އިދިކޮޅުން މުޒާހަރާކުރަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިއަށް ފުރުސަތު ހޯދުމަށް: ބޮންޑޭ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) -- ފޮޓޯ/ މަޖިލިސް

އިދިކޮޅު ޕީޕީއެމް ކޯލިޝަނުން އެންމެ ފަހުން މުޒާހަރާކުރީ މަސްތުވާތަކެތި ވިޔަފާރި ކުރުމަށް ފުރުސަތު ދިނުމަށް ގޮވާލުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮރިން ސާވިސަސްގެ ބިލަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ފޮރިން ސާވިސްއާ ބެހޭ ބިލުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަހައްދު ރައްކާތެރިކަން ދެމެހެއްޓުމަށް ޓަކައި އަދި ބައިނަލްއަގްވާމީ އެހެނިހެން މަސައްކަތްތަކުގައި ރައީސަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މި ކަން ފާހަގަކުރައްވާ ކުރީ ސަރުކާރަށް ފާޑުވިދާޅުވަމުން ބޮންޑޭ ވިދާޅުވީ އިދިކޮޅުން އަންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށް އެހެން ގައުމުތަކުގެ އެހީ ހޯދުމާ ދެކޮޅަށް އަޑު އުފުލަމުން ކަމަށެވެ.

"އެހެންނަމަވެސް ދިވެހިރާއްޖެ މިހާރު އޮތް ހާލަތަކީ، ދިވެހިރާއްޖޭގެ ކޯސްޓުގާޑު އޮތީ މަރާމާތު ނުކުރެވޭ ހާލަތަށް ގޮސް، މުޅިން ހަލާކުވެ ސުންނާފަތިވެފަ،" ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ވެރިކަން ކުރީ ރާޑަރުތައް އޮފް ކޮށްލައިގެން ކަމަށެވެ.

"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ ގައުމުތަކުން، ބޭރުގެ މަސްތުވާތަކެތި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި ފޮށިފޮށި ގަނޑުގަ ވައްޓާލާފަ، ޖީޕީއެސް ލޮކޭޝަން ދީފަ އެ ބުނަނީ އެ ނަގާށޭ، މި ވެނި ވަރަކަށް ޑޮލަރު ދޭނަމޭ. ނަގައިގެން މިވެނި ބޯޓަކަށް ލައިދޭށޭ،" ބޮންޑޭ ވިދާޅުވިއެވެ.

މިފަހުން ރާއްޖެއިން އަތުލައިގަތް 315 ކިލޯގެ މަސްތުވާތަކެތީގެ ޝިޕްމެންޓު ފާހަގަކޮށް، ބޮންޑޭ އިތުރަށް ވިދާޅުވީ މަސްތުވާތަކެތި އަތުލައިގަތުމަކީ އިދިކޮޅުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އިންޑިއާ އާ ދެކޮޅަށް އަޑުއުފުލަނީ އިންޑިއާއިން ދޭ މައުލޫމާތުތަކުން މަސްތުވާތަކެތި އަތުލައިގަންނާތީ ކަމަށް ވެސް ވިދާޅުވިއެވެ.

"އެންމެ ފަހުން އިއްޔެ ނޫން ކުރީ ދުވަހު ކުރި މުޒާހަރާ އެއީ މަސްތުވާތަކެތީގެ ވިޔަފާރިއަށް ދިވެހިރާއްޖެއިން ފުރުސަތު ހޯދުމަށް ޓަކައި މި ސަރުކާރާ ދެކޮޅަށް އަދި ހާއްސަކޮށް ދިވެހިރާއްޖޭގެ ސަރަހައްދު، ސާވިލެންސް އިންޓަސެޕްޓް ކުރެވޭނެ މި ޒަމާނުގެ ޓެކްނޮލޮޖީ ހުރި އުޅަނދުތައް ބޭނުން ކުރާނެ ކަން ކަށަވަރު ވީމަ އެކަން ހުއްޓުވަން ވެގެން،" ބޮންޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން ބޮންޑޭ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހިރައްޔިތުންގެ މުދާ ސަލާމަތް ކުރުމަށް އެހެން ގައުމުތަކުގެ އަސްކަރިއްޔާއާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް