ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ދެ މީހަކަށް ދައުވާކޮށްފި

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަހުން ދައުވާ ކުރި ދެ މީހުން --

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިއަހަރުގެ މެއި ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން އިތުރު ދެ މީހަކަށް ދައުވާކޮށްފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕޮރޮސެކިއުޓާ އަހްމަދު ޝަފީއު މިއަދު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިތުރު ދެ މީހަކަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން ދައުވާ ކޮށްފައިވާ ދެ މީހުންނަކީ ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް އެވެ.

އެ ދެ މީހުންގެ މައްޗަށް ކުރީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތް މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

އެ ހަތް މީހުންނަކީ, ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ. ފޭރުގެ، މުޖާޒު އަހުމަދާއި, ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމާއި, ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ ޢަލީއާ, އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމްގެ އިތުރުން މ. ކުދެހިގެ، އިސްހާގެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމާއި، އެފަދަ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމާއި އަދި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ.

މުޖާޒުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ.

ހައިޝަމަށް ޖުމްލަ ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ގޮވާ ތަކެތި އެހެންތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ.

އަދުހަމަށް ހަތަރު ދައުވާ އުފުލަން ނިންމި ނަމަވެސް އޭނާ އެއްބާރުލުން ދިނުމަށް ނިންމާފައިވުމުން އޭނާއަށް އުފުލާފައިވަނީ ތިން ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާގެ އިތުރުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.

އިސްހާގަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ, ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ދައުވާ ކޮށްފައެވެ.

ފަހުމީގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

ނާޒިމްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަމުގެ ދައުވާއެވެ.

comment ކޮމެންޓް