އެޗްޑީސީން ބުނި ވަރަށް ވުރެ ހިޔާ ފްލެޓުގެ ކުލި ކުޑަ ކުރުމުން އެތައް މިލިއަނުގެ ގެއްލުން

ހިޔާ މަޝްރޫއުގެ ފުލެޓުތައް-- ސަން ފޮޓޯ

ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓަކަށް އެޗްޑީސީއިން ހުށަހެޅި ވަރަށް ވުރެ ކުލި ކުޑަ ކުރުމުން، އެ ކުންފުންޏަށް މިލިއަނުން ގެއްލުން ވާނެ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓެއްގައި ބުނެފިއެވެ.

އެޗްޑީސީއިން ހައުސިން ޔުނިޓަކުން މަހު ކުލީގެ ގޮތުގައި ނަގަން ހުށަހެޅީ 11،000 ރުފިޔާއެވެ. އެއީ މެއިންޓަނެންސް ހަރަދުގެ ގޮތުގައި 1000 ރުފިޔާ ވެސް ހިމަނައިގެންނެވެ.

އެއީ އަށް ޕަސެންޓުގެ އިންޓްރެސްޓާ އެކު، 20 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީކުއޭޓަޑް މަންތުލީ އިންސްޓޯލްމަންޓް (އީއެމްއައި) މެތަޑު ބޭނުންކޮށްގެން އެޗްޑީސީއިން ހިސާބު ކުރި އަދަދެކެވެ. އަދި އީއެމްއައި މެތަޑަކީ މިފަދަ ހައުސިން މަޝްރޫއުތަކުގެ ޔުނިތުތައް ވިއްކާނެ އަގު ކަނޑައެޅުމަށް އާންމުކޮށް ބޭނުންކުރާ ގޮތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެޗްޑީސީއިން ހުށަހެޅި ރޭޓުން 20 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމުލަ ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިސާއިން ކުރަން ޖެހޭ ހަރަދުތައް ކެނޑުމުން، ނެޓް ކޭޝްފްލޯގެ ގޮތުގައި އެ ކުންފުންޏަށް 2.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ރިޕޯޓުގައި އަންދާޒާ ކޮށްފައިވެއެވެ.

ކުރީ ސަރުކާރުން ބުނީ 9.2 ބިލިއަން ރުފިޔާ ގެއްލުން ވާ ގޮތެއް

ކުރީގެ ސަރުކާރުން ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓެއްގެ ކުލީގެ ގޮތުގައި ހުށަހެޅީ މެއިންޓަނެންސް ހަރަދަށް ވާ 1000 ރުފިޔާ ހިމަނައިގެން، މަހަކު 6600 ރުފިޔާއެވެ.

އެހެން ނަމަވެސް މިއީ އީއެމްއައި މެތަޑް ބޭނުންކޮށްގެން ހިސާބު ކުރި އަދަދެއް ނޫން ކަމަށާއި އެ އަދަދު ހިސާބު ކުރުމުގައި މި މަޝްރޫއު ހިންގަން ނެގި ލޯނުތަކާއި ރީފައިނޭންސިންއަށް ނެގި ލޯނުތަކަށް ދައްކާ އިންޓްރެސްޓް އަދި ލޯނު އަނބުރާ ދެއްކުމަށް ދާނެ ކޭޝް ފްލޯއަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

އީއެމްއައި މެތަޑު ބޭނުން ކުރި ނަމަ، މެއިންޓަނެންސް ހަރަދާއެކު މަހަކު ދައްކަން ޖެހޭ ޖުމުލަ އަގު، 11،419 ރުފިޔާއަށް އަރާނެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޭރު އޮތް ހައުސިން މިނިސްޓްރީން ހުށަހެޅި ރޭޓުގައި ކުލި ނެގި ނަމަ، ކޮންމެ ޔުނިޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމުލަ ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިސާއިން ކުރަން ޖެހޭ ހަރަދުތައް ކެނޑުމުން، ނެޓް ކޭޝްފްލޯގެ ގޮތުގައި 9.2 ބިލިއަން ރުފިޔާ ގެއްލުން ވާނެ ކަމަށް ވެސް ރިޕޯޓުގައި ބުނެއެވެ.

ސިޓީ ކައުންސިލްގެ ހިސާބުތައް ވެސް ގޯސް

އޭރު ހައުސިން މިނިސްޓަރަކަށް ހުންނެވި، އަދި މިހާރު މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އަދިވެސް ވިދާޅުވަމުން ގެންދަވަނީ، މިހާރު ހިޔާގެ ހައުސިން ޔުނިޓަކުން ނަގާ ވަރަށް ވުރެ ކުޑަކޮށް ކުލި ނެގޭނެ ކަމަށެވެ.

މާލޭ ސިޓީ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު-- ސަން ފޮޓޯ/ ފަޔާޒު މޫސާަ

އެގޮތުން ސިޓީ ކައުންސިލުން ހައުސިން ޔުނިޓަކަށް ނަގަން ހުށަހެޅި އަގަކީ 5548 ރުފިޔާއެވެ. އެއީ 3.36 ޕަސެންޓުގެ އިންޓްރެސްޓަކާއި 25 އަހަރުގެ ރީޕޭމަންޓް މުއްދަތަކަށް ބިނާކޮށް، އީއެމްއައި މެތަޑު ބޭނުންކޮށްގެން ހަދާފައިވާ ހިސާބެކެވެ.

