ސާފް ޗެމްޕިއަންޝިޕުގެ ގުރޫޕް ސްޓޭޖު ފަހު މެޗުގައި ރާއްޖެއާއި އިންޑިއާ ބައްދަލު ކުރި މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ގައުމީ ޓީމުގެ ފޯވާޑް ހަމްޒާ މުހައްމުދު (ހަމްޕު) ދެ ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.
ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕުގައި މޮޅު ކުޅުމެއް ދެއްކި ހަމްޕު ވަނީ ބަންގަލްދޭޝްއާ ދެކޮޅަށް ކުޅުނު މެޗުގައި އޯވާހެޑް ކިކަކުން މޮޅު ގޯލެއް ޖަހައި، އިންޑިއާ މެޗުގައި ރާއްޖެއަށް ޕެނަލްޓީއެއް ހޯދައިދީފައެވެ. އެހެން ނަމަވެސް އެ މުބާރާތުގައި ރާއްޖެއިން ކުޅުނު ފަހު ދެ މެޗުގައި، ސްރީލަންކާ އަދި އިންޑިއާއާ ދެކޮޅަށް ކުޅުނު އިރު ހަމްޕު ހުރީ އަނިޔާގައެވެ.
ގައުމީ ޓީމުގެ ޑޮކްޓަރު އަބްދުﷲ ރާފިއު (ރާއްޕެ)، "ސަން" އަށް ބުނީ ހަމްޕު ސާފުގެ ފަހު ދެ މެޗު ކުޅުނީ އަނިޔާގައި ހުރެގެން ކަމަށެވެ. އެ ދެ މެޗު ކުޅުނު އިރު ހަމްޕުގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން އެމްއާރުއައިއެއް ހަދާފައިވާ ކަމަށާއި، އެ ޓެސްޓްތަކުން ކަކުލަށް ކުޑަ ވަރެއްގެ އަނިޔާއެއް ވެފައިވާކަން ފާހަގަ ވެފައިވާ ކަމަށެވެ.
"ހަމްޕުގެ އަނިޔާއަކީ ސީރިއަސް އަނިޔާއެއް ނޫން. ލަފާ ކުރެވޭ ގޮތުގައި ދެ ހަފުތާއިން އެއްކޮށް ރިކަވާ ވާނެ. ސާފްގެ ފަހު ދެ މެޗު ވެސް ކުޅުނީ އެ އަނިޔާގައި ހުރެގެން. ދެން އިންޑިއާ މެޗުގައި ބޮޑަށް ތަދުވީ،" ރާއްޕެ ބުންޏެވެ.
ރާއްޕެ ބުނީ، ހަމްޕުގެ އިތުރުން ސާފުގައި އަނިޔާވި ގައުމީ ކީޕަރު މުހައްމަދު ފައިސަލް ވެސް އަންނަނީ އަނިޔާއިން ރިކަވާ ވުމަށް މަސައްކަތް ކުރަމުން ކަމަށާއި، މުބާރާތަށް ފަހު ބައެއް ކުޅުންތެރިންގެ ކުދިކުދި އަނިޔާތައް ހުރި ނަމަވެސް މާ ބޮޑު އިންޖަރީއެއް ޓީމުގައި ނޫޅޭ ކަމަށެވެ.
ގައުމީ ޓީމުން ދެން އެންމެ އަަވަހަށް ކުޅެން އޮތީ އަންނަ މަހު 8-17 އަށް ސްރީ ލަންކާގައި އޮތް މަހިންދުރަ ރާޖަޕަކްސަ މުބާރާތުގަ އެވެ. ހަތަރު ގައުމުގެ މެދުގައި ކުޅޭ އެ މުބާރާތް ފެށެންވާއިރަށް ހަމްޕު އަށް އެެއްކޮށް ފިޓްވެގެން އާދެވޭނެ އެވެ.
"ހަމްޕު ވެސް އެ މެޗުތަކަށް ފިޓް ވާނެ. އެކަމަކު ކޯޗު ޓީމުގެ ސެލެކްޝަން ހަދާނީ."
ޒުވާން އުމުރުގައި 2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް ގައުމީ ސްކޮޑުން ޖާގަ ހޯދަން ފެށި ހަމްޕު ވަނީ ގައުމީ ޓީމަށް މިހާތަނަށް 44 މެޗު ކުޅެދީފައެވެ. އޭނާ އަކީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގައި ދިވެހި ޓީމަށް މުހިއްމު ކުޅުންތެރިއެކެވެ.