އެކްސިޑެންޓެއްގައި ކުއްޖަކު މަރުވުމުން އެއްމިލިއަން ރުފިޔާގެ ދިޔަ ދޭން ހުކުމް ކޮށްފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ހަތް އަހަރު ކުރިން މާލޭގައި ބާރު ސްޕީޑުގައި ދުއްވި ޕިކަޕަކުން ސައިކަލުތަކެއްގައި ޖެހި އުމުރުން ހަތަރު އަހަރުގެ ކުއްޖަކު މަރުވި މައްސަލައިގެ ދިޔައިގެ ގޮތުގައި އެއްމިލިއަން ރުފިޔާ ދައްކަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޑިސެމްބަރު 6، 2014 ގައި ވަނަ ދުވަހުގެ 17:37ހާއިރު މަޖީދީ މަގުން ހުޅަނގުން އިރަށް ބާރު ސްޕީޑެއްގައި ގަވައިދާ ހިލާފަށް މަގުގެ ކަނާތު ފަޅިން ދުއްވާފައި ދަނިކޮށް އެމަގުން ހުޅަނގުން އިރަށް ދުއްވައިފައިދިޔަ ދެ ސައިކަލުގައި ޖެހި އެކްސިޑެންޓެއް ވިއެވެ.

އެ އެކްސިޑެންޓުވި އެއް ސައިކަލުގައި އިން ހަތަރު އަހަރުގެ ކުއްޖަކު މަރުވި މައްސަލައިގައި ދައުލަތުން ދައުވާކުރީ ހ. ހެޕީނައިޓް އިރުމަތީބައި މުހައްމަދު އާދަމްގެ މައްޗަށެވެ. ދައުލަތުން މުހައްމަދުގެ މައްޗަށް ކުރީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ހާދިސާ ހިނގުމުގައި މުހައްމަދު އާދަމްގެ އިހުމާލު އޮތްކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި، ހުށަހެޅި ގަރީނާތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

މީގެ އިތުރުން، މި ހާދިސާ ހިނގުމަށް މެދުވެރިވީ މުހައްމަދު އާދަމްގެ ބަނޑާއި، އުނަގަނޑަށް އެރި ތަދެއްގެ ސަބަބުންކަމަށް އޭނާ ބުނި ނަމަވެސް އެފަދަ ކަމެއް މެދުވެރިވެދާނެފަދަ ސަބަބެއް އޭނާގެ ކިބައިގައި ފެންނަން ނެތްކަން މައްސަލައާ އެކު ހުށަހެޅިފައިވާ މެޑިކޯ ލީގަލް ރެކޯޑަށް ބެލުމުން އެނގެން އެބައޮތް ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ހުކުމުގައި އިތުރަށް ވަނީ، ހާދިސާ ހިނގިއިރު އަމަލުކުރި ގާނޫނުލްއުގޫބާތުގައި ވާ ގޮތުން އެފަދަ ކުށްތަކަށް ދެވޭ ޖޫރިމަނާގެ އެންމެ ބޮޑު އަަދަދަކީ 250 ރުފިޔާ ކަމަށް ވާތީ އެ އަދަދުން އޭނާ ޖޫރިމަނާ ކުރީ ކަމަށެވެ. އަދި އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެން ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ވަނީ އަންގާ ކަމަށެވެ.

މީގެ އިތުރުން، މި ހާދިސާގައި އޭނާގެ އިހުމާލުން ކުއްޖަކު މަރުވެފައިވާތީއާއި އެ ކުއްޖާގެ ވާރިސުން މަރުގެ ދިޔަ ބޭނުންވާތީ، އިސްލާމީ ޝަރީއަތަށް ރިއާޔަތްކޮށް މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަން ޖެހޭނެކަމަށް ވެސް އެ ހުކުމުގައި ވެއެވެ.

މަރުގެ ދިޔަ ދައްކަން ދީފައިވަނީ ފަސް އަހަރު ދުވަހުގެ މުއްދަތެކެވެ. އަދި ކައްފާރައިގެ ގޮތުގައި ވިދިވިދިގެން ހަނދުމަހުން ދެ މަސް ދުވަހު ރޯދަ ހިފަން ވެސް އޭނާގެ މައްޗަށް ވަނީ އަމުރު ކޮށްފައެވެ.

މިއީ ރާއްޖޭގައި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ނަގައިދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން މަރުގެ ދިޔައިގެ ގޮތުގައި ނަގަނީ އެއް ލައްކަ ރުފިޔާއެވެ. އެ އަދަދު އެއް މިލިއަނަށް ބޮޑުކުރީ މިދިޔަ ޖުލައި މަހު ސުޕްރީމް ކޯޓުންނެވެ.

އެ ހާދިސާ ހިނގިއިރު މަރުގެ ދިޔައިގެ ގޮތުގައި ރާއްޖޭގައި ނަގައިދެނީ އެއް ލައްކަ ރުފިޔާއެވެ. އެެހެންކަމުން ކުރިން ހިނގާފައިއޮތް ކަމަކަށް ފަހުން އަމަލުކުރި އުސޫލުގައިވާ ބޮޑު އަދަބެއް ދިނުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

comment ކޮމެންޓް