އާ ނަމަކާއެކު ފޭސްބުކް ރީބްރޭންޑް ކުރަނީ

ފޭސްބުކް

ސޯޝަލް މީޑިއާ ކުންފުނި ފޭސްބުކް އިންކްއިން އަންނަ ހަފުތާގައި އަމިއްލަ ނަން ބަދަލުކޮށް، ރީބްރޭންޑް ކުރަން ރާވަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އެމެރިކާގެ ޓެކްނޮލޮޖީ ބްލޮގް ދަ ވާޖްގައިވާ ގޮތުން ފޭސްބުކްގެ ނަން ބަދަލުކުރުމާ ބެހޭ ގޮތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު މާކް ޒަކަބާގް މި މަހުގެ 28ވަނަ ދުވަހު ވާހަކަ ދައްކާނެއެވެ. އެއީ އެ ކުންފުނީގެ އެނުއަލް ކަނެކްޓް ކޮންފަރެންސްގައިއެވެ.

އަލްޖަޒީރާގައިވާ ގޮތުން އެކަމާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުންނުވާ ކަމަށް ފޭސްބުކުން ވަނީ ބުނެފައެވެ.

މިދިޔަ މަސް ތެރޭގައި ފޭސްބުކުން ވަނީ އެކުންފުނީގެ ވާޗުއަލް ރިއަލިޓީ(ވީއާރު) ގޭމިންގް ޕްލެޓް ފޯމަށް މީގެ ކުރިން ކިޔާފާއިވާ ނަން ކަމަށްވާ "ހޮރައިޒަން" ގެ ނަން "ހޮރައިޒަން ވޯލްޑްސް"އަށް ބަދަލުކޮށްފައެވެ. އަދި މިއީ އެކުންފުނީގެ ނަން ބަދަލުކުރުމާ ގުޅިފައިވާ ކަމެއް ކަމަށް ވާޖްއިން ވަނީ ލަފާކޮށްފައެވެ.

ހަމައެހެންމެ އެ ކުންފުނިން ވަނީ ވާޗުއަލް ރިއާލިޓީ އާއި އޯގްމެންޓެޑް ރިއާލިޓީއަށް ވަރަށް ބޮޑަށް އިންވެސްޓުކޮށް، "މެޓަވާސް"އެއް ނުވަތަ އޮންލައިން ދުނިޔެއެއް ބިނާކުރުމަށް ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ޔޫރަޕިއަން ޔޫނިއަންގައި 10،000 ވަޒީފާ އުފެއްދުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ. އެހެންކަމުން، އެ ވިޔަފާރި ފުޅާކުރުމާ ފޭސްބުކްގެ ނަން ރީބްރޭންޑް ކުރުމާ ގުޅުމެއްވާ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެެވެ.

comment ކޮމެންޓް