ފުލުހުންގެ އިސް އޮފިސަރުން ވަކިކުރުން މަޑު ޖައްސާލުމުގެ އަމުރެއް ހައިކޯޓުން ނެރެފި

ކވ. ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް --

ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަޒީފާއިން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމަށް އަމަލު ކުރުން މަޑު ޖައްސާލުމަށް ހައިކޯޓުން އަމަރުކޮށްފިއެވެ.

އެ މައްސަލަ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވަނީ, ފަސް އޮފިސަރުން ވަޒީފާއިން ވަކިކުރި މައްސަލައިގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެނުދިނުމުންނެވެ.

އެ މައްސަލައިގައި ހައިކޯޓުން މިއަދު އަމުރުކޮށްފައިވަނީ, އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ގޮތެއް ނިމެންދެން އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ނިންމުމަށް އަމަލުކުރުން ފަސް ކުރުމަށެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގައިއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ.

އެއާއެކު ފުލުހުންގެ އިސް ދެ އޮފިސަރުންކަމަށްވާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) އަހްމަދު މުހައްމަދާއި އޭސީޕީ މުހައްމަދު ޖަމްޝީދު ފުލުުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ މި މަހުގެ ދިހަވަނަ ދުވަހެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ޖަމްޝީދަކީ ރައީސް ޔާމީން ދަތުރުފުޅުކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި ބޮންގޮއްވާލި މައްސަލަ ތަހުގީގުކުރުމަށް އެމަނިކުފާނު އުފެއްދެވި ރިޔާސީ ކޮމިޝަނުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މީގެ އިތުރުން ޖަމްޝީދަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޕޮލިސް އިންޓެލްގެ އިސްވެރިޔާގެ މަގާމު ވެސް އަދާކުރައްވައިފައިވާ ބޭފުޅެކެވެ.

އޭސީޕީ އަހްމަދު މުހައްމަދަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ކްރައިމް ކޮމާންޑްގެ ވެރިއަކަށް ހުންނެވި ބޭފުޅެކެވެ.

އޭސީޕީ ޖަމްޝީދާއި، އޭސީޕީ އަހްމަދު މުހައްމަދުގެ އިތުރުން ފަސް އޮފިސަރެއް ވަޒީފާއިން ވަކިކުރުމަށް ވަނީ ނިންމާފައެވެ.

އެއީ ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދެވެ.

އެއާއެކު ފަރުހާދު ފިކުރީއާއި، އަހުމަދު ޝުހާދު ނޫން ހުރިހާ އޮފިސަރުން ވަނީ ވަޒީފާއިން ވަކިކުރާ މައްސަލަ ސިވިލް ކޯޓަށް މި މަހުގެ ހަވަނަ ދުވަހު ހުށަހަޅާފައެވެ.

އެބޭފުޅުންގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާ ދިވެހި ޗެމްބާސްގެ ވަކީލުން ސޮއިކުރައްވައި މި މަހުގެ ހަވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ މަގާމުން ވަކިކުރަން ނިންމިއިރު، އެބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ އެކަމުގެ ސަބަބުން އެ އޮފިސަރުންގެ ގެއްލިފައިވާ ދުސްތޫރީ އަދި ގާނޫނީ ހައްގުތައް ހޯދުމަށް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް