ކަނޑޫދޫ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގެންފި

ކަނޑޫދޫ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް ސޯލިހު މާލެ ވަޑައިގަތުން-- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތ. ކަނޑޫދޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސް ސޯލިހުގެ އެ ދަތުރުފުޅުގައި ކަނޑޫދޫގެ ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ހަރަކާތްތައް ވަނީ ފަށްޓަވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ފާޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން، ކާބޯތަކެތީގެ މައުރަޒު ވެސް ހުޅުއްވައިދެއްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ގައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާ ވެސް ޝަރަފުވެރި ކޮށްދެއްވާފައެވެ.

ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހެވެ. އަދި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު 16 ވަނަ ދުވަހެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަކުރަނީ ރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރު ކުރުމުގެ ގޮތުން ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރި ކުރުވުމަށެވެ.

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހި ކޮށްދިނުމަށްޓަކައެވެ.

comment ކޮމެންޓް