ފުޓުބޯޅަ ދަނޑާއެކު ކުޅުދުއްފުށީ ޒުވާނުންގެ އިންތިޒާރަށް ނިމުން!

ކުޅުދުއްފުށީ ޒިގްޒެގް ޓާފް ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/ ކުޅުފުއްފުށީ ސިޓީ ކައުންސިލް

(ހދ.ކުޅުދުއްފުށިން) މިއަދަކީ ހދ. ކުޅުދުއްފުށީ ރައްޔިތުންނަށް ބޮޑު ދުވަހެކެވެ. ހާއްސަކޮށް ޒުވާނުންގެ އުއްމީދުތައް ފުރިހަމަ ވި ދުވަހެކެވެ. އިންތިޒާރަށް ނިމުން އައި ދުވަހެކެވެ. މިއަދު މި ރަށު ދަނޑު ކައިރީގައި ތިބި އެންމެންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަމުގެ ކުލަވަރެވެ.

"އަޅުގަނޑުމެން މި ތިބީ ވަރަށް އުފަލުން މިއަދު. ވަރަށް ގިނަ ދުވަހުގެ އިންތިޒާރަށް ނިމުން މިއައީ. މިހާރު ބޭނުންވަނީ ދަނޑަށް އައިސް ކުޅެލަން،" ކުޅުދުއްފުށީ ޓާފް ދަނޑު ކައިރީގައި މަޑުކޮށްލައިގެން ހުރި ޒުވާނަކު ބުންޏެވެ.

މީގެ އަށް އަހަރު ކުރިން ކުޅުދުއްފުށީ ފުޓުބޯޅަ ދަނޑު ބަންދުކުރީ އެ ތަނުގައި ފެންހިންދާ ނިޒާމު ގާއިމު ކުރުމަށެވެ. އެ ދުވަހުން ފަށައިގެން މިއަދާ ހަމައަށް ވެސް މި ރަށު ޒުވާނުން ތިބީ ދަނޑެއްގެ އުއްމީދުގައެވެ. ފެންވަރު ރަނގަޅު ޓާފް ދަނޑެއް ލިބޭތޯ އިންތިޒާރު ކޮށްގެންނެވެ.

މިއަދުގެ މެޗު ބަލަން މި ރަށުގެ ގިނަ ބަޔަކު ވަނީ ގޮސްފައި -- ފޮޓޯ/ ކުޅުދުއްފުށީ އޮންލައިން

ކުޅުދުއްފުށީގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ތަރައްގީކުރި ފުޓުބޯޅަ ދަނޑު މިއަދު ވަނީ ހުޅުވައިފައެވެ. އެ ދަނޑު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ކުޅުދުއްފުށީގެ ފުޓުބޯޅައަށް ލޯބިކުރާ ޒުވާނުންނަށް މިއަދު ލިބުނު ހަމައެކަނި އުފަލަކީ މިއަދު ފުޓުބޯޅަ ދަނޑު ހުޅުވުމެއް ނޫނެވެ. މި ދަނޑުގައި ފުރަތަމަ މެޗު ގައުމީ ޓީމާއެކު ކުޅެން ލިބުމަކީ އެ ޒުވާނުން ފަޚުރުވެރިވާ ކަމެކެވެ.

"ސަރުކާރުން ޕްލޭން ކޮށްފައިވާ ގޮތަށް [ލީގު] ކުރިއަށް ގެންގޮސްފިނަަމަ މި ރަށު ޓީމެއް އިރާދަކުރެއްވިއްޔާ މާލޭގައި ކުޅޭނެ. އެބައުޅޭ ގައުމީ ޓީމަށް ކުޅެވޭ ފެންވަރުގެ ކުޅުންތެރިން އަޅުގަނޑު ގަބޫލުކުރާ ގޮތުގައި،" ޓީމް ކުޅުދުއްފުށީގެ ކުޅުންތެރިއެއް ކަމަށްވާ ހަސަން މުހައްމަދު ބުންޏެވެ.

ކުޅުދުއްފުށީ ޓީމުގެ ކުޅުންތެރިޔާ ހަސަން މުހައްމަދު -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

ގައުމީޓީމާ ދެކޮޅަށް ކުޅެލަން ފުރުސަތު ލިބުނީތީ ހަސަން ވެސް ހުރީ ވަރަށް އުފަލުންނެވެ. މިފަދަ ފުރުސަތެއް ދެން ދިރިއުޅުމުގައި ނުލިބޭނެ ކަމަށް އޭނާ ބުންޏެވެ.

