ޓައިވާންގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް ނުކުންނާނެ ކަމަށް އެމެރިކާ ބުނެފި

އެމެރިކާއާއި ޗައިނާގެ ރައީސުން

ވޮޝިންޓަން (އޮކްޓޯބަރު 23) : ޗައިނާއިން ޓައިވާނަށް ހަމަލާއެއް ދޭނަމަ ޓައިވާންގެ ދިފާއުގައި އެމެރިކާ ތެދުވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ސީއެންއެންގެ އަށް ދެއްވި ބަސްދީގަތުމެއްގައި ބައިޑަން ވިދާޅުވީ ޗައިނާއިން ޓައިވާނަށް ހަމަލާއެއް ދީފިނަމަ ޓައިވާން ދިފާއުގައި އެމެރިކާ މަސައްކަތްކުރާނެކަމަށާ އެކަން ޗައިނާ ދަންނަންޖެހޭނެ ކަމުގައެވެ. އެއީ ޓައިވާނަށް ޓަކައި އެމެރިކާ ފުއްދަން ޖެހޭ ވައުދެއްކަމަށްވެސް ބައިޑެން ސިފަކުރެއްވިއެވެ.

އެމެރިކާއިން ޓައިވާނަށް ހަތިޔާރު ވިއްކައި އަސްކަރީ ގޮތުން އެއްބާރުލުން ދިންނަމަވެސް އެގައުމު ޗައިނާއާ އެއްކޮށްލުމަށް ޗައިނާ ކުރާ މަސައްކަތުގެ ތެރެއަށް އެމެރިކާ ވަންނާނެކަމުގެ އެއްވެސް އިޝާރާތެއް މީގެކުރިން އެމެރިކާގެ ރައީސަކު ދެއްވާފައެއް ނުވެއެވެ.

ޗައިނާގެ ހަމަލާއަކުން ޓައިވާން ދިފާއުކޮށް ދިނުމަށް އެމެރިކާ މަސައްކަތްކުރާނެކަމަށް ބައިޑެން ވިދާޅުވުމަކީ ޗައިނާއާ ޓައިވާން އެއްކޮށްލުމަށް ޗައިނާ ދީފާނެ ހަމަލާއެއްގެ ތެރެއަށް އެމެރިކާ ވަންނާނެކަމުގެ ސީދާ އިޝާރާތެއްކަމަށް މުރާސިލުން ދެކެއެވެ. އެހެންކަމުން މިއީ ޗައިނާގެ ބިމުގެ އެއްބައިވަންތަކާއި ވަހްދަތާމެދު އާމެދު އެމެރިކާ މިހާތަނަށް ގެންގުޅޭ ސިޔާސަތަށް ބޮޑު ބަދަލެއް އައުންކަމަށް މުރާސިލުން ވަނީ ސިފަކޮށްފައެވެ.

ޓައިވާނަކީ 1949 ވަނައަހަރު ޗައިނާއިން ވަކިވެގެންފައިވާ ޗައިނާގެ ޖަޒީރާއެކެވެ. ޓައިވާން އަލުން އަނބުރައި ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެކަމަށް ޗައިނާގެ ރައީސް ޝީޖިންޕިން ދާދިފަހުންވަނީ ވިދާޅުވެފައެވެ. ޓައިވާން ޗައިނާއާ ވަކިވެގަތީ 1949 ވަނަ އަހަރު އެމެރިކާގެ އެހީގައެވެ. 1949 ވަނައަހަރު ޗައިނާގެ ކޮމިއުނިސްޓް ފިކުރުގެ ބޭފުޅުން ޗައިނާގެ ވެރިކަމަށް އައުމާއެކު އޭރު ޗައިނާގެ ވެރިކަމުގައި ތިއްބެވި ބޭފުޅުން އެމެރިކާގެ އެހީގައި ފިއްލަވައިގެން ދިޔައީ ޗައިނާގެ ބައްރާ ތަންކޮޅެއް ދުރުގައިވާ ޗައިނާގެ ޖަޒީރާއެއްކަމަށްވާ ޓައިވާންއަށެވެ.

އެއަށްފަހު އެމެރިކާ ޗައިނާގެ ގޮތުގައި ބަލައި އަދި އިއުތިރާފްވީ ޓައިވާން އަށެވެ. ޓައިވާނަކީ މުޅި ޗައިނާކަމުގައި ހަދައިގެންނެވެ. ޗައިނާގެ އދ. ގޮނޑިވެސް އެމެރިކާގެ ބާރާއި ނުފޫޒުގައި ކޮންޓްރޯލް ކޮށްގެން އުޅުނީ ޓައިވާނުންނެވެ. ނަމަވެސް ޗައިނާގެ ކޮމިއުނިސްޓް ވެރިކަމަކީ ބަޣާވާތުގެ ވެރިކަމަކަށް ހަދައިގެން ޗައިނާގެ އދ. ގެ ގޮނޑި ޗައިނާއަށް ނުދީ ޓައިވާނަށް ކޮންޓްރޯލް ކުރެވުނީ އެންމެ 22 އަހަރުވަންދެނެވެ.

1971 ވަނައަހަރު އެކަން ނިމުމަކަށް އައެވެ. 1971 ވަނައަހަރުގެ އޮކްޓޯބަރުމަހު އދ. ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރުގައިވަނީ ޓައިވާނަށް ޗައިނާ ތަމްސީލް ނުކުރެވޭނެކަމަށާ ޗައިނާގެ އދ. ގޮނޑި ތަމްސީލް ކުރެވޭނީ ޗައިނާގެ އާބާދީގެ 95 އިންސައްތަ ތަމްސީލްކުރާ ކޮމިއުނިސްޓް ޗައިނާއަށް ކަމުގައެވެ.

އެއަށްފަހު 1972 ވަނައަހަރުގެ ފެބްރުއަރީމަހު އެމެރިކާގެ އޭރުގެ ރައީސް ރިޗަޑް ނިކްސަން ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެން ޗައިނާގެ ކޮމިއުނިސްޓް ވެރިކަމަކީ މުޅި ޗައިނާ ގެ ރައްޔިތުން ތަމްސީލްކުރާ ވެރިކަމެއްކަމަށް އިއުތިރާފް ވެވަޑައިގެންނެވިއެވެ. އަދި އެއްޗައިނާގެ ސިޔާސަތަށް ވެސް އެމެރިކާ އިއުތިރާފްވިއެވެ. މިއާއެކު ޓައިވާންގެ ވެރިރަށް ޓައިޕޭ ގައި ހުންނަ އެމެރިކާގެ އެންބަސީ ޗައިނާގެ ވެރިރަށް ބެއިޖިން އަށް ބަދަލުކުރިއެވެ.

އެމެރިކާ ޗައިނާއަށް އިއުތިރާފްވިނަމަވެސް އެމެރިކާ ގެންދިޔައީ އަސްކަރީގޮތުން ޓައިވާނަށް އެއްބާރުލުން ދެމުންނެވެ. ނަމަވެސް ޓައިވާނަށް އަސްކަރީ ގޮތުން އެއްބާރުލުންދީ ހަތިޔާރު ވިއްކިނަމަވެސް ނަމަވެސް ޗައިނާގެ ހަމަލާއަކުން ޓައިވާން ދިފާއުކޮށްދޭނެކަމަށް މީގެކުރިން އެމެރިކާގެ ރައީސަކު ވިދާޅުވެފައެއް ނުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު