ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަކީ ދައުލަތަށް ލިބޭ ގެއްލުމެއް ނޫން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު-- ސަންފޮޓޯ

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ދައުލަތަށް ލިބޭ ގެއްލުމެއް ނޫން ކަމަށާއި ދުރު ރާސްތާގައި އެކަމުން ފައިދާ ކުރާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓު ދޫކޮށްފައިވާ ގޮތުން ގެއްލުންވާނެ ކަމަށް އޮޑިޓް އޮފީހުން ތައްޔާރު ކުރި ރިޕޯޓެއްގައި ބުނެފައި އޮތުމުން އުމަރު ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.

އުމަރު ވިދާޅުވީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ސޯޝަލް ހައުސިންއަކީ އެ ގައުމެއްގެ ސަރުކާރަކުން ސަބްސިޑައިޒް ކޮށްފައި އޮންނަ ކަމެއް ކަމަށާއި ބައެއް ގައުމުތަކުގައި ސޯޝަލް ހައުސިންގެ ދަށުން ހިލޭ ވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ކަމަށެވެ.

"ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ ގެއްލުމެއް ނޫން. ފޮތުން ގެއްލުން ދައްކަފާނެ، އެކަމަކު ދުރު ރާސްތާގައި ފައިދާވާނެ. މިވަގުތުން މިވަގުތަށް، ތިމަންނާމެން ނެގި ލޯނަކަށް ނުވަތަ ކުރި ހަރަދު އަނބުރާ ނުލިބޭނޭ، އެކަމުން ވާނީ ގެއްލުމޭ ބުނުން އެއީ ވަރަށް ތާކުން ތާކު ނުޖެހޭ ކަމެއް،" އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސޯޝަލް ހައުސިންއަކީ އިޖުތިމާއީ ކަމެއް ކަމަށާއި މިއީ ވިޔަފާރި އުސޫލުން ކުރާ ކަމެއް ވެސް ނޫން ކަމަށެވެ.

"މި ކިޔަނީ ލަގްޒަރީ ހައުސިންގެ ވާހަކައެއް ނޫން. މިއީ އިޖުތިމާއީ ބޭނުމަށް ޓަކައި ދޫކުރާ ސޯޝަލް ހައުސިންގެ ވާހަކަ. އެއީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ސަރުކާރުން ގެއްލުމުގައި، ސަބްސިޑައިޒް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް. އެހެންވީމަ އޮޑިޓާ ޖެނެރަލް ވިދާޅުވިޔަސް، އެހެން ބޭފުޅަކު ވިދާޅުވިޔަސް، ސޯޝަލް ހައުސިންއަކީ ލޯންގް ޓާމްގައި ދައުލަތަށް ފައިދާވާނެ ކަމެއް،" އުމަރު ވިދާޅުވިއެވެ.

"ބަޔަކު މަގުމަތިވުން ހުއްޓުވުމާއި އެމީހުންނަށް އެކަށީގެންވާ ބޯހިޔާވަހިކަން އޮތުމާއި، އެމީހުންގެ ދަރިންނަށް ތައުލީމު ދިނުމާއި މި ހުރިހާ ކަމަކަށް ރިއާޔަތް ކުރާ ކަމެއް ވީމަ. މިކަމުން ކުއްލިއަކަށް ބޮޑު ފައިދާ ނުވާނެ ސަރުކާރަށް. އެކަމަކު ލޯންގް ޓާމްގައި ދައުލަތަކަށް އިޖުތިމާއީ ގޮތުން ވާނީ ފައިދާ،"

އުމަރު ވިދާޅުވީ ރާއްޖޭގައި ބޯހިޔާވަހިކަމާއި ގޯތިގެދޮރުގެ މައްސަލަ މިހާރު މިއޮތް މިންވަރަށް ބޮޑުވީ ވެސް ސަރުކާރުތަކުން އެކަން ވިޔަފާރި އުސޫލުން ކުރުމުން ކަމަށެވެ.

"ރާއްޖޭގައި ހައުސިން ސޯޝަލް ހައުސިންއާއި ގޯތިގެދޮރުގެ މައްސަލަ މި ހިސާބަށް އައީ، ވަކި ސަރުކާރެއް ނޫން، ހުރިހާ ސަރުކާރަކުން ވެސް ވިޔަފާރި އުސޫލުން ގޯތިގެދޮރު ދޭން މަސައްކަތް ކުރުމުން. ވިޔަފާރި އުސޫލަށް މުޅި ސިސްޓަމް ބަދަލު ކުރުމުން ވީ ގޮތް މިއީ. ރާއްޖޭގައި ބަދަލު ކުރަން ޖެހޭ ސިޔާސަތެއް މިއީ. އިޖުތިމާއީ ކަންކަން ކުރަން ޖެހޭނީ ސަބްސިޑައިޒް ކޮށްގެން. ވިޔަފާރި އުސޫލުން މިކަން ކުރުން އެބަ ޖެހޭ މިހާރުން މިހާރަށް ވެސް ހުއްޓާލަން،" އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ އޮޑިޓާ ޖެނެރަލް މިކަން ދިރާސާ ކުރައްވައި، ރިޕޯޓު ތައްޔާރު ކުރެއްވީ ނުރަނގަޅު ގޮތަކަށް ކަމަށެވެ.

"މިއީ އޮޑިޓާ ޖެނެރަލްއާ ގުޅުން ހުރި މައްސަލައެއް ވެސް ނޫން. އޮޑިޓާ ޖެނެރަލް ބައްލަވަން ވާނީ ހިސާބުކިތާބު ހިނގާފައި ހުރީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ،" އުމަރު ވިދާޅުވިއެވެ.

އޮޑިޓް އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ އެޗްޑީސީއިން ހިޔާ ފްލެޓުގެ ހައުސިން ޔުނިޓުތަކަށް ހުށަހެޅި އަގަށް ވުރެ ކުޑަ ކުރުމުން، އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.

އެޗްޑީސީއިން ހުށަހެޅީ ކުލީގެ ގޮތުގައި 11،000 ރުފިޔާ ނެގުމަށެވެ. ކުރީ ސަރުކާރުން ބުނި ގޮތަށް މަހު ކުއްޔަށް 6،600 ރުފިޔާ ކަނޑައެޅި ނަމަ، ކޮންމެ ޔުނިޓަކުން 1.1 މިލިއަން ރުފިޔާ އަދި ނެޓް ކޭޝްފްލޯގެ ގޮތުގައި 9.2 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް ރިޕޯޓުގައި އަންދާޒާ ކޮށްފައިވެއެވެ.

މި ސަރުކާރުން ކުލީގެ ގޮތުގައި ކަނޑައެޅީ 8500 ރުފިޔާއެވެ. އެ ރޭޓުގައި ވެސް ނެޓް ކޭޝްފްލޯގެ ގޮތުގައި 138 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

https://sun.mv/158243

comment ކޮމެންޓް