ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް މުއިއްޒު މަސައްކަތެއް ނުކުރޭ: ނަހުލާ

ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ. -- ފޮޓޯ/ފޭސްބުކް

މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ކައުންސިލަށް ހުށަހަޅުއްވާ ކަންްކަން ހައްލުކޮށްދެއްވުމަށް ޓަކައި ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކަަށީގެންވާ ގޮތަކަށް މަސައްކަތް ނުކުރައްވާކަމަށް އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ކަންބޮޑުވުން ފާޅުކޮށް ނަހުލާ ނެރުނު ބާޔާނެއްގައި ބުނީ ވިލިމާލޭގެ ކަންކަން ސިޓީ ކައުންސިލަށް ހުށަހަޅައިގެން ކުރަން ދަތިވެފައިވާކަމަށެވެ.

"އަޅުގަނޑު މުގައްރިރަކަށް އިންނަ ވިލިމާލެ ސާވިސަސް ކޮމިޓީއަށް ވެސް ވިލިމާލޭގެ ކަންކަން ހުށަހަޅައިގެން ކުރުމަށް ވަނީ ދަތިވެފައި. މޭޔަރުގެ ސަމާލުކަމަށް މިކަން ގެނައުމުން ވެސް މިކަމަަށް ހައްލެއް ހޯއްދަވައި ނުދެއްވާކަން ފާހަގަކުރަން. ކައުންސިލް ބައްދަލުވުންތަކުގައި ވެސް ވާނީ މި ވާހަކަ ދައްކައިފައި،" ނަހުލާ ވިދާޅުވިއެވެ.

އޭނާ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވަނީ ވިލިމާލޭގެ ސިނަމާލޭ ފްލެޓުތަކުގައި އުޅޭ ރައްޔިތުންތަކެއްގެ ކަންބޮޑުވުން ސިޓީ ކައުންސިލަށް ދެ ހަފްތާއެއްގައި ވިދިވިދިގެން ހުށަހެޅުމުން ވެސް މޭޔަރުގެ ފާރާތުން އެކަމަށް އެދެވޭ ހައްލެއް ހޯދުމަށް މަސައްކަތްކޮށްދީފައި ނުވާތީއެވެ.

އެގޮތުން ފައިސާ ދައްކަންޖެހޭ މިންވަރަށް ދައްކައި ނިމުނު ނަމަވެސް ފްލެޓް އަމިއްލަ ވާނެ ގޮތުގެ އުސޫލެއް ނެތި މިއަދާ ހަމައަށް ވެސް ފައިސާ ދައްކަމުން އަންނަ ފަރާތްތަކެއް އުޅެމުން އަންނަކަމަށް ނަހުލާ ވިދާޅުވިއެވެ.

އެގޮތުން މިފަދަ އެކި ކަހަލަ މައްސަލަތަކާއެކު 31 އާއިލާއެއްގެ ޝަކުވާއާއި ކަންބޮޑުވުން ކައުންސިލަށް ހުށަހެޅިކަމަށް ނަހުލާ ވިދާޅުވިއެވެ.

އެއާއެކު ނަހުލާ ވަނީ ވިލިމާލޭގެ އެކި ކަންކަމުގައި އޭނާ ހުށަހަޅާފައިވާ މައްސަލަތައް ކައުންސިލުން އެޖެންޑާކޮށް، ތަންފީޒުކޮށްދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

ނަހުލާ ވިދާޅުވީ އޭނާ ތާއީދުކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށްކަމަށެވެ. އަދި ރައީސް ޔާމީން ވިލިމާލެއަށް ނަހުލާ ފޮނުއްވީ އެ އަވަށަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށްކަަމަށް އޭނާ ވިދާޅުވިއެވެ.

"ފިކުރު ތަފާތުކުރުމެއް ނެތި ވިލިމާލެ ދާއިރާގެ ކައުންސިލަރު އަބަދު ވެސް އިސްކުރާނީ ރައްޔިތުންގެ މަސްލަހަތު. ރައްޔިތުން ދެއްކި މަގަކުން އަަޅުގަނޑު ހިނގާނަން. އެ ޔަގީންކަން އަޅުގަނޑު ވިލިމާލެ ދާއިރާގެ ރައްޔިތުންނަށް އަރުވަން،" ނަހުލާ ވިދާޅުވިއެވެ.

ސުލޫކީ މައްސަލަތަކަކާ ގުޅިގެން ނަހުލާ ޕީޕީއެމުން ސަސްޕެންޑުކުރީ މިދިޔަ މަހުގެ 27ވަނަ ދުވަހެވެ.

މި ސަސްޕެންޝަނުގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭ އެ ޕާޓީގެ ތެރޭގައި ބާއްވާ އެއްވެސް އިންތިހާބެއްގައި ވާދަކުރުމަށް އޮތް ފުރުސަތު ނަހުލާއަށް ގެއްލޭނެއެވެ.

އަދި ކުރިއަށް އޮތް ހަ މަސް ދުވަހު ޕާޓީގެ އެއްވެސް ރަސްމީ ޖަލްސާއެއްގައި ނުވަތަ އެއްވުމެއްގެ ޕޯޑިއަމްގައި ވާހަކަދެއްކުމުގެ ފުރުސަތު ވެސް ނަހުލާއަށް ވަނީ ގެއްލިފައެެވެ.

އެކަމާ ގުޅޭގޮތުން ނަހުލާ ވިދާވިދާޅުވީ އެއީ ވިލިމާލެ ދާއިރާއަށް ލިބުނު ބޮޑު ނިކަމެތިކަމެއްކަަމަށެވެ.

comment ކޮމެންޓް