ކުޅުދުއްފުށީގެ ދަނޑު ހުޅުވަން ގައުމީ ޓީމާއެކު ހާއްސަ މެޗެއް

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ގައުމީ ސްކޮޑު: ސަން ފޮޓޯ/ އައިމަން

ހދ. ކުޅުދުއްފުށީގައި ސަރުކާރުން ގާއިމު ކުރި ފީފާ ސްޓޭންޑާޑުގެ ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމާއި އެ ރަށު ޓީމުގެ ހާއްސަ މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ.

މާލޭގައި މި މަހު ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕާއެކު ރާއްޖޭގައި ފުޓުބޯޅައިގެ ފޯރި އިންތިހާއަށް ހިއްޕާލާފައިވާ މި ދަނޑިވަޅުގައި ކުޅުދުއްފުށީގެ ދަނޑު ހުޅުވުމުގެ ގޮތުން އެ ރަށު ޒުވާނުންނާ ދެކޮޅަށް ފޯމުގައި އޮތް ގައުމީ ޓީމުން މެޗެއް ކުޅެން ވަނީ ހަމަޖެހިފައެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މި މެޗާއެކު، ދަނޑު ހުޅުވުމުގެ ރަސްމިއްޔާތަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގަންނަވަން ވަނީ ނިންމައިފައެވެ.

ގައުމީ ޓީމުން ސާފްގައި ވާދަކުރި ޓީމަށް ބަދަލުތަކެއް ގެނެސްގެން 23 ކުޅުންތެރިންގެ ސްކޮޑަކާއެކު ކުޅުދުއްފުށްޓަށް ފުރަން ތައްޔާރުވާ އިރު، ބަހްރޭންގައި ކުރިއަށްދާ 23 އަހަރުން ދަށުގެ ކޮލިފައިން މެޗުތަކަށް ފުރަން ޖެހޭތީ ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) ބައިވެރިނުވާނެއެވެ. އަދި އެހެންމެ ސާފުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިޔާ، ހަމްޒާ މުހައްމަދު (ހަމްޕު) ވެސް އަނިޔާގެ ސަބަބުން މި މެޗުގައި ބައިވެރި ނުވާނެއެވެ.

ގައުމީ ޓީމުގެ އާ ކޯޗަކަށް އިންޓަ މިލާންގެ ކުރީގެ މިޑްފީލްޑަރު ފްރެންޗެސްކޯ މޮރިއޭރޯ މިއަދު ވަނީ ހަމަޖައްސައިފައެވެ. އެހެން ކަމުން މި ދަތުރުގައި އެ ކޯޗު ވެސް ބައިވެރިވާނެއެވެ.

މޮރިއޭރޯއާ އެކު ދިވެހި ޓީމު އެންމެ އަވަހަށް ކުރިމަތިލާނެ މުބާރާތަކަށް އޮތީ އަންނަ މަހު ލަންކާގައި ބާއްވާ، މަހިންދަ ރާޖަޕަކްސަ އިންޓަނޭޝަނަލް މުބާރާތެވެ. އެ މުބާރާތުގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝް އާއި ޝީޝެލްސްއެވެ.

ކުޅުދުއްފުށްޓަކީ މީގެ ކުރިން ވެސް ގައުމީ ބޮޑެތި ބައެއް މެޗުތައް ކުޅެފައިވާ ފުޓުބޯޅައިގެ ތާރީހެއް އޮތް ރަށެކެވެ. އެގޮތުން މީގެ ފަސް އަހަރު ކުރިން 2015 ވަަނަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ އެއް ގްރޫޕެއްގެ މެޗުތައް އެ ރަށުގެ ދަނޑުގައި ވަނީ ކުޅެފައެވެ.

އަދި އެހެންމެ ން އަތޮޅުތަކަށް ހުޅުވާލައިގެން ބޭއްވި މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން ބުރުގެ ފައިނަލް މެޗު ވެސް އެ ރަށުގައި ކުޅެފައިވެއެވެ.

comment ކޮމެންޓް