ސޫދާން ސިފައިން ނުކުމެ އެގައުމުގެ މަދަނީ ސަރުކާރު ވައްޓާލައިފި

ސޫދާނުގެ އަސްކަރީ ވެރިއާ އަދި ސޮވެރިން ކައުންސިލްގެ ރައީސް ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން

ޚުރުތޫމް (25 އޮކްޓޯބަރު) : ސޫދާނުގެ ސިފައިންނާއި އެގައުމުގެ ސަރުކާރާ ދެމެދު ގުޅުންތައް ގޯސްވެފައިވަނިކޮށް ރޭ ފަތިހު ސިފައިންގެ ބަޔަކު ނުކުމެ އެގައުމުގެ މަދަނީ ވެރިކަން ވައްޓާލައި އަސްކަރީ އިންގިލާބެއް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ސޫދާނުގެ ކޮންޓްރޯލް އެގައުމުގެ ސިފައިން ގެ އަތްދަށުގައި

ސޫދާނުން ލިބޭ ޚަބަރުތައް ބުނާގޮތުން އެގައުމު މިހާރު އޮތީ ސިފައިންގެ ބާރުގެ ދަށުގައެވެ. ސިފައިންވަނީ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް އާއި އޭނާގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި އިސް ބައެއް ބޭފުޅުން ގޭބަންދުކޮށްފައެވެ. އަލްޖަޒީރާ ބުނާގޮތުން ރޭ ފަތިހުން ފެށިގެން ވެރިރަށް ޚުރުތޫމްގެ މަގުތައް ފުރާލާފައިވަނީ ހަތިޔާރުއެޅި ސިފައިންނާއި އަސްކަރީ ވެހިކަލްތަކުންނެވެ. މިއާއެކު ސިފައިންގެ ގްރޫޕެއްވަނީ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކްގެ ގެކޮޅު ވަށާލުމަށްފަހު އޭނާ ގޭބަންދުކޮށް ބޮޑުވަޒީރުގެ ގެކޮޅަށް އެއްވެސް މީހަކު ވަނުން މަނާކޮށްފައެވެ.

ސޫދާނުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް

ހަމްދޫކުގެ އިތުރުން ސޫދާނުގެ ވެރިކަމުގެ އެންމެ އިސް ކައުންސިލް ކަމަށްވާ "ސޫދާނީސް ސޮވެރިންޓީ ކައުންސިލް" ގެ މެމްބަރެއްކަމަށްވާ މުހައްމަދު އަލްފައްކީ ސުލައިމާން އާއި އިންފޮމޭޝަނާބެހޭ ވަޒީރު ހަމްޒާ ބަލޫލް އާއި ކޮމިއުނިކޭޝަނާބެހޭ ވަޒީރު ހާޝިމް ހަސަބުއްރަސޫލް އާއި ސިނާއަތާބެހޭ ވަޒީރު އިބްރާހީމް އައްޝައިޚް އާއި ޚުރުތޫމްގެ ގަވަރުނަރު އައިމަން ނަމްރުއާއި ބޮޑުވަޒީރުގެ މުސްތަޝާރު ފައިސަލް ސާލިޙް އަދި ސޫދާނުގެ ސިޔާސީ ބޭފުޅެއްކަމަށްވާ އަލީ އައްރީހް އައްޝައިޚް ވެސްވަނީ ހައްޔަރުކޮށްފައެވެ.

ބޮޑުވަޒީރު ހައްޔަރުކުރީ އިންގިލާބަށް ތާއީދުކުރަން ދެކޮޅު ހެއްދެވުމުން

ރިޕޯޓްތައް ބުނާގޮތުން ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް ގޭގައި ބަންދުކުރީ ސިފައިން ގެންނަން މަސައްކަތްކުރާ އިންގިލާބަށް ތާއީދުކޮށް ބަޔާނެއް ނެރުމަށް އޭނާ ދެކޮޅު ހެއްދެވުމުންނެވެ. ޚުރުތޫމުގައި ތިއްބަވާ ބޭރުގެ މުރާސިލުން ބުނާގޮތުގައި ސޫދާނަށް މިގެންނަނީ އަނެއްކާވެސް އަސްކަރީ އިންގިލާބެކެވެ. މި އިންގިލާބުގެ ފަހަތުގައިވަނީ އެންމެފަހުން ސޫދާނަށް އަސްކަރީ އިންގިލާބު ގެނައި ޖެނެރަލުންނެވެ. އެ ޖެނެރަލުންގެ ތެރޭގައި އިސްކޮށް ތިއްބެވީ ސޫދާނުގެ ވެރިކަމުގެ އެންމެ އިސް ކައުންސިލް ކަމަށްވާ "ސޫދާނީސް ސޮވެރިންޓީ ކައުންސިލް" ގެ ވެރިއާ އަދި ސޫދާނުގެ ހެޑް އޮފް ސްޓޭޓްގެ މަގާމުގައި ހުންނެވި ޖެނެރަލް އަބްދުލްފައްތާޙް އަލްބުރުހާން އާއި އޭނާގެ ނައިބު ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ) އެވެ.

އަލްޖަޒީރާ ޚަބަރުދޭ ގޮތުގައި އިންގިލާބު ގެންނަން މަސައްކަތްކުރާ ސިފައިންވަނީ ސޫދާނުން އިންޓަނެޓްގެ ހިދުމަތާއި ބައެއް ސަރަހައްދުތަކުން މޯބައިލް ފޯނުގެ ޚިދުމަތްތައްވެސް ކަނޑާލާފައެވެ. އަދި ބައެއް މަގުތަކާއި ބްރިޖްތައްވެސް ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް އާންމުންނަށް ދަތުރު ނުކުރެވޭނެގޮތް ހަދައިފައެވެ.