ކުޅުދުއްފުށީ ޓީމުގެ ކޯޗު މުހައްމަދު ދާއޫދު ބުނީ ފެންވަރު ރަނގަޅު ދަނޑަކަށް އިންތިޒާރު ކޮށްގެން ތިބޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އަދި މިއަދު އެ އުއްމީދު ފުރިހަމަ ވެފައިވާ ކަމަށާއި ޔޫތު މިނިސްޓްރީއަށް ޝުކުރު އަދާކުރާކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ރަށު ދަނޑުތަކަކީ އަބަދުވެސް ވިނަ ހައްދާ ވަރަށް ރަނގަޅަށް ބަލަހައްޓަމުން އަންނަ ދަނޑުތަކެއް. މި ދަނޑާއެކު އިތުރު ހިތްވަރެއް، އިތުރު ޖޯޝެއް ލިބިގެން މިދިޔައީ" އޭނާ ބުންޏެވެ.

ކުޅުދުއްފުށީ ޓީމުގެ ކޯޗު މުހައްމަދު ދާއޫދު - ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

ކުޅުދުއްފުށީ ޒިގްޒެގް ދަނޑު ހުޅުވުމަށް މިއަދު ޓީމް ކުޅުފުއްފުއްޓާއި ގައުމީ ޓީމުގެ ކުޅުންތެރިން ހިމެނޭ އެފްއޭއެމްގެ ޓީމެއް ވަނީ މެޗެއް ކުޅެފައެވެ. އެ މެޗު 6-0 އިން ކާމިޔާބު ކުރީ ގައުމީ ޓީމުންނެވެ.

މިއަދުގެ މެޗު ބަލަން ގިނަ އަދަދެއްގެ ބަޔަކު ދަނޑަށް އައެވެ. ދަނޑުގެ ވަށައިގެން މީހުންތައް އޮތީ ފުރިފައެވެ. މި ދަނޑުގައި މި ރަށު ރައްޔިތުން މިހާރު ބޭނުންވަނީ ސިޑިބަރިއެކެވެ. އަދި ރޭގަނޑު ވެސް ކުޅެވޭ ގޮތަށް ލައިޓު ހަރުކުރުމެވެ.

މިއަދުގެ ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މަހުލޫފް މި ރަށު ރައްޔިތުންނަށް އުފާވެރިކަން ލިބޭފަދަ ވާހަކަތަކެކެވެ. އުއްމީދު އާވާފަދަ ވާހަކަތަކެކެވެ.

މަހުލޫފް ވިދާޅުވީ މި ދަނޑުގެ މަސައްކަތް އަދި ނުނިމޭ ކަމަށެވެ. އަދި ދަނޑުގެ ފެންސުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ރައީސް ވިދާޅުވެއްޖެ އަޅުގަނޑު ކައިރީގައި މި ރަށުގެ މި ދަނޑުގައި ލައިޓާއި ރޮސްޓްރަމްގެ މަސައްކަތް ފަށާދެއްޗޭ. އިރާދަކުރެއްވިއްޔާ ވަރަށް އަަވަހަށް އެ މަސައްކަތް ފެށިގެންދާނެ،" މަހުލޫފް ވިދާޅުވިއެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ މި ރަށުގައި ސިންތެޓިކް ޓްރެކެއް ގާއިމު ކުރން ނިންމައިފައިވާ ކަމަށެވެ. އަދި ނެޓްބޯލް، ބާސްކެޓް، ހޭންޑްބޯލް، އަދި ވޮލީބޯލް ކުޅެވޭ ގޮތަށް އިންޓަނޭޝަނަލް މެޗުތައް ކުޅެވޭ ފެންވަރުގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް މިރަށުގައި ގާއިމުކުރަން ނިންމައިފައިވާ ކަމަށެވެ.

"އިންޑިއާގެ އެހީތެރިކަމާއެކު އެ މަސައްކަތް އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ފެށޭނެ،" އޭނާ ވިދާޅުވިއެވެ.

މިއަދު ހުޅުވި ފުޓުބޯޅަ ދަނޑާއެކު މި ރަށުގެ ކުދިބޮޑު އެންމެން ތިބީ ވަރަށް އުފަލުންނެވެ. އެ ދަނޑުގައި ކުޅެލަން ދިއުމަށް މި ރަށު ޒުވާނުން ތިބީ ކެތްމަދުވެފައެވެ. މި ރަށު ރައްޔިތުންގެ ޝުކުރު ސަރުކާރަށް އޮހުނީ، މިނިސްޓަރު މަހުލޫފް ދެއްވި އުފާވެރި ހަބަރުތަކާއެކުގައެވެ.

މި ދަނޑާއެކު ކުޅުދުއްފުށީ ފުޓުބޯޅައިގެ އާ ބާބެއް ލިޔަން ފެށުނީއެވެ. އެތައް ކުރިއެރުމެއް މި ރަށުގެ ފުޓުބޯޅައަށް މި ދަނޑާއެކު އަންނާނެއެވެ.

comment ކޮމެންޓް