މުސްކުޅިއެއްކަމަށް ގަބޫލު ނުކުރައްވާތީ "އޯލްޑީ އޮފް ދި އިޔާ" ގެ އިނާމަށް ރާނީ އެލިޒަބަތު ދެކޮޅު ހައްދަވައިފި

އިނގިރޭސި ރާނީ އެލިޒަބަތު 2

ލަންޑަން (އޮކްޓޯބަރު 23) : އިނގިރޭސި ރާނީ އެލިޒަބަތު 2 އަށް އަހަރުގެ މުސްކުޅިއާ (އޯލްޑީ އޮފް ދި އިޔާ) ގެ އިނާމު ދޭން ނިންމުމުން އެ އިނާމު ބަލައިގަތުމަށް އެކަމަނާ ދެކޮޅު ހައްދަވައިފިއެވެ.

މިކަމާގުޅިގެން އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސް އިން ބުނިގޮތުގައި އަހަރުގެ މުސްކުޅިއާ ނުވަތަ "އޯލްޑީ އޮފް ދި އިޔާ" ގެ އިނާމު ބަލައިގަތުމަށް ރާނީ އެލިޒަބަތު ދެކޮޅު ހެއްދެވީ އެއީ އެކަމަނާއަށް ހައްގުވާ އިނާމެއްކަމަށް ގަބޫލު ނުކުރައްވާތީއެވެ. ނަމަވެސް އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް ވަނީ އޭނާގެ އުމުރުން 90 އަހަރުގައި "އޯލްޑީ އޮފް ދި އިޔާ" ގެ އިނާމު ގަބޫލު ކުރައްވާފައެވެ.

މީގެއިތުރުން މި އިނާމު އެލިޒަބަތަށް ދިނުމަށް މަސައްކަތްކުރި ފަރާތްތަކަށް އެކަމަނާވަނީ ސިޓީއެއްވެސް ފޮނުއްވާފައެވެ. އެސިޓީގައި އެލިޒަބަތު ވިދާޅުވެފައިވަނީ މީހަކު މުސްކުޅިވަނީ އެމީހަކު އަމިއްލައަށް އެމީހަކީ މުސްކުޅިއެއްކަމަށް ގަބޫލުކުރުމުން ކަމަށާ މުސްކުޅިންނަށް ދޭ އިނާމު ގަބޫލުކުރަން ދެކޮޅު ހެއްދެވީ މި ކްރައިޓީރިއާ އެކަމަނާގެ ހާލަތާ ނުގުޅޭތީކަމުގައެވެ. އެހެންކަމުން "އޯލްޑީ އޮފް ދި އިޔާ" ގެ އިނާމު ހައްގުވާ އެހެން ފަރާތަކަށް އެއިނާމު ދިނުމަށް އެދިވަޑައިގަންނަވާކަމަށްވެސް އެސިޓީގައި އެލިޒަބަތު ވިދާޅުވެފައިވެއެވެ.

ރާނީ އެލިޒަބަތު އާއި އެކަމަނާގެ ދޮށީ ދަރިކަލުން ވަލީއުލްއަހްދު ޕްރިންސް ޗާލްސް

އުމުރުފުޅުން 95 އަހަރުވެފައިވާ އިނގިރޭސި ރާނީ ކިތަންމެ މުސްކުޅި ވެފައިވީނަމަވެސް އެއުމުރުގެ މުސްކުޅިންނާ އަޅާބަލާއިރު އެކަމަނާގެ ސިއްހީ ހާލުކޮޅު އާންމު ގޮތެއްގައި ރަނގަނޅެވެ. ނަމަވެސް ދާދިފަހުން އެކަމަނާވަނީ މާބޮޑަށް ވަރުބަލިފުޅުވާތީ ލަންޑަންގެ ކިންގް އެޑްވަޑް ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދީފައެވެ.

