އަފްޣާންް ބައެއް ޕްރޮވިންސްތަކުގައި އަންހެން ކުދިން ސްކޫލްތަކަށް ދިޔުމުގެ ފުރުސަތު ދީފި

އަފްޣާނިސްތާނުގެ ސާނަވީ ސްކޫލެއްގެ އަންހެން ކުދިން

ކާބުލް (20 އޮކްޓޯބަރު) : އަފްޣާނިސްތާނުގެ ބައެއް ޕްރޮވިންސްތަކުގައި އަންހެން ކުދިން ސްކޫލްތަކަށް ދިޔުމުގެ ފުރުސަތު ދީފައެވެ.

ތާލިބާން ސަރުކާރުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުން އަފްޣާނިސްތާނުގައި ސަލާމަތީގޮތުންނާ އަންހެނުންނަށް ރައްކާތެރި ސަރަހައްދުތަކުގައި އަންހެން ކުދިން މިހާރުވަނީ ސްކޫލްތަކަށް ދިޔުމުގެ ފުރުސަތު ދީފައެވެ.

ތާލިބާން ސަރުކާރު ބުނާގޮތުން އެގައުމުގެ ގިނަ ޕްރޮވިންސްތަކުގައި އަންހެން ކުދިން ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ދިޔުމާއި އަންހެނުން ވަޒީފާތަކަށް ނުކުތުން މަނާކޮށްފައިވަނީ ހަނގުރާމައަށްފަހު އަފްޣާނިސްތާނުގެ ސަލާމަތީ ކަންކަންއޮތްގޮތުން އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައެވެ. ރައްކާތެރިކަން ކަށަވަރު ކުރެވުމުން އަންހެން ކުދިންނަށާ އަދި އަންހެނުންނަށް މި ފުރުސަތު ދޭނެކަމަށާ މިކަން ލަސްނުވާނެކަމަށްވެސް ތާލިބާން ސަރުކާރުން ބުނެއެވެ.

ވެރިރަށް ކާބުލްއާއި އަފްޣާން ބޮޑެތި ސިޓީތަކުގައިވެސް އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްއަޅަން ހަމަޖެހިފައިވާ ޚާއްސަ ފިޔަވަޅުތައް އެޅުުމުގެ ކަންތައް ވަރަށް އަވަހަށް ނިމޭކަމަށާ މިއާއެކު ވަރަށް އަވަހަށް އަންހެން ކުދިން ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ދިޔުމާ އަދި އަންހެނުން ވަޒީފާތަކަށް ނުކުތުމުގެ ފުރުސަތުވެސް ދޭނެކަމަށް ތާލިބާން ސަރުކާރުގެ ދާޚިލީ ވުޒާރާގެ ބަޔާން ބުނެއެވެ.

ތާލިބާނުން އަފްޣާނިސްތާނުގައި ވެރިކަން ކުރަން ފެށުމަށްފަހު އެގައުމުގައި އަންހެނުން ވަޒީފާއަށް ނުކުތުމުގެ ފުރުސަތު ދީފައިވަނީ އެންމެ ދާއިރާއެއްގައެވެ. އެއީ ސިއްހަތާބެހޭ ދާއިރާއެވެ.

އަފްޣާން ޕްރައިމަރީ ސްކޫލެއްގައި އަންހެން ކުދިންނާއި ފިރިހެން ކުދިން

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ އދ.ގެ އެޖެންސީ ޔުނިސެފް ބުނާގޮތުން އަފްޣާނިސްތާނުގެ ބައެއް ޕްރޮވިންސްތަކުގައި މިހާރުވަނީ އަންހެން ކުދިން ސްކޫލްތަކަށް ދިޔުމުގެ ފުރުސަތު ދީފައެވެ. އަދި އެޕްރޮވިންސްތަކުގައި އަންހެން މުދައްރިސުންވެސް ވަނީ ސްކޫލްތަކުގެ ވަޒީފާ ތަކަށް ނުކުންނަން ފަށާފައެވެ.