އެހެން ނަމަވެސް، ޕްރައިމަރީ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަކީ އެލްއައިބީއޯއާރު (ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ކަނޑައެޅުމުގައި ގެންގުޅޭ ބައިނަލްއަގްވާމީ މިންގަނޑެއް) 3.3 ޕަސެންޓު ކަމަށާއި ސިޓީ ކައުންސިލުން ބޭނުންކޮށްފައިވާ އެލްއައިބީއޯއާރުގެ އަންދާޒާއަކީ 0.6 ޕަސެންޓު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެއީ ކޮވިޑް-19އާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި އަދި ސެޕްޓެމްބަރު މަހު އެލްއައިބީއޯއާރު ވަރަށް ބޮޑަށް ދަށްވެފައި ހުރި ދުވަސްވަރެއްގައި ހުރި އެލްއައިބީއޯއާރު ކަމަށާއި މިއަހަރުގެ ޖެނުއަރީ މަހާ ހަމައަށް ދައްކާފައިވާ ލޯނު ޕޭމަންޓުތަކުގެ އެވަރޭޖް އެލްއައިބީއޯއާރު ރޭޓު ވެސް ހުރީ އެއަށް ވުރެ މަތިން، 1.74 ޕަސެންޓުގައި ކަމަށް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވެސް ސިޓީ ކައުންސިލުން ހިސާބު ހެދުމުގައި ބައެއް މުހިންމު ކަންކަމަށް ރިއާޔަތް ނުކުރާ ކަމަަށް އޮޑިޓުން ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ؛

  • ބިމުގެ އަގު ހިސާބު ކުރީ ގޯސްކޮށް. ސަބަބަކީ ބިމުގެ ބޮޑުމިން ބަލާފައިވަނީ، ޓަވަރުތައް އަޅާފައިވާ ބިމުގެ ޖުމުލަ އަކަފޫޓަށް ވުރެ 135،168 އަކަފޫޓު ކުޑަކޮށް
  • މަޝްރޫއު ހިންގަން ނަގާފައިވާ ރީފައިނޭންސް ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް (9-10 ޕަސެންޓް) ބަލާފައި ނެތުން
  • ކޮންސްޓްރަކްޝަންގެ މުއްދަތުގައި ދައްކާފައިވާ އިންޓްރެސްޓުގެ އިންޓްރެސްޓް ރޭޓާއި މުސްތަގުބަލުގައި އެލްއައިބީއޯއާރަށް އަންނާނެ ބަދަލުތަކަށް އެއްވެސް މިންވަރަކަށް ރިއާޔަތް ކޮށްފައި ނެތުން

މި ސަރުކާރުން ނިންމި ރޭޓުން ވެސް އެޗްޑީސީއަށް ގެއްލުން

ހިޔާ މަޝްރޫއުގެ ހައުސިން ޔުނިޓެއްގެ މަހު ކުއްޔަށް މި ސަރުކާރުން މިހާރު ކަނޑައަޅާފައިވަނީ 8500 ރުފިޔާއެވެ. އެއީ މެއިންޓަނެންސް ހަރަދުގެ ގޮތުގައި 1000 ރުފިޔާ ހިމަނައިގެންނެވެ.

މި ރޭޓުން 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި ހުރިހާ ޔުނިޓުތަކުން ޖުމުލަ ލިބޭނެ ކަމަށް އަންދާޒާ ކުރާ ފައިސާއިން ކުރަން ޖެހޭ ހަރަދުތައް ކެނޑުމުން، ނެޓް ކޭޝްފްލޯގެ ގޮތުގައި 138 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.

ހައުސިން ޔުނިޓަކަށް މަހަކު ޖެހޭ އަދަދު ހިސާބު ކުރުމުގައި އެޗްޑިސީއިން ބޭނުން ކުރި އިންޓްރެސްޓް ރޭޓަކީ އަށް ޕަސެންޓު ނަމަވެސް، މި ސަރުކާރުން ބޭނުންކޮށްފައިވަނީ 6.78 ޕަސެންޓެވެ. އެއީ އެޗްޑީސީއިން ކަނޑައެޅި އަދަދުން 1.22 ޕަސެންޓު އުނިކޮށްފައިވާ، ޑިސްކައުންޓަޑް ރޭޓެކެވެ.

ހިޔާ މަޝްރޫއުގެ ފްލެޓުތަކުން މަހު ކުލީގެ ގޮތުގައި ނަގާނީ 6600 ރުފިޔާ ކަމަށް ބުނެފައިވާއިރު، މި ސަރުކާރުން ނަގާ ކުލި ބޮޑުކަމަށް، ފްލެޓު ލިބުނު ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެ ފަރާތްތަކުން އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކުރަނީ ފިނިޝިން މަސައްކަތް ވެސް އަމިއްލައަށް ކުރަން ޖެހުމެވެ. އެކަމަށް ލިޔެއް ދިނުމަށް ޓަކައި ސަރުކާރުން ވަނީ ފިނިޝިން މަސައްކަތް ނިންމުމަށް ޓަކައި އަންނަ ޖެނުއަރީ މަހު ކުލި ނަގަން ފަށާ ގޮތަށް، ތިން މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ވަނީ ދީފައެވެ.

comment ކޮމެންޓް