ބޮޑުވަޒީރު ގޮވާލައްވަނީ ރައްޔިތުން މަގުތަކަށް ނުކުމެ އިންގިލާބާ ދެކޮޅަށް ތެދުވުމަށް

ސޫދާނުގެ ސިފައިން ނުކުމެ އެގައުމުގެ ސިޔާސީ ފަރާތްތައް ހައްޔަރުކުރަމުން ގެންދާތީ ބޮޑުވަޒީރު ހަމްދޫކް އާއި މަދަނީ ބާރުތަކުންވަނީ ސިފައިންގެ އިންގިލާބާ ދެކޮޅު ހެދުމަށްޓަކައި މަގުތަކަށް އެއްވުމަށް އާންމުންނަށް ގޮވާލާފައެވެ. މިއާއެކު އާންމުން މަގުތަކަށް އެއްވާން މަސައްކަތްކުރާކަމަށާ ނަމަވެސް ސިފައިން ދަނީ އެކަމަށް ހުރަސްއަޅަމުންކަމަށް ޚަބަރުތައް ބުނެއެވެ.

ސޫދާނުގެ ސިފައިން ވެރިރަށް ޚުރުތޫމްގެ މަގުތަކުގައި ހަރަކާތްތެރިވަނީ

ސޫދާނުގައި ދިގުމުއްދަތަކަށް ވެރިކަން ކުރެއްވި ރައީސް ޖެނެރަލް އުމަރު ހަސަން އަހްމަދުލްބަޝީރުގެ ވެރިކަމާދެކޮޅަށް ސިފައިން ނުކުމެ އެވެރިކަން ވައްޓާލައި ޖެނެރަލް ބަޝީރު ހައްޔަރުކުރީ 2019 ވަނައަހަރުގެ ކުރީކޮޅުގައެވެ. އެއަށްފަހު ސޫދާނުގައި ވެރިކަން ކުރަމުން ގެންދަނީ "ސޫދާނީސް ސޮވެރިންޓީ ކައުންސިލް" ގެ ނަމުގައި އެކުލަވާލާފައިވާ މަޖިލީހަކުންނެވެ.

އިންގިލާބުގެ ފަހަތުގައިވަނީ 2019 ގައި އިންގިލާބު ގެންނެވި ޖެނެރަލުން

އެ މަޖިލީހުގައި މަދަނީ ނުވަ މެންބަރުންނާއި އަސްކަރީ ފަސް މެމްބަރުން ތިއްބަވައެވެ. އެމަޖިލީހުގެ ވެރިއަކީ 2019 ވަނައަހަރު ގެނައި އަސްކަރީ އިންގިލާބުގައި އިސްކޮށް ހުންނެވި ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާނެވެ. ނަމަވެސް ސޫދާނުގައި ވެރިކަންކުރަނީ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް އާއި އޭނާގެ މަދަނީ ސަރުކާރުންނެވެ. އެސަރުކާރުގެ މައްޗަށް ބަސްކިޔާ މަޖިލީހަކީ "ސޫދާނީސް ސޮވެރިންޓީ ކައުންސިލް" އެވެ.

މިފަހަކަށް އައިސް ސޮވެރިން ކައުންސިލްގެ އަސްކަރީ މެންބަރުންނާއި މަދަނީ މެންބަރުންނާ ދެމެދުވަނީ ވެރިކަމުގެ އަރާރުމާގުޅޭ ކޯޅުމެއް އުފެދިފައެވެ. މިއާއެކު ސޮވެރިން ކައުންސިލްގެ ރައީސް ޖެނެރަލް އަބްދުލްފައްތާހް އަލްބުރުހާން ވަނީ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް އާއި އޭނާގެ މަދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސޫދާނުގެ އަސްކަރީ ލީޑަރުންނާއި މަދަނީ ލީޑަރުން ވެރިކަމާ ތަޅާފޮޅަނީ

ބޮޑުވަޒީރާއި އޭނާގެ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލައި ސޫދާނުގެ ބަޔަކު ހުއްޓުމެއްނެތި އިހްތިޖާޖް ކުރަމުންގެންދާތާ މިހާރު ދެހަފްތާއަށްވުރެ ގިނަ ދުވަސްވެފައިވާއިރު އިހްތިޖާޖްކުރާ މީހުން އެކަންކުރަނީ ސޮވެރިން ކައުންސިލްގެ ރައީސް ޖެނެރަލް އަބްދުލްފައްތާހް އާއި އޭނާގެ ނައިބު ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ) ގެ ތާއީދާއެކުގައި ކަމަށް ވެއެވެ. އެކަމުގެ ބޭނުމަކީ ހަމްދޫކުގެ މަދަނީ ސަރުކާރު ވައްޓާލައި ވެރިކަމުގެ ހުރިހާ ބާރުތަކެއް ޖެނެރަލް އަބްދުލްފައްތާހް އާއި އޭނާގެ ނައިބު ޖެނެރަލް މުހައްމަދު ހަމްދާން ދަގްލޫ (ހަމިއްތީ) ގެ ދަށަށް ގެންދިޔުންކަމަށް މުހައްލިލުން ވިދާޅުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު