ތޮއްޑޫގައި އެސްޓީއޯގެ އެގްރިސެންޓަރެއް ހުޅުވައި، ދަނޑުވެރިންގެ ހުވަފެން ހަގީގަތަކަށް

ތޮއްޑޫ ދަނޑުވެރި ބިންތައް-- ސަން ފޮޓޯ/

އެސްޓީއޯގެ އެގްރިސެންޓަރެއް ތޮއްޑޫގައި ހުޅުވުމާއެކު އެ ރަށު ދަނޑުވެރިންނަށް ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް ވަނީ ފަހިވެފައެވެ. ތޮއްޑޫ ރައްޔިތުން، އަދި ވަކިން ހާއްސަކޮށް ދަނޑުވެރިން ސިފަ ކުރަނީ މިއީ ފަހުގެ ތާރީހެއްގައި އެ ރަށުގެ އިގްތިސާދަށް އައި އެންމެ ހެޔޮ ބަދަލުގެ ގޮތުގައެވެ.

ތޮއްޑޫއަކީ ދަނޑުވެރިކަމުގެ ދާއިރާގައި މުޅި ރާއްޖެއިން ވެސް އެންމެ ކުރީގައި އުޅޭ އެއް ރަށެވެ. މާލެއިން ބޭރުގައި އެސްޓީއޯގެ އެގްރިސެންޓަރެއް ހުޅުވި ފުރަތަމަ ރަށަކީ ވެސް ތޮއްޑޫއެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ ރަށުގައި އެގްރިސެންޓަރު ހުޅުވުމާއެކު ދަނޑުވެރިން ހައްދާ ތަކެތި ވިއްކުމާއި ޖުމުލަކޮށް ވިޔަފާރިއަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ.

ފައިސާ ލަސްވުމާއި ނުލިބުމުގެ މައްސަލައަށް ނިމުމެއް

ތޮއްޑޫ ދަނޑުވެރިން ބުނާ ގޮތުގައި ދަނޑުވެރިކަމުން ހައްދާ ތަކެތި މީގެ ކުރިން މާލެއަށް ވިއްކަން ފޮނުވުމުން، ފައިސާ ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެއެވެ. ފައިސާ ނުލިބުމާއި ފައިސާ ލިބުން ލަސްވުމާއި ވިއްކަން ފޮނުވާ ތަކެއްޗަށް ވީނުވީއެއް ނޭނގުން ފަދަ މައްސަލަތަކެވެ.

ތޮއްޑޫ ކަރާ މާލެ ގެނައުމަށް ގޯނިތަކަށް އަޅާފައި--- ސަން ފޮޓޯ

ތޮއްޑޫއިން "ސަން"އާ ވާހަކަ ދެއްކި ބައެއް ދަނޑުވެރިން ބުނީ ކުރިން ބައެއް ފަހަރު ފައިސާ ނުވެސް ލިބޭ ކަމަށެވެ.

"ކުރިން ވާ ގޮތަކީ މާރުކޭޓުގައި ތިބި މީހުން ދިން ދުވަހަކުން ލާރި ލިބެނީ. ގިނަ ފަހަރު ބިދޭސީއެއް އަތަށް ދީގެން މި ވިއްކަނީ. ބައެއް ފަހަރު ބުނާނެ މިފަހަރު ނުލިބުނޭ ލާރިއެއް." ދަނޑުވެރިކަމުގައި 15 އަހަރުގެ ތަޖުރިބާ ހުރި މީހަކު ކިޔައިދިނެވެ.

"އެކަމަކު މިހާރު އޮވޭ ލާރި ލިބޭނެ ކަމުގެ ޔަގީންކަން. ހައްދާ ކޮންމެ އެއްޗެއް ވިކޭނެ ކަމުގެ. މިއީ ހަގީގަތުގައި ވެސް އަޅުގަނޑުމެންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް." އޭނާ ބުންޏެވެ.

އެގްރިސެންޓަރުން ގަންނަ އަގު، ދަނޑުވެރިންނަށް ބަރާބަރު

ދަނޑުވެރިން ހައްދާ ތަކެތި އެސްޓީއޯ އެގްރިސެންޓަރުން ގަންނާނެ އަގުތައް ހުންނަނީ ކުރީ ބައިގައި ކަނޑައެޅުމަށްފަހު، ވެބްސައިޓުގައި އާންމުކޮށްފައެވެ. މިއީ ބާޒާރުގެ އަގުތަކަށާއި ދަނޑުވެރިން ކުރާ ބުރާ މަސައްކަތް ދިރާސާ ކުރުމަށްފަހު، ދަނޑުވެރިންނަށް ވެސް އެންމެ ފައިދާ ކުރަނިވި ފަދަ ގޮތަކަށް ކަނޑައަޅާފައިވާ އަގުތަކެކެވެ.

