އާ ޑިޖިޓަލް ހިދުމަތްތަކާއެކު ބީއެމްއެލްގެ މާލީ ނަތީޖާއަށް ބޮޑު ކުރިއެރުމެއް ލިބުނު: ސީއީއޯ ޓިމް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ-- ސަން ފޮޓޯ

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް ކުރި މަސައްކަތްތަކާއެކު މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބޭނެ ކަމަށް ލަފާ ކުރި މިންވަރަށް ވުރެ މާލީ ގޮތުން ރަނގަޅު ނަތީޖާއެއް ލިބުނު ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.

މިއަދު އޮންލައިންކޮށް ބޭއްވި ބީއެމްއެލްގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައި ޓިމް ވިދާޅުވީ، އެ ބޭންކުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ޑިޖިޓަލައިޒް ކުރުން ކަމަށެވެ.

ބީއެމްއެލްއިން އެކުލަވާލެވިފައިވާ ޑިޖިޓަލް މަގުޗާޓާ އެއްގޮތަށް، ނިމިދިޔަ ކުއާޓަރުގައި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް ޓަކައި ޑިޖިޓަލް ހިދުމަތްތަކެއް އެ ބޭންކުން ތައާރަފު ކުރި ކަމަށް ޓިމް ވިދާޅުވިއެވެ.

އެގޮތުން ދާދި ފަހުން ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރަށް ގެނައި އަޕްގްރޭޑާއި އަލަށް ތައާރަފު ކުރި ޑިޖިޓަލް ޕިންގެ އިތުރުން އޮންލައިން ކާޑު ސާވިސް އަދި ވަގުތުން އިންޓަނެޓް ބޭންކިންއަށް ރަޖިސްޓްރީ ކުރުން ފަދަ ހިދުމަތްތަކަށް ޓިމްގެ ވާހަކައިގައި އަލިއަޅުވާލެއްވެވިއެވެ.

"އަޅުގަނޑުމެންގެ ހިދުމަތުގެ ފެންވަރާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް އެކަށީގެންވާ ފަދަ ބަދަލުތަކެއް އަންނަތަން މިދަނީ ފެންނަމުން. އަޅުގަނޑުމެންގެ އަމާޒަކީ ވެސް އަދި މަސައްކަތް ކުރަމުންދަނީ ވެސް ހިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް. އަދި މި ލަނޑުދަނޑި ހާސިލްކުރުމަށް ނުހަނު ބޮޑަށް މަސައްކަތް ކުރާނަން،" ޓިމް ވިދާޅުވިއެވެ.

ތިންވަނަ ކުއާޓަރުގެ މާލީ ނަތީޖާއާ ގުޅޭ ގޮތުން ޓިމް ވިދާޅުވީ، އެ ބޭންކު އޮތީ ކުރިން އަންދާޒާ ކުރެވުނު ވަރަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށެވެ.

ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 1.03 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 108 ޕަސެންޓު އިތުރު އަދަދެކެވެ.

"މިއީ އެވަރެޖްކޮށް ލިބޭ ވަރަށް ވުރެ ބޮޑު ފައިދާއެއް. އަދި މިއީ ދައްކަން ޖެހި، ނުދައްކާ އޮތް ލޯނަކަށް އެއްފަހަރާ ލިބުނު ފައިސާއިން ނިކުތް ނަތީޖާއެއް،" ޓިމް ވިދާޅުވިއެވެ.

ޓިމް ވިދާޅުވީ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ނަތީޖާ ރަނގަޅުވުމުގެ އިތުރަށް، މިއަހަރު ނިމެންދެން ވެސް އެ ކާމިޔާބީ ދެމެހެއްޓޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އޭގެ ފައިދާ ކަސްޓަމަރުންނަށް ވެސް ކުރާނެ ކަމަށެވެ.

"ބޭންކަށް ލިބެމުންދާ ހަރުދަނާ ނަތީޖާގެ ސަބަބުން ކަސްޓަމަރުންނާއި އަޅުގަނޑުމެންގެ މުޖުތަމައަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭނެ،" ޓިމް ވިދާޅުވިއެވެ.

ތިންވަނަ ކުއާޓަރުގައި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން އިތުުރު ފަސް ޕްރޮޖެކްޓް ވަނީ އެވޯޑް ކޮށްފައެވެ. އެ ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމާއި މުޖުތަމައުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް އަމާޒުކޮށް މިހާތަނަށް 55 ޕްރޮޖެކްޓް ހިންގުމަށް ބީއެމްއެލްއިން ވަނީ އެހީތެރިކަން ފޯރިކޮށްދީފައެވެ.

މީގެ އިތުރުން އެ ޖަލްސާގައި ޓިމް ވިދާޅުވީ އަންނަ އަހަރު ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާނެ ކަމަށާއި އެ ދުވަހާ ގުޅިގެން މުހިންމު ކަންތައްތަކެއް ކުރަން ބީއެމްއެލްއިން ރާވާފައިވާ ކަމަށެވެ.

"މި ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރިއަށް މިއޮތް އަހަރެއްހާ ދުވަހު، ފާހަގަކޮށްލެވޭ މުހިންމު ހަރަކާތްތަކެއް ހިންގުމަށް ވަނީ ނިންމާފަ. މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމާއި އަގުވަޒަން ކުުރުމުގެ ގޮތުން ކުރެވިގެންދާނެ މުހިންމު ކަންތައްތަކެއް،" ޓިމް ވިދާޅުވިއެވެ.

comment ކޮމެންޓް