މަހުމޫދު ކޮއްކޮގެ ފިހާރަ މީގެ ދުވަސްކޮޅެއް ކުރިން ފަޅާލި: ތުހުމަތުކުރަނީ އެއްބަޔަކަށް!

މަހުމޫދު އަބޫބަކުރުގެ އެއްބަނޑު ކޮއްކޮ، އަންވަރު ސޯލިހު ހިންގާ ފިހާރަ -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

(އދ. ދަނގެތިން) ބުރާސްފަތި ދުވަހު މި ރަށުގެ ރައްޔިތުންނަށް ބިރުވެރިކަން ގެނުވީ އަނިޔާވެރި ގޮތަކަށް މި ރަށުގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރައިލައިފައި އޮއްވާ ފެނުމުންނެވެ.

މީގެ ކުރިން މިފަދަ ލާއިންސާނީ އަމަލެއް ދުވަހަކު ވެސް ދެކިފައިނުވާ ދަނގެތީގެ ރައްޔިތުން މިއަދު ތިބީ ކުއްލި ޝޮކެއްގައެވެ. އެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިރަށު މީހަކު އެވަރުގެ ކަމެއް ނުކުރާނެއެވެ.

މަހްމޫދަކީ މި ރަށު ކުދިބޮޑު އެންމެންގެ ގަދަރާއި ލޯބި ލިބިފައިވާ ވިޔަފާރިވެރިއެކެވެ. އޭނާގެ ކެފޭއެއް ހުރެއެވެ. އޭނާއަކީ ކާޑު ވިއްކާ މީހެކެވެ. އަދި ގޭސްފުޅިއާއި ފެން ވެސް އޭނާ ވިއްކައެވެ.

މަހްމޫދުގެ މަރާއެކު ދަނގެތީގެ ރައްޔިތުން ތުހުމަތު ކުރީ އެ ރަށަށް އައިސްގެން އުޅޭ ތޮއްޑޫ ދެމީހަކަށެވެ. އަނިޔާވެރި ގޮތަކަށް މަރާލުމަށްފަހު ފަޅުގެއެއް ތެރޭގައި ވަޅަކަށް ވައްޓައިލައިފައި އޮތް މަހުމޫދު ފެނުމުން ރަށު ރައްޔިތުން ތުހުމަތު ކުރާ ދެމީހުން އަތުލައިގަތެވެ.

ރައްޔިތުން އެ މީހުންނަށް އަނިޔާއެއް ކޮށްފާނެތީ ފުލުހުންގެ ހިމާޔަތަށް އެ ދެ މީހުން ގެންދިޔައެވެ. އަދި އޭގެ ފަހުން އެ މީހުންނާ ގުޅުން ހުރި ދަނގެތީ އަންހެނަކު ވެސް ފުލުހުންގެ ހިމާޔަތަށް ގެންދިޔައެވެ.

މަހުމޫދު ކޮއްކޮގެ ފިހާރަ ފަޅާލީ މީގެ 10 ވަރަކަށް ދުވަސްކުރިން!

މަހްމޫދުގެ އެއްބަނޑު ކޮއްކޮ އަންވަރު ސޯލިހަކީ މި ރަށުގައި ފިހާރައެއް ހިންގަމުން އަންނަ ވިޔަފާރިވެރިއެކެވެ. އޭނާގެ ފިހާރަ މީގެ 10 ވަރަކަށް ދުވަސް ކުރިން ބަޔަކު މީހުން ވަނީ ފަޅައިލައިފައެވެ.

ވަގުން ފިހާރައަށް ވަދެފައިވަނީ ވަރަށް "ޕްރޮފެޝަނަލް" ގޮތަކަށެވެ. އެގޮތުން، ފިހާރައިގެ ދޮރުން ފުރަތަމަ ވައްބުރަކަށް ވާހެން ބިއްލޫރިގަނޑު ކަފާލިއެވެ.

