ހަ ވަނަ "މިޔަހެލި" ކޭމްޕް ނިންމާލައިފި

ހަވަނަ "މިޔަހެލި" ކޭމްޕްގެ ބައިވެރިން --- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސް އާއި ޔުނައިޓެޑް ނޭޝަންސް ޑިވިލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ހަވަނަ "މިޔަހެލި" ކޭމްޕް ނިންމާލައިފިއެވެ.

މިއީ ޑިޖިޓަލް އަދި އެހެނިހެން އާލާތްތަކުގެ އެހީގައި ޒުވާނުންގެ ޚިޔާލުތައް އެއްތަނަކަށް ގެނެސް، މުޖުތަމައުގައި ދިމާވާ ތަފާތު މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް ހިންގުނު ކޭމްޕެކެވެ.

ކ. ތުލުސްދޫގައި ބޭއްވި މި ކޭމްޕުގައި ތިރީސް ޒުވާނަކު ވަނީ ބައިވެރިވެފައެވެ. އަދި ކޭމްޕު ނިންމުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ވަނީ އެންމެ މޮޅު ފަސް ހިޔާލު ހުށައެޅި ފަސް ބައިވެރިންނަށް އިނާމު ދީފައެވެ.

އެ ކޭމްޕުގެ ބައިވެރިއެއް ކަމަށްވާ އައިޝަތު އަޖުފާން ބުނީ ލޮކްޑައުންތަކަށްފަހު މިފަދަ ގޮތަކަށް ޒުވާނުންނާ ބައްދަލުވެ, އެކަކު އަނެކަކާ ހިޔާލު ބަދަލު ކޮށްލަން މި ލިބުނު ފުރުސަތަކީ ރަނުގެ ފުރުސަތެއް ކަމަށެވެ.

"ބަައިވެރިންގެ ވަރަށް ރަނގަޅު ޚިޔާލުތަކެއް އެބަހުރި. އަދި މީގެ އިތުރުން މި ޚިޔާލުތައް ހަގީގަތަކަށް ވާން މާލީ އެހީތެރިކަން ދޭނެ ފަރާތްތައްވެސް ތިބޭނެ. ހުރިހާ ބައިވެރިންނަށްވެސް ބުނެލަން ބޭނުންވަނީ މޮޅުވިޔަސް ނުވިޔަސް ތި ޚިޔާލުތައް ދޫކޮށްނުލާ ކުރިއަށް ދާށޭ،" އަޖުފާން އެހެން ކުދިންނަށް ހިތްވަރު ދެމުން ބުންޏެެވެ.

ރާއްޖޭގައި މި ކޭމްޕް 2016 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާއިރު އެހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް ޔޫއެންޑީޕީ އަދި އެހެނިހެން ހިއްސާދާރުންނާ ގުޅިގެން މި ކޭމްޕް ބޭއްވޭތީ ފަހުރުވެރިވާ ކަމަށް އޮސްޓްރޭލިޔާ އިން ސްރީލަންކާ އާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނާ އަމެންޑާ ޖުވެލް ވިދާޅުވިއެވެ.

"މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި އިގުތިސާދު އާރާސްތުކުރުމަށްޓަކައި ތަފާތު އައު އީޖާދުތައް ހޯދާ ފަރާތްތަކާއި އުފެއްދުންތެރިން އައި އިޖްތިމާއީ ވިޔަފާރިތަކަށް އެހީތެރިވެ އެއްބާރުލުންދިނުމަށް އޮސްޓްރޭލިޔާ އަބަދުވެސް އޮންނާނީ ތައްޔާރަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލި މަޑުކަމާ ގުޅިގެން މި އަހަރު މި ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައި އޮތީ އއ، އދ، ވ އަދި ކ އަތޮޅުގެ ޒުވާނުންނަށް އެކަންޏެވެ. އެހެންނަމަވެސް މި އަތޮޅުތަކުގެ ޒުވާނުންގެ ފަރާތުންވެސް ވަނީ މި ކޭމްޕްއަށް ބޮޑު ތަރުހީބެއް ލިބިފައެވެ.

އުުރީދޫ މޯލްޑިވްސް ގެ ބްރޭންޑް އަދި މާކޮމްސް މެނޭޖަރު ނޫރާ ޒާހިރު ވިދާޅުވީ "މިޔަހެލީގެ" މަގްސަދަކީ ޒުވާނުން ހުނަރުވެރި ކުރުވުމާއި އެމީހުންގެ އުފެއްދުންތެރިކަން އާލާކޮށް މުޖުތަމައުގައި ހުރި މައްސަލަތަކަށް އައު ހައްލުތަކެއް ހޯދިއިދިނުން ކަމަށެވެ.

"އިޤްތިސާދީ އަދި އިޖްތިމާއީ މައްސަލަތައް ހައްލުކުރުމަށްޓަކައި ޒުވާނުންގެ ބައިވެރިވުން ވަރަށް މުހިންމު. މި އަހަރުގެ މިޔަހެލި ބައިވެރިންގެވެސް ވަރަށް އަގުހުރު ޚިޔާލުތަކެއް އެބަހުރި. މިގޮތުން މިއަހަރު މޮޅުވި ފަރާތްތަކަށް ތަހުނިޔާ ކިޔަން އަދި އުންމީދަކީ މިޚިޔާލުތައް ޙަގީގަތަކަށް ވާތަން ފެނުން،" ނޫރާ އިތުރަށް ވިދާޅުވިއެވެ.

މިއަހަރު، މިޔަހެލި އިންތިޒާމް ކޮށްފައިވަނީ ބަދަލުތައް ގެންނާނެ މީހުންނާއި، ތަޖުރިބާކާރުންނާއި، މީހުން ދުނިޔެ އަދި ތަރައްގީގެ ރޮނގުތަކުން ބަދަލުތައް ގެންނާނެފަދަ އީޖާދީ ޚިޔާލުތައް އެއްތަންކުރުމުގެ ނިޔަތުގައެވެ.

comment ކޮމެންޓް