ސޫދާންގެ ސިފައިން، ގައުމުގެ ބޮޑުވަޒީރު ހައްޔަރުކޮށްފި

ސޫދާންގެ ބޮޑު ވަޒީރު އަބްދުﷲ ހަމްދޫކް -- ފޮޓޯ/ ރޮއިޓާސް

ސޫދާންގެ ސިފައިން އެގައުމުގެ ބޮޑުވަޒީރު އަބްދުﷲ ހަމްދޫކް ހައްޔަރުކޮށް، ގޭބަންދުގައި ބަހައްޓައިފިއެވެ.

އަރަބި ނޫހެއް ކަމަށްވާ އަލް ހަދަތު ޓީވީން ރިޕޯޓުކުރި ގޮތުގައި ސޫދާންގެ ބޮޑުވަޒީރު ގޭބަންދު ކުރުމުގެ ކުރިން، މިއަދު ހެނދުނު އެގައުމުގެ ސިފައިންގެ ބަޔަކު ވަނީ ބޮޑުވަޒީރުގެ ގެކޮޅު ވަށާލައި، ބަންދުކޮށްފައެވެ. އަދި ފަހުން ސިފައިން ވަނީ ބޮޑުވަޒީރު ހައްޔަރުކޮށްފައެވެ.

އަލް ޖަޒީރާއިން ރިޕޯޓުކުރި ގޮތުގައި ސިފައިން ވަނީ ބޮޑުވަޒީރުގެ އިތުރުން އެގައުމުގެ އިންޑަސްޓްރީ މިނިސްޓަރު އިބްރާހިމް އަލް ޝެއިހާއި ގައުމުގެ ވެރިރަށް ޚަރުތޫމްގެ ގަވަރުނަރު އައިމަން ޚާލިދު ވެސް ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން ސޫދާންގެ އިންފޮމޭޝަން މިނިސްޓަރު ހަމްޒާ ބަލޫލާއި ބޮޑުވަޒީރުގެ މީޑިއާ އެޑްވައިޒަރު ފައިސަލް މުހައްމަދު ސާލިހު އާއި ސޮވެރީން ކައުންސިލުގެ ތަރުޖަމާނު މުހައްމަދު އަލް ފިލްކޯ ސުލައިމާން ވެސް ހައްޔަރުކޮށްފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓުކުރިއެވެ.

ހަމައެއާއެކު ސޫދާންގައި އިންޓަނެޓު ފަދަ މުވާސަލާތީ ވަސީލަތްތަކަށް ހުރަސްއަޅާފައިވާ ކަމަށާއި އަސްކަރިއްޔާއިން ގިނަ މަގުތަކާއި ބުރިޖުތައް ބަންދުކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ބުނެއެވެ.

ނަމަވެސް އެ މައްސަލައާ ބެހޭ ގޮތުން ސޫދާންގެ އަސްކަރިއްޔާއިން އަދި އެއްވެސް މީޑިއާއަކަށް މައުލޫމާތު ދީފައި ނުވެއެވެ.

ސޫދާނުގެ ސަރުކާރު ހިންގުމާ ހަމްދޫކް ހަވާލުވެޑައިގެންނެވީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އަސްކަރިއްޔާއިން އޭރުގެ ރައީސް އުމަރުލް ބަޝީރު ވެރިކަމުން ދުރުކުރުމާ ގުޅިގެންނެވެ.

ސޫދާނުގެ އަސްކަރިއްޔާއިން ބަޝީރު ވެރިކަމުން ދުރުކުރީ ޑިސެމްބަރު 2018އިން ފެށިގެން އޭނާއާ ދެކޮޅަށް އެގައުމުގެ އެތައް ހާސް މީހުން މުޒާހަރާ ކުރަމުން ދަނިކޮށެވެ.

އޭގެ ފަހުން އެގައުމުގެ އަސްކަރިއްޔާއިން ވެރިކަމާ ހަވާލުވުމުން އެސަރުކާރާ ދެކޮޅަށް ވެސް ގައުމުގެ ރައްޔިތުން މުޒާހަރާ ކުރަން ފެށިއެވެ. އޭގެ ސަބަބުން ސޫދާންގެ އަސްކަރިއްޔާގެ ޖެނެރަލުންނާއި މުޒާހަރާގެ ލީޑަރުން ވަނީ ގުޅިގެން ވެރިކަން ކުރުމަށް ކައުންސިލެއް އުފައްދައިފަ އެވެ. އަދި ސަރުކާރުގައި އިސްކޮށް ހުންނަވަން ހަމްދޫކް އައްޔަން ކުރީ އެ ކައުންސިލުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް