ސަބްމެރީން ބޭނުންކޮށްގެން އުތުރުކޮރެއާ މިސައިލްތަކެއް ތަޖްރިބާކޮށްފި

ސަބްމެރިންގެ އެހީގައި ކަނޑު އަޑިން އުތުުރުކޮރެއާ މިސައިލެއް ތަޖްރިބާ ކުރަނީ

ޓޯކްޔޯ (19 އޮކްޓޯބަރު): ސަބްމެރީން ބޭނުންކޮށްގެން އުތުރުކޮރެއާއިން ބެލިސްޓިކް މިސައިލްތަކެއް ތަޖްރިބާކޮށްފިކަމަށް ޖަޕާނުން ބުނެފިއެވެ.

އުތުރުކޮރެއާގެ މިއަމަލާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޖަޕާނުގެ ބޮޑުވަޒީރު ފޫމިއޯ ކިޝީދާ ވިދާޅުވީ ސަބްމެރިން ބޭނުންކޮށްގެން އުތުރު ކޮރެޔާ ގެ އަސްކަރިއްޔާއިން މަދުވެގެން ދެ މިސައިލް ތަޖުރިބާކޮށްފައިވާކަމަށާ މިއީ ކަންބޮޑުވާންޖެހޭ ކަމެއްކަމުގައެވެ.

އުތުރުކޮރެއާއަކީ ސަބްމެރިން ގައި ބެލިސްޓިކް މިސައިލް ހަރުކޮށްގެން އެއިން ހަމަލާދިނުމުގެ ގާބިލްކަން ހޯދާފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ސަބްމެރިން ގައި ބެލިސްޓިކް މިސައިލް ހަރުކޮށްގެން އެއިން ހަމަލާދިނުމުގެ އެތަށް ތަޖްރިބާއެއް އުތުރުކޮރެއާއިންވަނީ ކޮށްފައެވެ. މި ޓެކްނޮލޮޖީ އުތުރުކޮރެއާއިން ހޯދާފައިވަނީ 2018 އަހަރުގެ ތެރޭގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އުތުރު ކޮރެއާ، ދާދިފަހުންވަނީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ބަލެސްޓިކް މިސައިލެއްވެސް ތަޖްރިބާކޮށްފައެވެ. އަދި އުތުރު ކޮރެއާގެ ޒައީމް ކޮމް ޖޮންގް އުން ދާދިފަހުންވަނީ އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށް ބަލިކޮށް ނުލެވޭވަރުގެ ބާރުގަދަ ހަތިޔާރު ހިމެނޭގޮތަށް ސިފައިންގެ ލަޝްކަރެއް އުފައްދާނެކަމުގެ އިންޒާރެއްވެސް އެމެރިކާއަށް ދެއްވާފައެވެ.

މި އިންޒާރާއެކު އެމެރިކާގެ ގައުމީ ސަލަމާތާބެހޭ މުސްތަޝާރު ޖެކް ސްލީވަންވަނީ ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ކަމުގެ ތުހުމަތު އުތުރުކޮރެއާގެ މައްޗަށް ކުރައްވާފައެވެ.

ސަބްމެރީން ބޭނުންކޮށްގެން އުތުރުކޮރެއާއިން އެންމެ ފަހުން މިސައިލެއް ތަޖްރިބާކޮށްފައިވަނީ 2019 ވަނަ އަހަރުގައެވެ. އުތުރުކޮރެއާއިން އެންމެފަހުން ތަޖްރިބާކުރި ބެލިސްޓިކް މިސައިލްތަކަކީ ނިއުކްލިޔާ ވޯހެޑް އުފުލުމުގެ ގާބިލްކަން ލިބިގެންވާ މިސައިލްކަން ނުވަތަ ނޫންކަން އެގައުމުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސަބްމެރީން ގެ އެހީގައި ކަނޑުއަޑިން ވަޔަށް މިސައިލްތަކެއް ތަޖްރިބާކުރިކަން އެގައުމުންވަނީ ކަށަވަރުކޮށްދީފައެވެ.

comment ކޮމެންޓް