" އޭރުގައި އިންނާނީ ތަޅުދަނޑި ނުލާ އެތެރޭން ހުޅުވޭ ކަހަލަ ތަޅެއް ލައިފައި. ދެން އެތަނުން ވައްބުރަކަށް ކަފާލާފަ އަތް ލައްވާފަ ފިހާރަ ހުޅުވައިފައި ހުރީ،" އަންވަރު ކިޔައިދިނެވެ.

އަންވަރު ސޯލިހް "ސަން"އަށް އިންޓަވިއު ދެނީ --

ވައްކަން ކުރަން އެ މީހުން މަސައްކަތް ކުރި މަންޒަރު އެ ފިހާރައިގެ ކެމެރާއަށް ވަނީ އަރައިފައެވެ. އެ މީހުން ވައްކަން ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.

" ވައްކަން ކުރަން އެކަކު ވަންއިރު އަނެކަކު އިނީ ފިހާރަ ކުރިމަތީގައި ބޭރުގައި. ދެން އޭނާ އަތުން އިޝާރާތެއް ކޮށްލާއިރަށް އަނެކަކު ފިލަނީ،" ދަނގެތިން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

މި މައްސަލައިގައި ވެސް ދަނގެތީ ރައްޔިތުން ތުހުމަތު ކުރަނީ، މަހުމޫދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރާ މީހުންނަށެވެ. އަދި ސީސީޓީވީ ފުޓޭޖުން އެ ފެންނަނީ އެ މީހުންކަން ޔަގީންވާ ކަމަށް ވެސް މި ރަށުން ވާހަކަ ދެއްކި ގިނަ މީހުން ބުންޏެވެ.

"ސަން"އާ ވާހަކަ ދައްކަމުން އަންވަރު ބުނީ އެކަމުގައި ތުހުމަތު ކުރެވެނީ އެމީހުންނަށް ކަމުގައި ފުލުހުން ގާތުގައި ބުނެފައިވާނެ ކަމަށެވެ. އަދި އެކަމުގައި އެ މީހުންނާ ސުވާލުކުރާނެ ކަމަށް ފުލުހުން ބުނިކަމަށް އަންވަރު ކިޔައިދިނެވެ.

"އަޅުގަނޑު ފަހުން އަހާލިން ސުވާލު ކުރިންތޯ ފުލުހުން ގާތު. އަހާލީމަ ބުނި އެ މީހުން ބުންޏޭ އެ ރޭ ގެއިން ވެސް ނުނިކުންނަމޭ،" އަންވަރު ކިޔައިދިނެވެ.

ފުލުހުން ގާތުގައި އެ މީހުން އެހެން ބުނި ކަމުގައި ވިޔަސް އެ ރޭ އެ މީހުން ބޭރުގައި އުޅެނިކޮށް އެ ރަށުގެ ބައެއް މީހުންނަށް ވަނީ ފެނިފައެވެ. އަދި އެ މީހުން އެ ކަން ކުރި ކަމަށް ރަށުގެ ހުރިހާ ރައްޔިތުންހެން ތުހުމަތު ކުރެއެވެ.

އެ މީހުން ރަށަށް ދިޔަ ފަހުން ކުށް ގިނަ!

ދަނގެތިން ވާހަކަ ދައްކާލެވުނު ގިނަ މީހުން ބުނި ގޮތުގައި ދަނގެއްޗަކީ ވަރަށް ކުށްމަދު، އަމާން ރަށެކެވެ. ކުދިކުދި ކުށް މީހުން ކޮށް އުޅުނުކަމުގައި ވިޔަސް، ބޮޑު ކުށަކަށް އަރައިގަންނާކަށް މި ރަށު މީހަކަށް ނުކެރޭނެއެވެ.

މަހުމޫދު މަރާލި މައްސަލައިގައި، އަދި އޭނާގެ ކޮއްކޮ އަންވަރުގެ ފިހާރަ ފަޅާލި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންނަކީ ވަރަށް ފަހުން މި ރަށަށް އައި ދެ މީހުންނެވެ.

