ބާރަށު ފަޅު ތެރޭގައި ދާ އަޅައިގެން މިޔަރު ހިފި މައްސަލައެއް ފެންމަތިވެއްޖެ

ބާރަށު ފަޅު ތެރެއިން ދާ އަޅައިގެން ހިފާފައިވާ މިޔަރުތަކެއް-- ފޮޓޯ/ޓުވިޓާ

ހއ. ބާރަށުގައި ދާ އަޅައިގެން މިޔަރު ހިފާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ބާރަށު ފަޅު ތެރޭގައި ދާ އަޅައިގެން މަސް ހިފާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެ މައްސަލަ ސޯޝަލް މީޑިއާގައި އާންމުކުރި ފަރާތުން ބުނީ މިކަން ކުރަމުންދާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށެވެ.

އޭނާ ހިއްސާކުރި ޓުވީޓުގައި ވަނީ ދާ އަޅައިގެން ހިފާ މަސް، ބަރޯއަށް އަޅައިގެން ރަށު ތެރޭގައި ވިއްކާ އިރުވެސް، ރަށުގައި ތިބޭ ފުލުހުންނަށް އެ މަންޒަރު ނުފެންނަނީތޯ ސުވާލުކޮށްފައެވެ.

ޓުވީޓާއެކު ހިއްސާ ކޮށްފައިވާ ފޮޓޯގައި މިޔަރުގެ އިތުރުން، މަޑި ހިފާފައިވާ މަންޒަރު ފެނެއެވެ.

މަސްވެރިކަމުގެ ގަވާއިދުގެ ދަށުން އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމުގައި ދާ އަޅައިގެން، މިޔަރު ހިމެނޭ ގޮތަށް ނުވަ ބާވަތެއް ހިފުން މަނާކުރީ މިދިޔަ އަހަރުގައެވެ.

މި މައްސަލައިގައި އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް "ސަން"އަށް ވިދާޅުވީ މިޔަރަކީ އީޕީއޭއިން ހިމާޔަތް ކޮށްފައިވާ އެއްޗަކަށް ނުވުމުން އެކަމުގައި އެ އެޖެންސީއަށް ކުރެވޭ ކަމެއް ނޯންނަ ކަމަށެވެ.

"މިޔަރު އެއީ އަޅުގަނޑުމެން ހިމާޔަތް ކޮށްފައިވާ އެއްޗެއް ނޫނެ. އެއީ ފިޝަރީޒް މިނިސްޓްރީން ހިމާޔަތް ކޮށްފައި އޮންނަ އެއްޗެއް. އެކޮޅުން އެކަން ބަލާނެ ކަމަށް މި ބަލަނީ."

ނައީމް ވިދާޅުވީ އެކި ބާވަތްތަކުގެ ދިރުން އެކި ތަންތަނުން ހިމާޔަތް ކޮށްފައި އޮންނާތީ، އެކަން މެނޭޖު ކުރަން ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

"އެކި އެއްޗެހި އެކި ތަންތަނުން ހިމާޔަތް ކޮށްފައި އޮންނަނީ. އެހެންވެ ވަރަށް އުނދަގޫ ވޭ... ރައްޔިތުންނަށް ވެސް އެ ޝަކުވާ ކުރަންވީ ކޮން ދިމާލަކަށް ކަމެއް ނޭނގޭ." ނައީމް ވިދާޅުވިއެވެ.

މިފަހުން ރާއްޖެއަށް ހިޖުރަ ކުރި ފްލެމިންގޯތަކެއްގެ ތެރެއިން ފްލެމިންގޯއެއް ހިފައި، އޭގެ ފިޔަ ކޮށައިލި މީހަކު ވެސް ބާރަށުން ވަނީ ހޯދާފައެވެ.

comment ކޮމެންޓް