ޕާކިސްތާނުން ތާލިބާން ސަރުކާރު ވަރުގަދަ ކުރުމަށް ޓަކައި ބޮޑެތި އެހީތަކެއްވަނީ

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ

އަފްޣާނިސްތާނަށް އިންސާނީ އަދި މާލީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން އެގައުމަށް ބޭނުންވާ ވިޔަފާރީގެ ޚާއްސަ އިމްތިޔާޒްތަކާއި އަފްޣާން ރައްޔިތުން ޕާކިސްތާނަށް ދަތުރުކުރުމަށް ވިސާ ދިނުމުގައިވެސް ބޮޑެތި ދޫތަކެއް ދިނުމަށް ދާދިފަހުން ޕާކިސްތާނުން ވަނީ ނިންމާފައެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހު މަހްމޫދު ގުރައިޝީ ވިދާޅުވިގޮތުގައި އަފްޣާނިސްތާނަށް 28 މިލިޔަން ޑޮލަރުގެ އަވަސް އެހީއެއް ދިނުމަށާއި އަފްޣާނިސްތާނުގެ ދަނޑުވެރިކަމުގެ އުފެއްދުންތައް ޕާކިސްތާނަށް އިމްޕޯޓްކުރާއިރު އޭގެތެރެއިން ބައެއްތަކެތިން ޑިއުޓީ އެއްކޮށް ކަނޑާލައި އަނެއްބައި ތަކެތިން ޑިއުޓީ ކުޑަކުރުމަށް ޕާކިސްތާނުން ވަނީ ނިންމާފައެވެ.

މީގެއިތުރުން އަފްޣާން ރައްޔިތުން ޕާކިސްތާނަށް ދަތުރުކުރުމަށް ވިސާ ދިނުމުގައިވެސް ބޮޑެތި ދޫތަކެއް ދިނުމަށް ނިންމާފައިވާކަމަށާ ޚާއްސަކޮށް ބޭސް ފަރުވާއަށް ޕާކިސްތާނަށް ޒިޔާރަތްކުރާ އަފްޣާން ރައްޔިތުންނަށް ވަކިމުއްދަތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭފަދަ އިންތިޒާމެއް ހަމަޖައްސަން މަސައްކަތް ކުރަމުން ގެންދާކަންވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ. ޝާހު މަހްމޫދު ގުރައިޝީ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އޭނާ އަފްޣާނިސްތާނަށް ކުރެއްވި ދަތުރުފުޅެއް ނިންމާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވެ.

ޕާކިސްތާން ގެންދަނީ އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރަށް ބައިނަލްއަގްވާމީ އިއުތުރާފް ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ. މިކަމަށްޓަކައި ޕާކިސްތާނުން ގެންދަނީ އަފްޣާން ރައްޔިތުންގެ ހުރިހާ ނަސްލުތަކާއި ދީންތަކާއި މަޒުހަބުތަކުގެ މީހުން ތަމްސީލުވާގޮތަށް އަފްޣާން ސަރުކާރު އެކުލަވާލައި އަންހެނުންނަށް ތައުލީމުގެ ފުރުސަތާއި ވަޒީފާގެ ފުރުސަތު ދިނުމަށް ތާލިބާން ސަރުކާރުގެ އިސްވެރިންނަށް ބާރުއަޅަމުންނެވެ.

މިކަންތައް ތާލިބާން ސަރުކާރުން ކޮށްފިނަމަ ދުނިޔޭގެ އެތަށް ގައުމަކުން ތާލިބާން ސަރުކާރަކީ އަފްޣާން ރައްޔިތުން ތަމްސީލުކުރާ ސަރުކާރެއްކަމަށް ބަލައިގަނެ އެސަރުކާރަށް އިއުތިރާފުވާނެކަމަށް ޕާކިސްތާން ދެކެއެވެ.

