އިންޑިއާގެ ސީއޭޖީ އޮފީހާ ގުޅިގެން ޕަބްލިކް އޮޑިޓުގެ މަސައްކަތްތައް ހަރުދަނާ ކުރަނީ

އެޓާނީ ޖެނެރަލްގެ އޮފީހާއި އިންޑިއާގެ ސީއޭޖީ އޮފީހާ ގުޅިގެން ޕަބްލިކް އޮޑިޓުގެ މަސައްކަތްތައް ހަރުދަނާ ކުރަން އެމްއޯޔޫއެއްގައި ސޮއިކުރުން--

އާންމު އޮޑިޓްގެ މަސައްކަތްތައް މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ޓަކައި އޮޑިޓާ ޖެނެރަލްގެ އޮފީހާއި އިންޑިއާގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެެނެރަލް (ސީއޭޖީ) އޮފީހާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އޭޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީއެވެ. އަދި އިންޑިއާގެ ސީއޭޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ކޮމްޕްޓްރޯލާ އެންޑް އޮޑިޓާ ޖެނެރަލް ގިރިޝް ޗަންދުރަ މުރުމޫއެވެ.

އެ އެމްއޯޔޫގެ ދަށުން އޭޖީ އޮފީހާއި ސީއޭޖީ އޮފީހުގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އޮޑިޓުގެ ދާއިރާގައި ދެ އޮފީސް ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން އޮޑިޓްގެ މަސައްކަތްތައް ކުރެވޭނެ އެންމެ ރަނގަޅު ގޮތްތައް ދެނެގަނެ، މައުލޫމާތު ދިރާސާ ކުރުމުގެ މަސައްކަތް ވެސް އިތުރަށް ހަރުދަނާ ކުރަން ދެ އޮފީސް ގުޅިގެން މަސައްކަތް ކުރާނެއެވެ.

އެ ރަސްމިއްޔާތުގައި އެޓާނީ ޖެނެރަލް ނިޔާޒީ ދެއްކެވި ވާހަކައިގައި، އޮޑިޓްގެ މަސައްކަތްތައް އިތުރުވަމުންދާ ކަމަށް ވިދާޅުވިއެވެ.

އެހެން ކަމުން އޮޑިޓާ ގުޅޭ ގޮތުން ކުރަން ހުރި މަސައްކަތްތައް އިތުރު ކުރަން ޖެހޭ ކަމަށާއި މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން، އިންޑިއާގެ ސީއޭޖީ އޮފީހުގެ އެހީއާއެކު އެ މަސައްކަތް ކުރިއަށްދާނެ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

އެ އެމްއޯޔޫއާ ބެހޭ ގޮތުން އިންޑިއާގެ ސީއޭޖީ ވިދާޅުވީ، އެ އެމްއޯޔޫގެ އެންމެ ބޮޑު އެއް ބޭނުމަކަށް ވާނީ ދެ ގައުމުގެ އޮޑިޓް ކުރުމާ ގުޅޭ އެންމެ މަތީ ދެ އިދާރާ ގުޅިގެން، މި ދާއިރާއަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުން ކަމަށެވެ.

މީގެ އިތުރުން ދެ އޮފީސް ގުޅިގެން، ޕަބްލިކް ފައިނޭންސްގެ ދާއިރާއާ ގުޅުން ހުރި އޮޑިޓުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށާއި އެ އޮފީހުގެ ކެޕޭސިޓީ އިތުރު ކުރަން މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން ސީއޭޖީ ވަނީ ދެއްވާފައެވެ.

މިއަދު ސޮއިކުރި އެމްއޯޔޫގެ ދަށުން، މި ދާއިރާއާ ގުޅުން ހުރި ޓްރެއިނިން ޕްރޮގްރާމުތައް ދެ ގައުމުގައި ވެސް ކުރިއަށް ގެންދާނެއެވެ.

ރާއްޖޭގެ އޭޖީ އޮފީހާއި އިންޑިއާގެ ސީއޭޖީ އޮފީހާ ދެމެދު އެންމެ ފުރަތަމަ ރަސްމީ ސިފައެއްގައި ގުޅުން ގާއިމު ކުރީ 2008 ވަނަ އަހަރުގައެވެ.

comment ކޮމެންޓް