އަންހެން ކުދިން ސްކޫލްތަކަށް ދިޔުމުގެ ފުރުސަތު ދީފައިވަނީ އަފްޣާން 34 ޕްރޮވިންސްގެ ތެރެއިން ބަލްޚު، ޖައުޒްޖާން،ސަމަންގަން އަދި ކުންދޫޒް ގައެވެ. މިއީ ވަރަށް ކުރީއްސުރެވެސް ހަނގުރާމައިގެ ނުރައްކާ ކުޑަ ޕްރޮވިންސްތަކެވެ.

މި ޕްރޮވިންސްތަކުގައި ގްރޭޑް ހަޔަކުން ފެށިގެން ދަށުގެ ގްރޭޑްތަކުގައި ކިޔަވައިދެނީ އަންހެން ކުދިންނާއި ފިރިހެން ކުދިން އެއްކޮށެވެ. ނަމަވެސް ސާނަވީއާއި މެދު މަދްރަސީ ގްރޭޑްތަކުގައި ކިޔަވައިދޭނީ ދެ ޖިންސް ވަކިންކަަށް ތާލިބާނުން ބުނެފައިވެއެވެ.

ތާލިބާނުން 1996 އިން 2001 އަށް އެޖަމާއަތުން އަފްގާނިސްތާނުގައި ވެރިކަންކުރި ދުވަސްވަރު އަންހެން ކުދިން ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ދިއުން މަނާކުރުމުގެ އިތުރުން އަންހެނުން ވަޒީފާތަކަށް ދިއުންވެސް މަނާކޮށްފައި ވެއެވެ. މިނޫންވެސް އެތަށް ކަމެއްގައި އިސްލާމް ދީނުގެ ނަމުގައި މާޒީގައި ތާލިބާނުންވަނީ ހަރުކަށިކަން ކުރިޔަށްނެރެ އިސްލާމް ދީނާ ބީރައްޓެހި ގޮތަކަށް އިސްލާމް ދީނުގެ ހުކުމްތައް ތަފްސީރުކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ދީނީކަންކަމުގައި ހައްދު ފަހަނަޅައި ދިއުމާއި އިސްލާމް ދީނުމުގެ ނަމުގައި ބޯދާ އަދި ޖާހިލިއްޔަ ޒަމާނުގެ ގޮތްތަކެއް ގެންގުޅޭކަމުގެ ތުހުމަތު ތާލިބާނުންގެ މައްޗަށްވަނީ ކުރެވިފައެވެ.

ނަމަވެސް މިދިޔަ އޮގަސްޓްމަހު ތާލިބާނުން ދެވަނަ ފަހަރަށް އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާއެކު ތާލިބާުނުންގެ ފިކުރަށްވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިގޮތުން އަންހެން ކުދިން ސްކޫލްތަކާއި ޔުނިވާސިޓީތަކަށް ދިޔުން މަނާ ނުކުރާނެކަމާއި އަންހެނުން ވަޒީފާތަކަށް ދިޔުންވެސް މަނާ ނުކުރާނެކަމަށް އެޖަމާއަތުގެ އިސްވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި މިކަމުގައި ދުނިޔޭގެ ގައުމުތަކުގެ ފިއްތުންތައްވެސް ތާލިބާން ސަރުކާރަށްވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.

އަދި 1996 ވަނައަހަރާ ޚިލާފަށް މިފަހަރު ތާލިބާނުންވަނީ ދުނިޔެއާ އެކަހެރި ވުމުގެ ބަދަލުގައި ދުނިޔޭގެ ގައުމުތަކާ ގުޅުންބަދަހި ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އަދި ތާލިބާނުން އެކުލަވާލާ ދާއިމީ ސަރުކާރުގައި އެގައުމުގެ ހުރިހާ ދީންތަކާއި ނަސްލުތަކުގެ މީހުން ތަމްސީލް ކުރެވޭނެގޮތް ހަދާނެކަމަށާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ދަތުރުފަތުރުގެ މިނިވަންކަންފަދަ އާންމު ހުރިހާ ކަމެއްގައިވެސް ރައްޔިތުންނަށް މިނިވަންކަން ދޭނެކަމުގެ ޔަގީންކަން ތާލިބާނުންގެ ވަގުތީ ސަރުކާރުންވަނީ ދީފައެވެ.

comment ކޮމެންޓް