ރާނީ އެލިޒަބަތު އިނގިރޭސި ރަސްކަމުގެ ތަޚްތަށް އިސްވެވަޑައިގެންނެވީ 1952 ވަނައަހަރުއެވެ. އޭރު އެކަމަނާގެ އުމުރުފުޅުން 26 އަހަރެވެ. އެހެންކަމުން ރާނީ އެލިޒަބަތު އިނގިރޭސި ތަޚްތުގައި ރަނިކަން ކުރައްވާތާ މިހާރުވަނީ 69 އަހަރުވެފައެވެ. އަދި ރާނީ އެލިޒަބަތު ރަސްކަމުގެ ތަޚްތުގައި އިންނަވާތާ 75 އަހަރު ފުރުން (އަލިމަސް ޔުބީލް) ފާހަގަ ކުރުމުގެ ޝަރަފު މީގެ 6 އަހަރުފަހުން ލިބޭނެކަމުގެ އުންމީދުގައި އެކަމަނާ ހުންނެވި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ރާނީ އެލިޒަބަތު ކިތަންމެ މުސްކުޅިފުޅުވެފައިވީނަމަވެސް ރަސްކަމުން އަޒުލުވެ ވަޑައިގެން ދަރިކަލުން ވަލީއުލްއަހްދު ޕްރިންސް ޗާލްސް އާ ރަސްކަން ހަވާލު ކުރެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވައެވެ. އަދި މުސްކުޅި ވެގެން ރިޓަޔާ ކުރަންޖެހޭ އުމުރަށް ދިޔަކަމަށްވެސް އެކަމަނާ ގަބޫލުފުޅެއް ނުކުރައްވައެވެ. ނަމަވެސް ކޮވިޑް-19 ގެ ވަބާއާއެކު 2020 ވަނައަހަރު ގެ ކުރީކޮޅުން ފެށިގެން ރާނީ އެލިޒަބަތު އުޅުއްވަން ޖެހިވަޑައިގެންފައިވަނީ ޝާހީ ގަނޑުވަރުގައި ވަރަށް އެކަހެރިގޮތެއްގައެވެ.

ކޮވިޑް-19 ގެ ވަބާއާ ގުޅިގެން އެލިޒަބަތުވަނީ އެކަމަނާ ކުރިން ހިންގެވި ޝާހީ ހަރަކާތްތައް ވަނީ މުޅިންކަހަލަ ގޮތަކަށް ހުއްޓުމަކަށް ގެންނަވާފައެވެ. ރާނީ އެލިޒަބަތު އަދާކުރައްވަންޖެހޭ ރަސްމީ ޒިންމާތައް އަދާކުރައްވަނީވެސް އޮންލައިން ކޮށެވެ. ކުރިން އާންމުންނާ ބައްދަލުކުރުމަށް ބަކިންހަމް ޕެލަސްގައި ބާއްވަމުންދިޔަ ބައްދަލުކުރެއްވުންތައް 2020 ވަނައަހަރުގެ ކުރީކޮޅު ހުއްޓާލިގޮތަށް އަދިވެސް އެ ބައްދަލުކުރެއްވުންތައް ކުރިއަކަށް ނުގެންދަވައެވެ. އަބަދު ކަހަލަ ގޮތަކަށް އުޅުއްވަންޖެހެނީ ގަނޑުވަރުތެރޭގައިެވެ. ނޫނީ ގަނޑުވަރުގެ ބަގީޗާގެ ތެރޭގައެވެ.

އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކަށާ އަދި ބޭރު ގައުމުތަކަށް ދަތުރުކުރެއްވުންވެސް އެލިޒަބަތުވަނީ ހުއްޓާލައްވާފައެވެ. އެލިޒަބަތުގެ ފިރިކަލުން ޕްރިންސް ފިލިޕް މިއަހަރުގެ ކުރީކޮޅު އަވަހާރަވުމާއެކު އެކަމަނާގެ އެކަހެރިކަން ވަނީ އަދި ކުރިޔަށްވުރެވެސް ބޮޑުވެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު