މިނިމަމް ވޭޖާއެކު ރިސޯޓު މުވައްޒަފުންނަށް އުފާވެރިކަން!

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް --

ރާއްޖޭގެ ވަޒީފާ އަދާކުރާ މީހުން މިއަދު އިންތިޒާރު ކުރަނީ މިނިމަމް ވޭޖް ކަނޑައެޅޭނެ ދުވަހަކަށެެވެ. މިނިމަމް ވޭޖާއެކު ގިނަ ބައެއްގެ ދިރިއުޅުން އުޖާލާ ވާނެއެވެ. ފައިސާގެ ގޮތުން ތަނަވަސްވެ، އެތައް ކަންބޮޑުވުމެއް ފިލައިގެންދާނެއެވެ.

މިނިމަމް ވޭޖު ކަނޑައެޅުމުގައި މިހާރު އޮތީ އެންމެ ފަހު މަރުހަލާއެވެ. ސަރުކާރުން މިހާރު ކުރާ މަސައްކަތަކީ މިނިމަމް ވޭޖު ބޯޑުން ހުށަހަޅައިފައިވާ އަދަދުތައް ދިރާސާކުރުމެވެ.

މި އަދަދުތައް ތަންފީޒު ވާނީ މިނިސްޓްރީން ވަކި ގޮތެއް ނިންމައި އާންމު ކުރުމުންނެވެ. ހުރިހާ ސިނާއަތެއްގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ކެތްތެރިކަމާއެކު އިންތިޒާރު ކުރަނީ އެ ދުވަހަށެވެ.

ރާއްޖޭގެ އެންމެ ގިނަ ބަޔަކު މަސައްކަތް ކުރާ ސިނާއަތަކީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ރާއްޖޭގެ މައި ސިނާއަތަަކީ ވެސް މިއީއެވެ. ރާއްޖެއަށް އެންމެ ގިނަ ފައިސާ ވަންނަ ސިނާއަތަކީ ވެސް މިއީއެވެ. މިނިމަމް ވޭޖު ކަނޑައަޅައިފި ނަމަ އެންމެ ބޮޑު ފައިދާއެއް ކުރާނީ ވެސް މި ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ.

މިނިމަމް ވޭޖާއެކު 70 އިންސައްތަ މުވައްޒަފުންނަށް ފައިދާ!

ފަތުުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޝަކުވާތައް މިއަދު ގިނައެވެ. އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅިފައި ނުވާތީ ބައެއް މުވައްޒަފުންނަށް ލިބެނީ ވަރަށް ކުޑަ މުސާރައެކެވެ. އަދި ރިސޯޓަށް ލިބޭ އާމްދަނީއާއެކު ބައެއް ފަހަރަށް އެ އުޖޫރަ ކުޑަ ވާ ފަހަރު ވެސް އާދެއެވެ.

ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)އާއި ޓުއަރިޒަމް މިނިސްޓްރީ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާގައި މަސައްކަތްކުރާ މީހުންނާ ބެހޭގޮތުން ނެރެފައިވާ އެމްޕްލޯއީ ސާވޭ 2020ގައި ވާ ގޮތުގައި މިދިޔަ އަހަރު ފެށުނުއިރު މި ދައިރާގައި 48،664 މީހަކު މަސައްކަތް ކުރެއެވެ.

އެހެން ނަމަވެސް 2020ވަަނަ އަހަރު މުޅި ދުނިޔެ ކުރިމަތިލާން ޖެހުނީ ތަފާތު ކަމަކާއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން އަސަރުކުރިއެވެ. އެގޮތުން ކޮވިޑާއެކު ރިސޯޓުތައް ބަންދުކޮށް ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވެއެވެ.

ރާއްޖޭގެ ރިސޯޓެއް. ފޮޓޯ/މޯލްޑިވްސް.ނެޓް

އެހެންކަމުން 2020ވަނަ އަހަރު ނިމުނުއިރު، ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރާކަމަށް ރަސްމީކޮށް ދައްކަނީ 35،887 މީހުންނެވެ. މިއީ މި ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނާއި ބިދޭސީންނާ އެކުވެގެން ހޯދައިފައިވާ ޖުމްލަ އަދަދެކެވެ.

