ޒުވާނާ ބުނަނީ ގަދަކަމުން ބުރިޖް ހުރަސް ކޮށް ނުގެނެވޭނެ ކަމަށް، ބަންދަށް 10 ދުވަސް

އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ހޭލުންތެރިކުރުވާ ޕޯސްޓަރެއް --- ފޮޓޯ: ޔޫއެންޑީޕީ

މާލޭގައި 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއްގައި ހައްޔަރު ކުރި 19 އަހަރުގެ ޒުވާނާ އެކަމަށް އިންކާރުކޮށް އޭނާގެ ދިފާއުގައި ވާހަކަ ދެއްކި ނަމަވެސް ބަންދަށް 10 ދުވަސް އިތުރުކޮށްފިއެވެ.

ފުލުހުން ބުނީ އަންހެން މީހާއަށް އަނިޔާ ކުރި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ ބުރާސްފަތި ދުވަހުގެ ދަންވަރު 01:30 ހާއިރު ކަމަށެވެ. އެ މައްސަލައިގައި ހައްޔަރު ކުރީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން, ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މުއްދަތު މަޖިލީހުގައި ވާހަކަ ދައްކަމުން އެ ޒުވާނާ ބުނީ, ތުހުމަތުތައް ކުރާ މީހާ ގަދަ ކަމުން އެއްވެސް ތަނަކަށް ގެންގޮސްފައި ނުވާނެ ކަމަށާއި ދެ މީހުން އައީ ހެލްމެޓް އަޅައިގެން ބުރިޖު ހުރަސްކޮށް ސައިކަލުގައި މާލެއަށް ކަމަށެވެ. އަދި އެ ގޮތަށް ބުރިޖު ހުރަސްކޮށް ގަދަކަމުން ސައިކަލުގައި ނުގެނެވޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

އާއިލާ އިން ބުނާ ގޮތުގައި ހުޅުމާލޭގައި ދިރިއުޅޭ އަންހެން މީހާ ގެއިން ނިކުމެގެން ލިފްޓުން ތިރިއަށް ފޭބި ވަގުތު, ގަދަކަމުން ގޮވައިގެން ގޮސް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ އެގޮތަށް އަނިޔާކުރި ފުރަތަމަ ފަހަރު ނޫން ކަމަށް ވެސް އާއިލާ އިން ވަނީ ތުހުމަތުކޮށްފައެވެ.

comment ކޮމެންޓް