10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ޝާޒާއި ފާތީ ހޯދައިފި

20 އޮކްޓޯބަރު 2021، މާލެ، އެމްޕީބީއޭ 10 ބޯލް ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ފާތީ(ކ) އަދި ފިރިހެން ޑިވިޝަންގެ ޗެމްޕިއަން ޝާޒް(ވ) -- ފޮޓޯ/ އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 10 ބޯލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދާއި އާމިނަތު ފާތީ ހޯދައިފިއެވެ.

ނެޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްގެންދިޔަ އެ މުބާރާތުގެ ފިރިހެން ޑިވިޝަނާއި އަންހެން ޑިވިޝަންގެ ފައިނަލް މެޗުތައް ރޭ ވަނީ ކުޅެފައެވެ. އެ މެޗުތަކަށްފަހު ސީނިއާ ބިލިއާޑް ކުޅުންތެރިޔާ ކެޕްޓަން ހަސަން ރާޖޭޝް މޫސާ އާއި އެމްޕީބީއޭގެ ޗެއާޕާސަން އަހުމަދު ނާސިފް ވަނީ ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ހަވާލުކޮށްދެއްވައިފައެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޝާޒް ވަނީ މުހައްމަދު ޝަރީފް އަތުން 9-7 ފްރޭމުން މޮޅުވެފައެވެ. އަދި އަންހެން ޑިވިޝަނުގެ ފައިނަލުގައި އާމިނަތު އަޒްރާ އަތުން ފާތީ މޮޅުވީ 7-2 ފްރޭމުންނެވެ.

އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު އަށް ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ޝާޒާއި ރަނަރަޕް ޝަރީފާއި ހުސައިން ފަޔާޒާއި ހަސަން ޝަފްރާޒާއި އިސްމާއިލް ސުވައިދާއި އަހުސަން ހާޝިމާއި އަހުމަދު ޒިޔާން އަދި އަލީ ފަޔާޒެވެ. އަދި އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ފާތީ އާއި ރަނަރަޕް އަޒްރާ އާއި އާމިނަތު ހަލީމާއި ފަޒްނާ މޫސާ އަދި ދީނާ އަހުމަދެވެ.

މިމަހުގެ 14 އިން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ މުބާރާތުގައި ފިރިހެން 64 ކުޅުންތެރިންނާއި އަންހެން 12 ކުޅުންތެރިން ވާދަކުރިއެވެ.

comment ކޮމެންޓް