މޮސްކޯގައި ބޭއްވި އަފްޣާން ފޯރަމްގެ ބައިވެރިންނާއެކު ރަޝިއާގެ ޚާރިޖީ ވަޒީރު

އަފްޣާނިސްތާނަށް އިންސާނީ އަދި މާލީ އެހީ ފޯރުކޮށްދީ ތާލިބާން ސަރުކާރަށް ބައިނަލްއަގްވާމީ އިއުތިރާފް ހޯދައިދިނުމަށާއި ތާލިބާން ސަރުކާރު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން ގެންދަނީ އެއީ ޕާކިސްތާނުގެ އަމަންއަމާންކަމަށާއި ގައުމީ މަސްލަހަތަށްވެސް ފައިދާކުރާނެކަމެއްކަމަށް ދެކިގެންނެވެ.

މިގޮތުން ޕާކިސްތާނުގެ އެތެރޭގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޓެރަރިސްޓް ޖަމާއަތްތަކަށްވާ ޕާކިސްތާން ތާލިބާނުންނަކީ އެތަށްކަމެއްގައި ފިކުރީގޮތުން އަފްޣާން ތާލިބާނުންނާ ގުޅޭ ޖަމާއަތަކަށްވާތީ ތާލިބާން ސަރުކާރު ވަރުގަދަކޮށްދީގެން އެސަރުކާރުގެ އެހީގައި ޕާކިސްތާނުގެ ތާލިބާނުން މައިތިރި ކުރެވޭނެކަމަށް ޕާކިސްތާނުގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވައެވެ. މީގެއިތުރުން ތާލިބާން ސަރުކާރު އަފްޣާނިސްތާނުގައި ދެމިއޮތުމަކީ އެސަރަހައްދުގައި އިންޑިއާއާއި އެމެރިކާގެ ނުފޫޒުކުޑަވެ ޕާކިސްތާނުގެ ބާރު ގަދަވެގެންދާނެކަމެއް ކަމަށްވެސް ޕާކިސްތާން ދެކެއެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން އަފްޣާނިސްތާނާ ދެކޮޅަށްވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. މީގެތެރޭގައި އެގައުމުތަކުގައި ހުރި އަފްޣާން މަރުކަޒީ ބޭންކުގެ ފައިސާ ހިފެހެއްޓުންވެސް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން އަފްޣާން އާންމުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަދަ އަސާސީ ތަކެތި ގަތުމަށްވެސް ތާލިބާން ސަރުކާރުވަނީ ނުކުޅެދިފައެވެ.

ޕާކިސްތާނާއި ރަޝިއާ އަދި ޗައިނާ ގުޅިގެން މިދިޔަ ހަފްތާގައި މޮސްކޯގައިވަނީ އަފްޣާނިސްތާނަށް އެހީތެރިވުމާބެހޭ ފޯރަމެއް ބާއްވާފައެވެ. މި ފޯރަމްގައި އިންޑިއާގެ މަންދޫބަކުވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ. އިންޑިއާއަކީ ތާލިބާނުންނާ ދުޝްމަންކަން ގެންގުޅޭ ގައުމެއް ނަމަވެސް އަފްޣާނިސްތާނުގައި އިންޑިއާގެ ގިނަ މަސްލަހަތުތަކެއްވާތީ އެމަސްލަހަތުތައް ހިމާޔަތް ކުރުމަށްޓަކައި އިންޑިއާއިން ސިއްރިޔާތުގައި ތާލިބާނުންނާ ވާހަކަ ދައްކަމުން ގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަމާބެހޭގޮތުން އިންޑިއާވެސް އަދި ތާލިބާން ސަރުކާރުންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މޮސްކޯގައި ބޭއްވި އަފްޣާނިސްތާނަށް އެހީތެރިވުމާބެހޭ ފޯރަމްގައި 10 ގައުމެއްގެ މަންދޫބުން ތާލިބާން ސަރުކާރުގެ މަންދޫބުންނާ ބައްދަލުކުރައްވައި އަފްޣާނިސްތާނަށް އެތެރިވާނެގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އެފޯރަމުންވަނީ އަފްޣާނިސްތާނަށް ބޭނުންވާ މާލީ އަދި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މަހާސިންތާއެއް ބޭއްވުމަށް އދ. އަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފައެވެ. އަދި އެފޯރަމްގައި ރަޝިއާއާއި ޗައިނާއިންވަނީ ތާލިބާން ސަރުކާރަށް ބޮޑެތި އެހީތަކެއް ވެދިނުމަށް ވައުދުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް