ފަސް ލައްކައަށްވުރެ ގިނަ ރުފިޔާގެ ބިލު ނުދައްކާ އޮތުމުން ފަސް ކައުންސިލަކުން ކަރަންޓު ކަނޑާލައިފި

ބަނޑިދޫ ކައުންސިލް އިދާރާ -- ފޮޓޯ: ބަނޑިދޫ ކައުންސިލް

ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާގެ ކަރަންޓު ބިލު ނުދައްކާ އޮތުމުން، ފެނަކަ ކޯޕަރޭޝަނުން ފަސް ރަށެއްގެ ކައުންސިލް އިދާރާއަކުން ކަރަންޓު ކަނޑާލައިފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ސޭލްސް އެންޑް ބިލިންގް ހެޑް އަހުމަދު އަލީ މިއަދު "ސަން"އަށް ވިދާޅުވީ ޖުމުލަ 17 ރަށެއްގެ ކައުންސިލުން ކަރަންޓު ބިލު ނުދައްކާ އޮތުމުން، އެ ކައުންސިލްތަކަށް ތަކުރާރުކޮށް އިންޒާރު ދީފައިވާނެ ކަމަށެވެ. ނަމަވެސް ބިލް ދައްކާފައި ނުވާތީ މިހާރު ފަސް ކައުންސިލަކުން ކަރަންޓުގެ ހިދުމަތް ކަނޑާލާއިފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"އެކިފަހަރު މަތިން ވެސް ފައިސާ ނުދައްކާ އޮތުމުން އެދެއްކުމަށް ސިޓީ ފޮނުވައިގެން ވެސް އެންގުމުން ފައިސާތައް ގަވާއިދުން ދައްކަމުން ނުދާ ކައުންސިލްތަކުގެ ތެރެއިން ފަސް ލައްކައަށްވުރެ ގިނަ އައުޓްސްޓޭންޑިންގް ހުރި ކައުންސިލްތަކުން އޮކްޓޯބަރު 20 ގެ ނިޔަލަށް ފައިސާ ނުދައްކާ ކަމުގައިވާނަމަ ކަރަންޓު ކަނޑާލެވޭނެ ކަމަށް ނޯޓިސް ދީފަވާނެ. އެގޮތުން މިއަހަރުގެ އޭޕްރީލް އިން ފެށިގެން އެފައިސާތަށް ދެއްކުމަށް މިއަންނަނީ ރިމައިންޑާތައް ދެމުން،" އަލީ ވިދާޅުވިއެވެ.

އަލީ ވިދާޅުވީ މިހާރު ކަރަންޓު ކަނޑާލައިފައިވާ ރަށްތަކަކީ ދ. ބަނޑިދު އާއި ގއ. ވިލިނގިއްޔާއި ފ. ބިލެއްދޫ އާއި ފ. ފީއަލީ އަދި ނ. މާފަރު ކަމަށެވެ.

އޭގެ ތެރެއިން ބަނޑިދޫ އިދާރާ އިން ކަރަންޓު ކަނޑާލަައިފައިވަނީ މިއަދު ހެނދުނުގެ 10:20 ގައެވެ.

ބަނޑިދޫ ކައުންސިލުގެ ރައީސް މުހައްމަދު މޫސާ މިއަދު "ސަން"އަށް ވިދާޅުވީ ކަރަންޓުގެ ހިދުމަތް ކަނޑާލައިފައިވަނީ ހަމައެކަނި ކައުންސިލް އިދާރާއިން ކަމަށާއި، އިދާރާއިން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް މިހާރު ހުރީ ހުއްޓިފައި ކަމަށެވެ.

"ރައްޔިތުންނަށް ހިދުމަތް ނުލިބިދާ ކޮންމެ ދަނޑިވަޅަކީ ރައްޔިތުންނަށް ކުރިމަތިވާ ވަރަށް ބޮޑު ޕްރެޝާއެއް. އަޅުގަނޑުމެން ފިނޭންސްއާ ވެސް ވާހަކަ ދެއްކިން. ފިނޭންސުން ބުނީ ބަޖެޓް ކޮންޓްރޯލް ކޮށްގެން ފައިސާ ދައްކަން. އެހެންނަމަވެސް އަޅުގަނޑުމެން އަތުގަ ނެތް ފައިސާ އަކުން ކިހިނެތްތޯ ފައިސާ ދައްކާނީ، ޖުމުލަ 1.5 މިލިއަން ރުފިޔާ އަޅުގަނޑުމެން ދައްކަން ޖެހޭ ކަމަށް ނޯޓިސް އައީ،" މޫސާ ވިދާޅުވިއެވެ.

މޫސާ އިތުރަށް ވިދާޅުވީ މިހާރު ކައުންސިލުގައި ހުރީ ވަރަށް މަދު ފައިސާ ކަމަށާއި އޭގެއިން އޮފީސް ހިންގުމުގެ ހަރަދުގެ އިތުރުން ރަށުގައި ހިންގާ އިޖުތިމާއީ ހަރަދުތައް ކުރުމަށް ފައިސާ ބަހައްޓަން ޖެހޭ ކަމަށެވެ. އަދި ރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރުމުން، ރައްޔިތުން ވަނީ ކައުންސިލުގައި ހުރި ބަޖެޓުން ކަރަންޓު ފީ ދައްކަން ބޭނުންނުވާ ކަމަށް ބުނެފައި ކަމަށްވެސް މޫސާ ވިދާޅުވިއެވެ.

މީގެ އިތުރުން މޫސާ ވިދާޅުވީ މިދިޔަ އަހަރު ފަސް މިލިއަން ރުފިޔާގެ ބަޖެޓެއް ބަނޑިދޫ ކައުންސިލަށް ހަމަޖެއްސި ނަމަވެސް، ފަހުން އެ ބަޖެޓު 2.4 މިލިއަނަށް ކުޑަކުރުން ވެގެންދިޔައީ ކަރަންޓު ބިލުތައް ދެއްކުމަށް ދިމާވި ބޮޑު ގޮންޖެހުމަކަށް ކަމަށެވެ.

ބަނޑިދޫ ކައުންސިލަށް ނުދެއްކި ހުރި ބިލުތަކަށް ހައްލު ހޯދުމަށްޓަކައި ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި ވެސް ތަކުރާރުކޮށް އެދެމުން އަންނަ ކަމަށް މޫސާ ވިދާޅުވިއެވެ. އަދި އެ މައްސަލަ ރައީސް އޮފީހާ ވެސް ހިއްސާ ކޮށްފައި ވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް