، 2021: ދިވެހި ޕްރިމިއަ ލީގްގައި އީގަލްސް އާއި ދަ ގްރާންޑޭ ބައްދަލުކުރި މެޗްގެ ތެރެއިން -- ސަން ފޮޓޯ./ ފަޔާޒު މޫސާ

ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގު ފެށުން އަންނަ އަހަރުގެ ފެބްރުއަރީ މަހަށް އެފްއޭއެމުން ފަސްކޮށްފިއެވެ.

ދިވެހި ޕްރިމިއާ ލީގުގެ އާ ސީޒަން ފަށާނީ ފެބްރުއަރީ 12 ވަނަ ދުވަހު އެވެ. މިދިޔަ ސީޒަނުގައި ވެސް ލީގުގައި ކުޅުނު އަށް ޓީމާ އެކު ކުރިއަށް އޮތް ސީޒަނުގެ ލީގުގެ އޮންނާނީ ތިން ބުރެކެވެ. ނިމިދިޔަ ސީޒަނުގައި ވެސް ލީގުގައި ތިން ބުރެއް ކުޅެން ނިންމިއެވެ.

ނަމަވެސް ކޮވިޑްގެ ސަބަބުން ރާއްޖެ ލޮކްޑައުނަކަށް ދިއުމާއި، ގައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން ލީގުގެ ދެވަނަ ބުރެއް ކުޅެ ނިންމާލުމަށްފަހު އޭރު އެއްވަނައިގައި އޮތް މާޒިޔާއަށް ވަނީ ޗެމްޕިއަންކަން ދީފައެވެ. އަދި އޭރު ރާވާފައި އޮތް ބައެއް އެހެން މުބާރާތްތައް ވެސް ވަނީ ކެންސަލުކޮށްފައެވެ.

އެފްއޭއެމުން ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނުގެ ޝެޑިއުލް މިހާރު ވަނީ ނެރެފައެވެ. އެ ޝެޑިއުލުގައި ވާގޮތުން މިފަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ރައީސުލް ޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕުންނެވެ.

އެފްއޭއެމުން އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕް ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން ފާއިތުވި ތިން ސީޒަނުގައި ވެސް އެކި ސަބަބުތަކާ ހުރެ ޕްރެޒިޑެންޓްސް ކަޕް ބާއްވާފައި ނުވެއެވެ. އެންމެ ފަހުން ޕްރެޒިޑެންޓްސް ކަޕްގައި އަށް ޓީމު ހިމެނޭ ގޮތަށް ކުޅުނީ 2015 ވަަަނަ އަހަރުއެވެ.

ސީޒަން ކަލަންޑަރުގައިވާ ގޮތުން އަންނަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗު ބާއްވާނީ ފެބްރުއަރީ ހަތް ވަނަ ދުވަހު އެވެ. ޝީލްޑް މެޗުގައި ކުޅޭނީ އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް ކްލަބް ވެލެންސިއާ އެވެ.

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ، ޕްރިމިއާ ލީގު ދެވަނަ ބުރުގެ ކުޅުން ނިމުމާއެކު، ޖެހިގެން އަންނަ ޖޫން 27 ވަނަ ދުވަހުއެވެ. ދެވަނަ ޑިވިޝަނާއި ޕްރިމިއާ ލީގުގެ ކުޅުން ނިމުމުން، ޖެހިގެން އަންނަ ސީޒަނުގައި ޕްރިމިއާ ލީގު ޖާގައަކަށް ކުޅޭ ކޮލިފައިން މެޗްތަކެއް ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ ސީޒަނުގެ އެފްއޭ ކަޕްގެ ފުރަތަމަ ބުރުގެ ކުޅުން ޖޫން މަހުގެ ފުރަތަމަ ދުވަހު ފަށަން އެފްއޭއެމުން ހަމަޖައްސާފައި ވާއިރު، ކުއާޓާ ފައިނަލާއި ސެމީ ފައިނަލް އަދި ފައިނަލް މެޗް އޮންނާނީ ޕްރިމިއާ ލީގުގެ ކުޅުން ނިންމުމަށް ފަހު، އޮގަސްޓް މަހުގެ ކުރީކޮޅުއެވެ.

comment ކޮމެންޓް