ދަނޑުވެރިކަމުގައި އުޅޭތާ 20 އަހަރު ވެފައިވާ މުހައްމަދު ރާފިއު ބުނި ގޮތުގައި އެސްޓީއޯ އެގްރިސެންޓަރުން ނެރުނީ ވަރަށް ރަނގަޅު އަގުތަކެކެވެ. އޭނާ ބުނީ ކުރިން މާލޭގެ ބާޒާރަށް ފޮނުވައިގެން ލިބޭ ނަފާއަށްވުރެ މިހާރު ލިބޭ ނަފާ މާ ރަނގަޅު ކަމަށެވެ.

"ބަރަބޯ ކިލޯއެއް ވެސް އެސްޓީއޯ އެގްރިސެންޓަރުން ގަންނަނީ 19 ރުފިޔާއަށް. އެކަމަކު މާލޭގެ ބާޒާރަށް ބަރަބޯ ކިލޯއެއް ވިއްކެނީ 10 ރުފިޔާއަށް. ހަގީގަތުގައި މިއީ ވަރަށް ރަނގަޅު ފެށުމެއް. އަޅުގަނޑު މިހާރު ވެސް އެސްޓީއޯގައި ރަޖިސްޓްރީ ކޮށްފައި ވާނީ. އަޅުގަނޑަށް އެނގޭ ބަރާބަރު ތިން ދުވަހުގެ ތެރޭގައި ލާރި ލިބޭނެކަން. ކުރިން އެބަހުރި މާލެއަށް ވިއްކަން ފޮނުވާފަ ފައިސާ ނުލިބިފައި ވެސް." ކުރީގެ ހާލަތާއި މިހާރުގެ ހާލަތާ ހުރި ތަފާތު އޭނާ ކިޔައިދިނެވެ.

އެގްރިސެންޓަރާއެކު ދަނޑުވެރިން ކުރާ މަސައްކަތަށް ހައްގު އުޖޫރައެއް

މީގެ ކުރިން ދަނޑުވެރިންގެ މަސައްކަތަށް ލިބެމުން އައީ ހައްގު އުޖޫރައެއް ނޫން ކަން، ތޮއްޑޫއިން ވާހަކަ ދެއްކި ގިނަ ދަނޑުވެރިންގެ ވާހަކަތަކުން އެނގެއެވެ.

ދަނޑުވެރިން އަތުން މޭވާއާއި ތަރުކާރި ހެޔޮ އަގެއްގައި ގަތުމަށްފަހު މާލޭގެ ބާޒާރަށް ބޮޑު އަގެއްގައި ވިއްކާއިރު، ދާ އޮހޮރުވައިގެން ބުރަ މަސައްކަތް ކުރާ ދަނޑުވެރިޔާއަށް، އެ މަސައްކަތުން މާ ބޮޑު ނަފާއެއް ނުލިބެއެވެ.

ރާފިއު ބުނީ މީގެ ކުރިން ތަކެތި ވިއްކާއިރު އަގު ކަނޑައަޅަނީ ބާޒާރުގައި ތިބޭ މީހުން ކަމަށެވެ. އެގޮތަށް އޮތުމުން ބުރަ މަސައްކަތް ކުރާ ދަނޑުވެރިންނަށް ލިބޭ ފައިދާއަށް ވުރެ ބާޒާރުގައި އެ ތަކެތި ވިއްކަން ތިބޭ މީހުންނަށް ލިބޭ ފައިދާ ބޮޑު ކަމަށް ވެސް އޭނާ ބުންޏެވެ.

ތޮއްޑޫ ކަރާ ދަނޑުގައި ދަނޑުވެރިން--- ސަން ފޮޓޯ

"އެގްރިސެންޓަރު އައިމަ ކުރީ ބައިގައި އެބަ އެނގޭ ލިބޭނެ އުޖޫރަ. ކުރިން ތަކެތި ވިއްކާފައި ފައިސާ ނުލިބި ވެސް ހުރޭ. އެއް އަހަރު ފަހުން ވެސް އެބަހުރި ލާރި ލިބިފައި. ފުލުހުންނާ ހިސާބަށް ވެސް ކުރިން ޖެހޭ ފައިސާ ހޯދަން ދާން. އެހެންވީމަ މިއީ އަޅުގަނޑުމެނަށް ވަރަށް ބޮޑު ފަސޭހައެއް." އޭނާ ބުންޏެވެ.