މުސާރަ ކުޑަވުމަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެގޮތުން، އެންބީއެސްގެ ސާވޭ ރިޕޯޓުގައި ވާ ގޮތުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެވްރޭޖް ގޮތެއްގައި އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ، 300 ޑޮލަރާއި 499 ޑޮލަރާއި ދެމެދުގެ އަދަދެކެވެ. އެއީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 53 އިންސައްތަ މުވައްޒަފުންނެވެ.

އެ ސާވޭގައި ވާ ގޮތުން 17 އިންސައްތަ މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެނީ 300 ޑޮލަރަށްވުރެ މަދުންނެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު، މިނިމަމް ވޭޖު ކަނޑައަޅައިފިނަމަ މި ސިނާއަތުގައި މަސައްކަތްކުރާ 70 އިންސައްތަ މުވައްޒަފުންނަށް ފައިދާ ވާނެއެވެ.

މިނިމަމްވޭޖާއެކު ކަންބޮޑުވުންތަކަށް ނިމުން!

ރާއްޖޭގެ ފަތުުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް، މިނިމަމްވޭޖާއެކު ނިމުން އަންނާނެއެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ކަނޑައަޅާފައިވާ ގޮތުން އެންމެކުޑަ އުޖޫރައެއް ލިބޭ އަމިއްލަ ކުދި ވިޔަފާރިތަކުން، ދުވާލަކު 8 ގަޑިއިރަށް ބަލައިގެން މަހަކު ދޭންޖެހޭ އެންމެކުޑަ މުސާރައަކީ 5،700 ރުފިޔާއެވެ.

ސިވިލް ސާވިސްގެ އެންމެ ދަށް މުސާރަ އަކީ ދާއިމީ މުވައްޒަފަކަށް 7،000 ރުފިޔާއެވެ. އަދި މެދުފަންތީގެ ވިޔަފާރިތަކުން މަހު މުސާރައިގެ ގޮތުގައި އެންމެ ކުޑަވެގެން ދެވޭނެ ޢަދަދަކީ 8،000 ރުފިޔާއެވެ.

މީގެ އިތުރުން، ބޮޑެތި ވިޔަފާރިތަކުން މުސާރައިގެ ގޮތުގައި މަހަކު 8900ރ. ދޭން ޖެހޭނެ ކަމަށް އެ ބޯޑުން ވަނީ ނިންމާފައެވެ.

ފުށިފަރު ރިސޯޓުގައި ފަތުރުވެރިންނަށް ދިވެހި ސަގާފީ ހަރަކާތްތަކެއް ދައްކާލަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަދަދުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ ފައިދާ ވަރަށް ބޮޑެވެ. ސަބަބަކީ ރާއްޖޭގެ ރިސޯޓުތައް ހިމެނޭނީ ބޮޑެތި ވިޔަފާރީގެ ތެރެއިން ކަމަށް ވާތީއެވެ.

މި އަދަދުތައް ތަންފީޒު ކުރަން ފެށުމާއެކު ރިސޯޓު މުވައްޒަފުންގެ ތެރެއިން އެންމެ ދަށް މުސާރަ ލިބޭ މުވައްޒަފަކަށް ވެސް 8،900 ރުފިޔާ ލިބެން ޖެހޭނެއެވެ. އެއީ 570 ޑޮލަރެވެ.

އެއާއެކު، 70 އިންސައްތަ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބޭނެއެވެ. އަދި އެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ނިމުން އަންނާނެއެވެ.

ބިދޭސީންނަށް ވެސް މިނިމަމް ވޭޖު ތަންފީޒު ވާންޖެހޭ!

މިނިމަމްވޭޖާ ގުޅޭގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ޓުއަރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަންގެ ރައީސް މައުރޫފް ޒާކިރު ވިދާޅުވީ، ބިދޭސީން މިނިމަމް ވޭޖުން މަހުރޫމް ކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

އޭގެ ސަބަބަކީ، ބިދޭސީން މިނިމަމް ވޭޖުން މަހުރޫމް ކުރުމުން، ދިވެހީންނަށް ވަޒީފާ ނުދީ ކުދި މުސާރަތަކުގައި ބިދޭސީންނަށް ވަޒީފާ ދީފާނެތީއެވެ.

