ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، މޮމްސް ޖަމިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ސުޕަ ކިޑްސް ޗެލެންޖް" އިފްތިތާހްކޮށްދެއްވައިފިއެވެ.
މި ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ މެންދުރުފަހު މާގިރި ހޮޓަލުގައެވެ.
"ސުޕަ ކިޑްސް ޗެލެންޖް" އަކީ ކުޑަކުދިން އެކުދިންގެ މައިންބަފައިން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކާއެކު އުނގެނުމަށާއި، މަޖާ ވަގުތުކޮޅެއް ހޭދަކުރުމަށް އަމާޒުކޮށްގެން ރާވާފައިވާ ސިލްސިލާ ހަރަކާތްތަކެކެވެ.
މި ހަފްލާގައި ފަޒްނާ ވަނީ މޮމްސް ޖަމިއްޔާއިން ހާސީލު ކުރުމަށް ކަނޑައަޅާފައިވާ މަގްސަދުތަކުގެ ތެރޭގައި، ގައުމީ ފެންވަރެއްގައި އެންމެ ބޮޑަށް މަސައްކަތްކުރަމުން އަންނަ ތިން ކަމެއްކަމުގައިވާ އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރުމުގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާއާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް އަޑު އުފުލުން ހިމެނޭކަން އުފަލާއެކު ފާހަގަކުރައްވާފައެވެ.
އަދި އެކަމަނާ ވަނީ އަންހެނުން ބާރުވެރިކުރުވައި އަންހެނުންގެ ދިރިއުޅުން ފަސޭހަކުރުމަށް މޮމްސް ޖަމިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން، އެކަމަނާ ވަނީ ކޮވިޑް-19ގެ ފުރަބަންދުގެ ހާލަތުގައި ކުޑަކުދިން ފޫހިވިޔަނުދީ ތިބުމަށްޓަކައި ނިމިދިޔަ ރަމަޟާން މަހު ސުޕަ ކިޑްސް ޗެލެންޖްގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވާތީ އެކަމަށް ތައުރީފުކުރައްވާފައެވެ.
އަދި އެކަމަނާ ވަނީ އޯގާތެރިކަމާއި، ލޯބިވުމާއި، އެހެން މީހުންގެ އިހްސާސްތަކަށް އިހްތިރާމް ކުރުމަކީ ކުޑަކުދިންގެ ގައިގައި ހުރުން މުހިންމު ސިފަތަކެއްކަމުގައި ފާހަގަކުރައްވައި މިފަހަރުގެ ޕްރޮގްރާމުގައި އޯގާތެރިކަމުގެ ސިފަ އަށަގެންނެވުމަށް ހަރަކާތްތަކެއް ހިމަނާފައިވާތީ އެކަމަށްޓަކައި އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ އެ ޕްރޮގްރާމުގައި ހިމެނޭ ކަންކަން ފުރިހަމަކުރުމަށް ކުދިންނަށް ބޮޑަށް ފުރުސަތު ދީގެން ބެލެނިވެރިން އެހީތެރިންގެ ދައުރު އަދާކުރުމަށް ބާރުއަޅުއްވާފައެވެ.
އެ ހަފްލާގައި ކުދިންނަށް ހުސްވަގުތު ދިނުމުގެ މުހިންމުކަމާމެދު ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ ކުދިން ކުރުމަށް ޓަކައި ހަވާލުކުރާ މަސައްކަތްތަކާއި، ހުސްވަގުތު ދިނުމުގައި ބެލެންސް ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަނާ ވަނީ މިކަމުގެ ސަބަބުން ކުދިންގެ ހުސްވަގުތުގައި އެކުދިންނަށް އެދުވަހު ހިނގިކަންކަމާމެދު ވިސްނާލުމަށް ފުރުސަތު ލިބި، އެކުދިންގެ މުސްތަގްބަލާމެދު ވިސްނުމަށް މަގުފަހިވެގެންދާނެކަމުގައި ވިދާޅުވެފައެވެ.
ހަމަ އެއާއެކު އެކަމަނާ މުދައްރިސްކަން ކުރެއްވި ދުވަސްވަރުގެ ކަންކަމާއި، އަދި މަންމައެއްގެ ދައުރު އަދާކުރައްވާ ފަރާތެއްގެ ހައިސިއްޔަތުން މި ހަފްލާގައި ވަނީ ބައެއްކަންކަން ހިއްސާކުރައްވާފައެވެ.
އެގޮތުން އެކަމަނާ ވަނީ ކުދިން އަމިއްލައަށް ގޮތް ނިންމަން ދަސްކޮށްދިނުމަށް އެހީތެރިވުމަށް ބެލެނިވެރިންނަށް ނަސޭހަތްތެރިވެލައްވާފައެވެ. އަދި މިކަން ހާސިލުވާނީ ކުދިންނަށް އެކުދިން ކުރުން މުހިންމު ކަންކަން ދެނެގަތުމަށް ފުރުސަތު ފަހިކޮށްދީގެންކަމަށާއި، އެކުދިންގެ ހުސްވަގުތުތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ފުރުސަތުފަހިކޮށްދީގެންކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވަނީ ބެލެނިވެރިން ކުދިންނާއިއެކު ވަގުތު ހޭދަކުރުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން އެކަމަނާ ވަނީ ކުދިންގެ ހުސްވަގުތުތައް ފުރާނެ ގޮތްތައް ރޭވުމުގައި އެކުދިންނާއި އެކު ވަގުތު ހޭދަކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.
މި ހަފްލާގައި ފަޒްނާގެ އަރިހުގައި ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް މިނިސްޓަރު އަހްމަދު މަޚްލޫފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މޮމްސް ޖަމުއިއްޔާއަކީ 2016 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާއެކެވެ.
މި ޖަމިއްޔާއަކީ މިވަގުތު ރާއްޖޭގައި އެންމެ ގިނަ އަންހެނުންނަށާއި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެވެ. މި ޖަމިއްޔާގައި 100 ރަށުން ޖުމްލަ 37،000 މެންބަރުން ތިބެއެވެ.