އެގްރިސެންޓަރުގެ ޕްރޮސީޖާ ރޭވިފައިވާ ގޮތް

ތޮއްޑޫ އެގްރިސެންޓަރުގެ ޕްރޮސީޖާ ވެސް ރާވާފައިވަނީ މާލޭގައި ހުންނަ އެގްރިސެންޓަރާ ދާދި އެއް ގޮތަށެވެ. އެ ޕްރޮސީޖާ ރާވާފައިވާ ގޮތަކީ؛
  • އެގްރިސެންޓަރު މެދުވެރިކޮށް ތަކެތި ވިއްކުމަށް ޓަކައި ރަޖިސްޓްރީ ވުން. މިކަމަށް ބޭނުންވާ ފޯމު އެސްޓީއޯގެ ވެބްސައިޓުން ލިބޭނެ.
  • އެގްރިސެންޓަރުން ގަންނަ ބާވަތްތައް، ގަންނަ އަގުތަކާއެކު ހުންނާނީ އިއުލާނު ކޮށްފައި
  • މާލެ ނައިސް އެ އަތޮޅު މީހުންގެ އިތުރުން އެހެން މީހުންނަށް ވެސް އެގްރިސެންޓަރުގައި ރަޖިސްޓްރީ ކޮށްގެން ތަކެތި ވިއްކުމުގެ ފުރުސަތު އޮންނާނެ
  • ދަނޑުވެރިޔާ އަތުން ތަކެތި ގަންނަތާ ތިން ދުވަހުގެ ތެރޭގައި އެމީހެއްގެ އެކައުންޓަށް އެގްރިސެންޓަރުން ފައިސާ ޖަމާކޮށްދޭނެ

އެގްރިސެންޓަރުން ލިބޭ ބޮޑެތި ފަސޭހަތަކާއެކު މިހާރު ވެސް ތޮއްޑޫ އެގްރިސެންޓަރުގައި ތަކެތި ވިއްކުމަށް 500 އެއްހާ ދަނޑުވެރިން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

އެގްރިސެންޓަރު: ދަނޑުވެރިންގެ ދިގު އިންތިޒާރަކަށް އައި ނިމުމެއް

ތޮއްޑޫގެ އިގްތިސާދުގެ ބޮޑު ބައެއް ބިނާވެފައި އޮންނަނީ ދަނޑުވެރިކަމަށެވެ. އެހެންކަމުން ތޮއްޑޫ ކައުންސިލުން ވެސް ސިފަ ކުރަނީ މިއީ އެ ރަށުގެ ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސްދޭނެ އަދި ރަށުގެ އިގްތިސާދު އިތުރަށް ފުޅާވާނެ ފަދަ ކަމެއްގެ ގޮތުގައެވެ.
ތޮއްޑޫ އެގްރިސެންޓަރު ހުޅުވުން-- ފޮޓޯ/އެސްޓީއޯ
"ތޮއްޑޫގެ 90 ޕަސެންޓް މީހުންނަކީ ދަނޑުވެރިން. އެސްޓީއޯއަކީ ސަރުކާރު ކުންފުންޏަކަށް ވުމާއެކު، ޔަގީންކަން އޮންނާނެ ދަނޑުވެރިންނަށް ލާރި ލިބޭނެ ކަން. ތޮއްޑޫގެ ދަނޑުވެރިން އަބަދުވެސް ދެކެމުން އައި ހުވަފެނެއް މީ،" އެގްރިސެންޓަރު ހުޅުވުމާއެކު އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން "ސަން"އާ ވާހަކަ ދައްކަވަމުން ތޮއްޑޫ ކައުންސިލްގެ ނައިބު ރައީސް އައިމިނަތު ފަޒްލާ ވިދާޅުވިއެވެ.

ތޮއްޑޫގެ އާބާދީގެ އެހާ ބޮޑު ބައެއް ދަނޑުވެރިކަން ކުރަމުން އައުމާއެކު، އެ ރަށުގެ ބިމުން ތިންބައިކުޅަ އެއްބައި ހާއްސަކޮށްފައިވަނީ ދަނޑުވެރިކަން ކުރުމަށް ކަމަށް ފަޒްލާ ވިދާޅުވިއެވެ.

އެހެންކަމުން އެގްރިސެންޓަރު ހުޅުވުމަކީ ދަނޑުވެރިކަން ކުރާ މަސައްކަތަށް ބޮޑު ލުއިތަކެއް ގެނެސްދީ، އެ ރަށުގެ އިގްތިސާދު އިތުރަށް ފުޅާވެ އަދި ދަނޑުވެރިކަން ކުރުމަށް އެ ރަށު ރައްޔިތުންނަށް މި މަސައްކަތް ކުރަން ލިބިގެންދާނެ އިތުރު ހިތްވަރެއް ކަމަށް ފަޒްލާ ވިދާޅުވިއެވެ.

ތޮއްޑޫ އެގްރިސެންޓަރު-- ފޮޓޯ/އެސްޓީއޯ

އއ. އަތޮޅުގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ރަށަކީ ތޮއްޑޫއެވެ. ކަން މިހެން އޮތުމާއެކު ސީދާ ރަށުގައި ތިބެގެން، ދަނޑުވެރިން ހައްދާ އެތިކޮޅު ކިރާލައި، ފަސޭހައިން ވިއްކުމުގެ ފުރުސަތު ފަހިވުމަކީ ދަނޑުވެރިންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.

comment ކޮމެންޓް