" ބައެއް ކަހަލަ ޑިޕާޓްމަންޓުތައް ބިދޭސީންނަށް ބަދަލުކުރުމާ، ޑިޕާޓްމަންޓުތައް އައުޓްސޯސް ކުރުމާއި، ދިވެހީންނަށް ވަޒީފާ ނުދިނުމާ މިކަހަލަ ކަންތައްތައް ހިނގާފާނެ ކަމަށް ޓަކައި ވަރަށް ބޮޑަށް ކަންބޮޑުވޭ،" އޭނާ ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އެކަންކަން ސަރުކާރުން މޮނިޓާ ކުރަން ޖެހޭނެ ކަމަށެވެ. އަދި މިނިމަމްވޭޖު ތެރެއަށް ބިދޭސީންގެ މޮޑިޓޯރިއަމް ލައިފައި އޮތުމަކީ ދިވެހީންނަށް ވަޒީފާ ލިބެން ނުޖެހޭ ފުރުސަތެއް ނޫންކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް އޮފީހުގައި ޓުއަރިޒަމްގެ އިސްފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފައިލް ފޮޓޯ/ ރައީސް އޮފީސް

"ޓީމުން ރައީސްއާ ބައްދަލު ކުރި ދުވަހެއްގައި މިދިޔަ ސެޕްޓެމްބަރު މަހު ވިދާޅުވި، ދިވެހީން ރިސޯޓުތަކުގައި ގެންގުޅޭ ނިސްބަތް [ރޭޝިއޯ] ބަދަލުކޮށްދެއްވާނެކަމަށް ދިވެހީން މެޖޯރިޓީ ވާ ގޮތަށް،" މައުރޫފް ވިދާޅުވިއެވެ.

ރިސޯޓު މުވައްޒަފުން ތިބީ ހިތްހަމަޖެހިފައި!

މިނިމަމް ވޭޖާ ގުޅިގެން މައުރޫފް އިތުރަށް ވިދާޅުވީ މިނިމަމްވޭޖު ކަނޑައެޅުމަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ.

މައުރޫފް ވިދާޅުވީ މިނިމަމްވޭޖާ ގުޅޭ ގޮތުން ރިސޯޓު މުވައްޒަފުންގެ ފަރާތުން ލިބިފައިވަނީ "ޕޮޒިޓިވް ފީޑްބެކް" ކަމަށެވެ.

މިނިމަމްވޭޖު ކަނޑައެޅި، ރިސޯޓު މުވައްޒަފުންނަށް އެކަމުގެ ހަގީގީ ހިތްހަމަޖެހުން ލިބޭނެ ދުވަހަކަށް އެ މުވައްޒަފުން ތިބީ އިންތިޒާރު ކޮށްގެންނެވެ. އެ މުވައްޒަފުން ގަބޫލު ކުރާ ގޮތުގައި ރިސޯޓު މުވައްޒަފަކަށް 10،000 ރުފިޔާއާއި 12،000 ރުފިޔާއާ ދެމެދުގެ ޖުމުލަ އަދަދެއް ލިބިގެން ނޫނީ މިހާރުގެ ހާލަތަށް ބަލާއިރު ނޫޅެވޭނެއެވެ.

އެންމެ ކުޑަ އުޖޫރަ ރާއްޖޭގައި ކަނޑައެޅިގެން ދާއިރު، މުޅި އޭޝިއާ ސަރަހައްދަށް ބަލާއިރުވެސް މިނިމަމް ވޭޖްގެ އެންމެ ރަނގަޅު ރޭންޖެއް މިއަންނަނީ ރާއްޖެއަށެވެ.

ސަރުކާރުގެ ދުވެއްްޔަށް ބަލާއިރު، މިނިމަމް ވޭޖު ކަނޑައެޅުން އޮތީ މާ ދުރުގައި ކަމަކަށް ނުބެލެވެއެވެ. އެ މަސައްކަތް ދަނީ ބާރު ސުޕީޑުގައި ކުރިއަށެެވެ. އެހެންކަމުން، މިނިމަމް ވޭޖު ކަނޑައެޅި ރިސޯޓު މުވައްޒަފުންނަށް އުފާވެރިކަން ލިބުން އޮތީ ދާދި ގާތުގައެވެ.

comment ކޮމެންޓް