އެ މީހުންގެ ތެރެއިން 31 އަހަރުގެ މީހާ އަކީ ދަނގެތީ ފިރިހެނަކަށް ތޮއްޑޫ މީހަކާ އިނދެގެން ލިބިފައިވާ ދަރިއެކެވެ. ތުހުމަތު ކުރެވޭ 20 އަހަރުގެ މީހާ އަކީ 31 އަހަރުގެ މީހާގެ އެއްބަނޑު ދައްތަގެ ދަރިއެކެވެ. ދަނގެތީ މީހުން ތުހުމަތުކުރާ ގޮތުގައި އެ ދެ މީހުންނަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ މީހުންނެވެ.

އެރަށުން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި ތުހުމަތު ކުރެވޭ 31 އަހަރުގެ މީހާ މިދިޔަ މަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

މަހުމޫދު މަރާލިކަމަށް ރައްޔިތުން ތުހުމަތުކުރާ މީހުން އުޅުނު ގެ : ފުލުހުން ވަނީ ބަންދުކޮށްފައި -- ސަން ފޮޓޯ/ ޢާލިމް އަބްދުއްލަތީފް

މި މައްސަލާގައި ތުހުމަތު ކުރެވޭ 31 އަހަރުގެ މީހާއަކީ މީގެކުރިން އއ. ތޮއްޑޫގައި ގެސްޓު ހައުސްއެއްގެ ތަކެއްޗަށް ގެއްލުންދިން ކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. އެކަމާ ގުޅިގެން ތޮއްޑޫގައި ބަޔަކު މީހުން ވަނީ އޭނާގެ ގައިގައި ތަޅައި އަނިޔާކޮށް ރަށުން ބާލާފައެވެ. އޭނާ ދަނގެއްޗަށް ދިރިއުޅުން ބަދަލުކުރީ އޭގެ ފަހުންނެވެ.

ދަނގެތީ މީހުން ބުނާ ގޮތުގައި އެ ދެމީހުން ރަށަށް އައި ފަހުން އެ ރަށުގައި ކުށްކުރުން ވަނީ އިތުރުވެފައެވެ. އަދި އެ މީހުންގެ ސަބަބުން ރަށުގައި ކޮންމެވެސް ވަރަކަށް ބިރުވެރިކަން ވަނީ އުފެދިފައެވެ.

މިހާރު ތިބީ އެހެން މައްސަލައެއްގެ ބަންދުގައި!

މަހުމޫދު މަރާލިކަމަށް މި ރަށު ރައްޔިތުން ތުހުމަތު ކުރާ ދެ މީހުން މިހާރު ތިބީ އެހެން މައްސަލައެއްގައި ބަންދުކޮށްފައިކަން "ސަން"އަށް ވަނީ ކަށަވަރު ވެފައެވެ.

ފުލުހުންގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ދަނގެތީ ރައްޔިތުން އިއްޔެ ފުލުހުންނާ ހަވާލުކުރި ތިން މީހުން މިހާރު ތިބީ އެހެން މައްސަލައެއްގައި ހައްޔަރު ކޮށްފައި ކަމަށެވެ.

"ސަން"އިން ހޯދިހޯދުމުން އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ދަނގެތީ ރައްޔިތުން ތުހުމަތު ކުރަނީ އއ.ތޮއްޑޫ، ފޮރިންވިލާ، އަލީ ޖަމްޝާދު، 31 އާއި ހަމަ އެ ގޭ ޝާރިހް އަލީ، 20 އަށެވެ.

އއ. ތޮއްޑޫ، ފޮރިންވިލާ، ޖަމްޝާދު އަލީ ---

މަހުމޫދުގެ ކޮއްކޮ، އަންވަރުގެ ފިހާރަ ފަޅާލި މައްސަލައިގައި ވެސް އެ މީހުންނަށް މި ރަށު ރައްޔިތުން ތުހުމަތު ކުރާއިރު އެ މީހުން ހައްޔަރު ކޮށްފައިވަނީ އެ މައްސަލައިގެ ތުހުމަތުގައި ކަމަށް ވެސް ވުން ގާތެވެ.

comment ކޮމެންޓް