ތިނަދޫން ކުއްޖާ މަރުވީ ކޮވިޑްގެ ސަބަބުން ނޫން ކަމަށް ކަނޑައަޅައިފި

ގދ. ތިނަދޫ

ގދ. ތިނަދޫއިން ތިން މަހުގެ ކުއްޖަކު މަރުވީ ކޮވިޑްގެ ސަބަބުން ނޫންކަމަށް ކަނޑައަޅައިފިއެވެ.

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަންްސް އޮފިސަރު ސާލިމް އަލީ "ސަން" އަށް ވިދާޅުވީ، އެއީ ކޮވިޑް މަރެއް ނޫންކަަމަށް ކަނޑައެޅީ ކުއްޖާގެ މަރު ރިވިއު ކުރުމަށްފަހުގައި ކަމަށެވެ.

"މި ކޭސްގައި އިތުރަށް ރިވިއު ކުރަން ޖެހޭ ކަންތައްތައް ރިވިއު ކޮށްފަ، މިހާރު ޑިކްލެޔާ ކޮށްފަ އޮތީ އެއީ ކޮވިޑްގެ މަރެއް ނޫންކަމަަށް،" ސާލިމް ވިދާޅުވިއެވެ.

އެ ކުއްޖާ މަރުވީ މިއަދު ހެނދުނު ފަހެއް ޖަހާކަންހާއިރު ތިނަދޫ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ފަހުންނެވެ. އަދި މި މަހުގެ ހަތަރުވަނަ ދުވަހު އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވްވި ކަމަށާއި އެ އާއިލާގައި ކޮވިޑް ޖެހިފައިވާ އެހެން މީހުން ތިބިކަން ސާލިމް މީގެ ކުރިން ފާހަގަކުރެއްވިއެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 238 އަށް އަރާފައެވެ.

ރާއްޖެއިން އެންމެ ފަހުން ކޮވިޑް ޖެހިގެން މީހަކު މަރުވެފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) ގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އުމުރުން ދުވަސްވީ މީހެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް