ހޯމް މިނިސްޓްރީގެ ދަށަށް ފުލުހުންގެ މުއައްސަސާ އަނބުރާ ގެނެސްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ/ ހޯމް މިނިސްޓްރީ

ހޯމް މިނިސްޓްރީގެ ދަށަށް އަނބުރާ ފުލުހުންގެ މުއައްސަސާ ގެނެސްފިއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއިކުރައްވައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ފޮނުވި ސިޓީއެއްގައި ވަނީ އެކަން އަންގާފައެވެ.

ހޯމް މިނިސްޓްރީގެ ދަށަށް ފުލުހުންގެ މުއައްސަސާ އަނބުރާ ގެނެސްފައި މިވަނީ އެ މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފައިވާކަން އަންގައި މި މަހުގެ 14 ވަނަ ދުވަހު ރައީސް އޮފީހުން ފޮނުވި ސިޓީއެއް ލީކްވެ އެ މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

އަލީ ޒާހިރު ސޮއިކުރައްވައި މިއަދު މިނިސްޓަރު އިމްރާނަށް ފޮނުވި ސިޓީގައި ވަނީ ފުލުހުންގެ ޚިދުމަތް ދިނުމުގެ އެންމެހައި ކަންކަމުގެ ޒިންމާ އުފުލައި އަދި ފުލުހުންގެ ޚިދުމަތް ހިނގަމުންދާނީ ފުލުހުންގެ ގާނޫނާ އެއްގޮތްވާގޮތުގެމަތިންކަން ކަށަވަރުކުރުމަށްޓަކައި ވަޒީރުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް އަންގާފައެވެ.

މީގެއިތުރުން ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި މުދަލާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ވަނީ އަންގާފައެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރަން މީގެކުރިން ނިންމުމުން ގިނަބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ސަލާމަތީ ކޮންމެ ޚިދުމަތެއް ހިންގަންވާނީ ވަޒީރެއްގެ ބެލުމުގެ ދަށުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ގާނޫނު އަސާސީގައި މިހާ ސާފު އިބާރާތުން މިކަން ބަޔާންކޮށްފައި އޮއްވައި ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކި ނުކުރެވޭނެ," އުމަރު ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކުރަން ކުރިން ނިންމުމުން މިނިސްޓަރު އިމްރާން މިއަދު ވަނީ މާނަފުން ޓްވީޓެއް ކުރައްވާފައެވެ.

މިނިސްޓަރު އިމްރާންގެ ޓްވީޓުގައި ވިދާޅުވީ ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ، ކުރިއަށް ދިއުމުގެ ހިތްވަރު ހޯދާ ބަޔަކަށް ކަމަށެވެ.

"ކަންކަން ރަނގަޅު ކުރަން އުޅޭއިރު ލައްކަ ގިނަ ގޮންޖެހުންތަކާ ކުރިމަތި ވުމަކީ ތަބީއީ ކަމެކެވެ. ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމުގެ ހިތްވަރު ހޯދުނު ބަޔަކަށެވެ." އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް